ރަޝިޔާ

އަގު ކޮންޓްރޯލް ކުރުމަކުން ތެލަށް އޮތް ޑިމާންޑް ނެތި ނުދާނެ

ރަޝިއާގެ ތެލަށް ހުޅަނގުން ވަކި އަގެއް ކަނޑައަޅައި އަގު ކޮންޓްރޯލްކުރި ނަމަވެސް ދުނިޔޭގެ މާކެޓްގައި ރަޝިއާގެ ތެލަށް އޮތް ޑިމާންޑަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެމެރިކާގައި ހުންނަ ރަޝިއާ އެމްބަސީން ބުނެފި އެވެ.

އެމްބަސީން ބުނި ގޮތުގައި މިފަދަ ފިޔަވަޅެއް ދަމަހައްޓައިފި ނަމަ ގިނަ ބަޔަކަށް ދަތިހާލު ޖެހޭނެ އެވެ. ތަކެތީގެ އަގުބޮޑުވުމާއި މާކެޓްގައި ނުތަނަވަސްކަން އިތުރުވުން އަދި ހަރަދު ބޮޑުވުމަކީ ވެސް ބޭނުންކުރާ މީހުން ތަޖުރިބާކުރާނެ ބިރަކަށް ވާނެ ކަމަށް ވެސް އެމްބަސީން ވަނީ ބުނެފަ އެވެ.

ސިޔާސީ ސަބަބުތަކަށް ޓަކައި -- ނުފޫޒުގަދަ ބައެއްގެ ހިތުގައި އޮތް ހަސަދަވެރި ކަމެއްގެ ސަބަބުން -- ގައުމުތަކުން އެކްސްޕޯޓްކުރާ މުދަލުގެ އަގު ކޮންޓްރޯލްކުރަން ފަށައިފި ނަމަ އެކަމުން ސަލާމަތްވާނެ އެއްވެސް ގައުމެއް ދުނިޔޭގައި ނޯންނާނެ ކަމަށް ވެސް ވޮޝިންޓަންގައި ހުންނަ ރަޝިއާ އެމްބަސީން ބުންޏެވެ.

އެމްބަސީން އަދި ބުނީ ގޮތެއް ނެތް ހަމަތަކެއް ރަޝިއާގެ ބޮލަށް ފައްތައި އަޑިނުބައި އެޖެންޑާތަކެއް ތަންފީޒުކުރަން އުޅުނު ނަމަވެސް ރަޝިއާގެ ތެލަށް އޮތް ޑިމާންޑް ދެމިއޮންނާނެކަން ޔަޤީން ކަމަށެވެ.

ދުނިޔެއަށް މުހިންމު އުފެއްދުންތައް ވިއްކަން ޖެހޭ އަގާއި ގަންނަން ޖެހޭ އަގު ކޮންޓްރޯލްކުރުމަކީ ހުޅަނގުން ކުރާ ވިޔާނުދާ ކަމަަށް ވެސް އެމްބަސީން ބުނެ އެވެ.

މިނިވަން ވިޔަފާރީގެ އަސާސްތައް އޮޅުވާލައި ބިރުވެރިކަން އުފެއްދުމުގެ ސަބަބުން ވަގު ވިޔަފާރި އިތުރުވުމާއި ސްމަގްލްކުރުން އިތުރުވުން ނޫން ކަމެއް ނުވާނެ ކަމަށް ވެސް އެމްބަސީން ބުނެ އެވެ.

ހުޅަނގަށް ތެޔޮ ނުލިބިގެން އުޅެނީ ރަޝިއާއިން ތެޔޮ ވިއްކާ އަގު ބޮޑުވެގެން ނޫން ކަމަށް ވެސް އެމްބަސީން ބުނެ އެވެ. އެއީ ޚުދު ހުޅަނގުން ކޮށްގެން އުޅޭ ކަމެއް ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތުމާ ގުޅިގެން ހުޅަނގުން ވަނީ ރަޝިއާ ބަނޑަށްޖެހޭ ވަރަށް ދަތިކުރުމުގެ ފިޔަވަޅުއަޅާފަ އެވެ. އެހެން ނަމަވެސް މަސްރަހު ބަދަލުވަމުން ދަނީ ހުޅަނގުން ކުޅިބައި އެތުރި ގޮތަކަށް ނޫނެވެ.

މިހިސާބުން ހުޅަނގަށް އޮތް ގޮތަކީ ދުނިޔޭގެ ބާޒާރަށް ރަޝިއާ ނެރޭ ތެޔޮ ވިއްކަން ޖެހޭ އަގު އެމީހުން އަމިއްލައަށް ކަނޑައަޅައި އެނޫން އަގެއްގައި ތެޔޮ ގަންނަ ގައުމުތަކަށް ދަތިކުރުމެވެ.

އެހެން ނަމަވެސް، މިހާރު ވެސް އެންމެ ގިނައިން ރަޝިއާގެ ތެޔޮ ގަންނަ އިޑިއާ އާއި ޗައިނާ އޮތީ ހުޅަނގުން ޖަހާހާ ބެރަކަށް ނަށާ ގޮތަކަށް ނޫނެވެ.

ދުނިޔޭގައި އެންމެ ބާރުގަދަ ކަމަށް ބުނާ ހަތް ގައުމު -- ޖީސެވަން ގައުމުތަކުން އަދި އޮސްޓްރޭލިއާ ވެސް ހިމެނޭ ގޮތުން ރަޝިއާގެ ތެލަށް ވަނީ ކަނޑައަޅައި ކޮންޓްރޯލްކޮށްފަ އެވެ. އެއީ ސާފުނުކުރާ ފީފާއަކަށް 60 ޑޮލަރެވެ.

މި ގަވާއިދަށް މިއަދުން ފެށިގެން އަމަލުކުރާނެ އެވެ. އަދި މި ގަވާއިދުގެ ތެރެއަށް ފެބްރުއަރީ ފަހެއް، 2023 ގައި އެމެރިކާ ވަދެގަންނާނެ އެވެ.

ރަޝިއާ ބުނާ ގޮތުން އަގު ކޮންޓްރޯލްކޮށްގެން ހުޅަނގުން އޮންނަންވީ އެވެ. ރަޝިއާ ވިއްކާ އަގެއްގައި ނުގަންނަ ނަމަ އެއީ އެ ގައުމެއްގެ އަމިއްލަ ނިންމުމެއް ކަމަށް ވެސް ރަޝިއާ ބުނެ އެވެ.