ރައްޔިތުންނަށް ހައްގު މިންވަރަށް ހަކަތަ ފޯރުކޮށްދިނުމަކީ އިންޑިއާއަށް އޮތް ވާޖިބެއް ކަމަށް ޕެޓްރޯލިއަމް އެންޑް ނެޗުރަަލް ގޭސް މިނިސްޓަރު ހަރުދީޕް ސިންގް ޕޫރީ ވިދާޅުވެއްޖެ އެވެ.
ރަޝިއާއަށް ދަތިކުރަން ހުޅަނގުން އަޅާފައި ހުރި ފިޔަވަޅުތަކަށް ބެލުމެއް ނެތި އިންޑިއާ އާއި ރަޝިއާ ވިޔަވާރި އެއްބަސްވުންތައް އާކޮށް ގުޅުން ބަދަހިކުރުން އެމެރިކާއަށް ވެފައި އޮތީ ދިލަގަދަ ކަމަކަށެވެ.
ޔުކްރޭނަށް އަރައިގަނެ ރަޝިއާ ސިފައިން ދެމުންގެންދާ ހަމަލާތައް ކުށްވެރި ކުރުމަށް އދ. ގައި ނެގި ވޯޓުގައި އިންޑިއާ ވަކިކޮޅަކަށް ނުޖެހެ އެވެ. އަދި ރަޝިއާ ކުށްވެރި ކުރުމުގައި ހުޅަނގާ ބައިވެރިއެއް ވެސް ނުވެ އެވެ.
އިންޑިއާ ބުނާ ގޮތުން ރަޝިއާގެ ހަކަތަ ގަތުމަކީ ޔުކްރޭން ހަނގުރާމައަށް އެހީތެރިވުމެއް ނޫނެވެ. އިންޑިއާގައި ހަކަތަ ބޭނުންވާ ބޮޑު އާބާދިއެއް އޮތް ކަމަށްވެސް ގޭސް ވަޒީރު ވިދާޅުވި އެވެ.
ހަރުދީޕް ސިންގް ވިދާޅުވި ގޮތުގައި ދުވާލަކު ފަސް މިލިއަން ފީފާ ތެޔޮ އިންޑިއާއަށް ބޭނުންވެ އެވެ. އެއީ އިންޑިއާގެ ބިޔަ އާބާދީ -- 1.38 ބިލިއަން މީހުންނަށް ދުވާލަކު ބޭނުންވާ އަދަދެވެ.
އެ އަދަދު އަދި އިތުރުވާން އޮތްއިރު ހަކަތަ ލިބެން ހުރި ތަނަކުން ލިބިގަތުމަށް މަގު ތަނަވަސް ކުރުމުގެ ބަދަލުގައި އެއްބަޔަކު އަނެއް ބަޔަކާ އަރާރުންވުމުން އިންޑިއާއަށް ބޭނުންވާ ހަކަތަ އިމްޕޯޓްކުރާނީ ކޮންތާކުންތޯ ވަޒީރު ސުވާލު ކުރެއްވި އެވެ.
ދުނިޔޭގެ މަސްލަހަތަށް އިންޑިއާ ހިއްސާވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ. ދެ ގައުމުއްގެ ދެމެދުގައި ކުރެވޭ ބަހުސެއްގައި އިންޑިއާގެ ދައުރެއް އޮތް ނަމަ ވަޒީރު ވިދާޅުވި ގޮތުގައި އަމާނާތްތެރިކަމާއެކު އިންޑިއާ ހިއްސާވާނެ އެވެ.
އިންޑިއާއާށް ބޭނުންވާ ތެޔޮ ހޯދުމުގައި އެ ގައުމުން މިހާރު އެންމެ ބޮޑަށް އިތުބާރުކުރާ ދެވަނަ ގައުމަކީ ރަޝިއާ އެވެ.
އެހެން ނަމަވެސް ރަޝިއާއަށް ދަތިކޮށް ބިކަކޮށްލުމަށް ހުޅަނގުން ގެންގުޅޭ ރޭވުންތަކުގައި އިންޑިއާ ބައިވެރިނުވުން ވެފައި ވަނީ ވަރަށް ބޮޑު މައްސަލައަކަށެވެ.
އިންޑިއާ ބުނާ ގޮތުން ގައުމީ މަސްލަހަތަށް ވުރެ އެހެން ބައެއްގެ މަސްލަހަތު މުހިއްމެއް ނުވާނެ އެވެ.