ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމުތަކަށް އެތެރެކުރާ ގުދުރަތީ ގޭހަށް ވަކި އަގެއް ކަނޑައެޅުމާ މެދު އީޔޫގެ ލީޑަރުންނަށް އެއްބަސްވުމަކަށް ނާދެވުނެވެ.
އީޔޫ ލީޑަރުންނަށް އެއްބަސް ވެވުނީ ވަކި އަގެއް ކަނޑައެޅުމުން މާކެޓަށް އަންނާނެ ކަމަށް ބެލެވޭ ގެއްލުންތައް ދިރާސާކުރުމަށެވެ.
ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސެލާ ވޮންޑާ ލޭޔަން ނޫސްވެރިންނަށް ވިދާޅުވީ ހަކަތައިގެ އަގުތައް ދިރާސާކުރުމުގައި ދެމިތިބުމަށް އެކަށީގެންވާ ރަނގަޅު އަދި ހަރުދަނާ މަގުޗާޓެއް އޮތް ކަމަށެވެ.
ބެލްޖިއަމްގެ ވެރި ރަށް ބްރުސެލްސްގައި އޮތް އީޔޫ ލީޑަރުންގެ ސަމިޓަށް ހުށަހެޅުނު ކަރުދާހަށް ހަރުދަނާ ޚިޔާލު ލިބިފައި ހުރި ކަަމަށްވެސް އުރުސެލާ ވިދާޅުވި އެވެ.
ސަމިޓްގެ ފުރަތަމަ ދުވަސް ނިންމަވާލެއްވުމަށް ފަހު އޭނާ ވިދާޅުވީ ގޭހުގެ އަގަށް ވަކި ގޮތެއް ކަނޑައެޅުން މިވަގުތަށް މަޑުޖައްސާލުން މުހިންމު ކަމަށެވެ.
ގުދުރަތީ ގޭހަށް ވަކި އަގެއް ކަނޑައަޅަން އެދޭ ގައުމުތަކަކީ ފްރާންސް، އިޓަލީ، ސްޕެއިން އަދި ބެލްޖިއަމް ހިމެނޭ ގޮތުން އީޔޫގެ އިތުރު 15 ގައުމެކެވެ.
އެހެން ނަމަވެސް، ޖަރުމަނާއި ނެދަލޭންޑްސް އާއި ޑެންމާކް އަދި ބައެއް އެހެން ގައުމުތަކުން މި ވިސްނުމަށް ތާއީދެއް ނުކުރެ އެވެ.
ގޭހުގެ އަގު ކޮންޓްރޯލް ކުރަން ދެކޮޅު ގައުމުތަކުން ބުނަނީ ފިނި މޫސުން ކުރިމަތީގައި އޮއްވައި ހަކަތައިގެ އަގާ ކުޅެން ހަދައިގެން ގޯހެއް ވެދާނެ ކަމަށެވެ. އަދި އެކަށީގެންވާ ވަރަށް ހަކަތަ ސަޕްލައި ނުކުރެވުން މައްސަލައަކަށް ވެދާނެ ކަމަށެވެ.
ވޮންޑާ ލޭޔަން ވިދާޅުވި ގޮތުގައި އީޔޫގެ އެނާޖީ މިނިސްޓަރުން އޮކްޓޯބަރު މަހުގެ 25 ގައި އަލުން ބައްދަލު ކުރައްވާނެ އެވެ. އޭނާ އަދި ވިދާޅުވީ އަގުތަކަށް ވަކި ގޮތެއް ކަނޑައެޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ދެ ދުވަހަށް ދެމިގެންދާ ގޮތަށް ބާއްވާ ބައްދަލުވުމުގައި ބައެއް މައުޟޫއުތަކަށް ވަރަށް ތަފުސީލުކޮށް މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް އުރުސެލާ ވިދާޅުވި އެވެ.