ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރަޝިއާގެ ތެލަށް ވަކި އަގެއް ކަނޑައަޅައި އެ ނޫން އަގަކަށް ތެޔޮ ނުގަންނަން ދަނީ މަޝްވަރާ ކުރަމުންނެވެ. އަދި އީޔޫއިން ވަކި އަގެއް ކަނޑައަޅައިފިނަމަ އެ އަގަށް ތަބާވުމަށް އެ މީހުންގެ ގާތް ގައުމުތަކަށް އޮތީ ގޮވާލާފަ އެވެ.
ޕޮލިޓިކޯ ނޫހުން -- އިޔޫގެ އޮފިޝަލަކާ ހަވާލާދީ -- ބުނާ ގޮތުގައި ރަޝިއާގެ ތެލަށް އީޔޫއިން ކަނޑައަޅާނީ ސާފުނުކުރާ ތެޔޮ ފީފާއަކަށް 62 ޑޮލަރެވެ. އެކަމަކު މިއީ އީޔޫގެ ބައެއް މެމްބަރު ގައުމުތަކުން ގަބޫލުކުރާ އަގެއް ނޫނެވެ.
ރިޕޯޓްތައް ބުނާ ގޮތުން ހަންގޭރީ އާއީ ޗެކް ރިޕަބްލިކް، ޕޮލޭންޑް އަދި ސްލޮވޭކިއާ އަށް 62 ޑޮލަރަކީ ބޮޑު އަގެކެވެ. މި ގައުމުތަކުން ބުނާ ގޮތުން އިޔޫއިން މި އަގަށް އެއްބަސްވުމުން ހުރިހާ ފައިދާއެއް ވާނީ ރަޝިއާ އަށެވެ.
ރަޝިއާ އިނދަޖައްސާލަން އެދޭ ނަމަ އީޔޫއަށް އޮތީ އަގު ކޮންޓްރޯލްކުރުމުގައި ވީހާވެސް ކުޑަ އަގެއް ކަނޑައެޅުން ކަމަށް މި ގައުމުތަކުން ބުނެ އެވެ.
ޕޮލިޓިކޯއަށް މައުލޫމާތު ދިން އީޔޫ އޮފިޝަލް ވިދާޅުވި ގޮތުގައި އިޔޫ މެމްބަރު ގައުމުތަކުގެ މެދުގައި އަގުލަބިއްޔަތު އޮތީ 62 ޑޮލަރަށެވެ. އަދި މިއަށް ވުރެ ހެޔޮ އަގެއް ކަނޑައެޅުމަށް ގޮވާލާ ގައުމުތަކާ މަޝްވަރާކުރުމަށް އިޔޫއާ އެކު އެމެރިކާގެ ޑިޕްލޮމެޓުން ބައިވެރިވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާ އާއި އީޔޫ ގަބޫލުކުރާ ގޮތުގައި ފީފާއަކަށް 62 ޑޮލަރަކީ އެންމެ ރަނގަޅު އަގު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޚަބަރުތައް ބުނާ ގޮތުން އީޔޫ ކޮމިޝަނުން ފުރަތަމަ ކަނޑައެޅި އަގަކީ ސާފުނުކުރާ ތެޔޮ ފީފާއަކަށް 65 ޑޮލަރާއި 70 ޑޮލަރާ ދެމެދުގެ އަގެކެވެ. އެހެން ނަމަވެސް މެމްބަރުންގެ މެދުގައި ކުރެވުނު މަޝްވަރާތަކަށް ފަހު 65 ޑޮލަރު ކަނޑައެޅީ އެވެ.
އީޔޫ މެމްބަރުންގެ މެދުގައި 62 ޑޮލަރާ މެދު ހިލާފު ހުރި ނަމަވެސް ޕޮލިޓިކޯ ބުނާ ގޮތުގައި މި އަގު ވަކި ކުޑައެއް ނުކުރާނެ އެވެ. ފަހަރެއްގައި ދެތިން ޑޮލަރުގެ ތަފާތަކުން ފައިނަލް އަގު ކަނޑައެޅި ނަމަވެސް، 62 ޑޮލަރުގައި އަދު ދަމަހައްޓާނެ ކަމަށް ބެލެވޭ ކަމަށް އެ ނޫހުން ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިޔޫ ގައުމުތަކަށް ވަކި އަގަކާ މެދު އެއްބަސް ނުވެވުނު ނަމަވެސް، ޑިސެމްބަރު ފަހެއްގެ ކުރިން އީޔޫއިން ވަކި އަގެއް ކަނޑައަޅައި މޭޒުގައި މުގުރުބުރި ޖަހާނެ އެވެ. އަދި އެނޫން އަގަކަށް ތެޔޮ ނުގަތުމަށް އީޔޫއިން ދުނިޔެއަށް ގޮވާލާނެ އެވެ.
ރަޝިއާ ބުނާ ގޮތުން ވަކި އަގެއް ކަނޑައަޅައި -- އެ ނޫން އަގަކަށް ތެޔޮ ނުގަންނަން ބޮޑާހާކާ އެއްވެސް ގައުމަކަށް ތެޔޮ ނުވިއްކާނެ އެވެ.
ރަޝިއާއަށް އާ މާކެޓްތައް މިހާރު ލިބެމުން އަންނައިރު ޔޫރަޕިއަން ޔޫނިއަނުން އަގު ކޮންޓްރޯލްކުރުން މައްސަލައަކަށް ނުވާނެ ކަމަށް ރަޝިއާ ބުނެ އެވެ.