ރަޝިއާ، ޔުކްރޭން ހަނގުރާމައިގައި އެމެރިކާއަށް ވުރެ ބޮޑު ގެއްލުމެއް ޔޫރަޕް ތަޖުރިބާކުރަން ޖެހިފައި އޮތް ކަމަށް ޔޫރަޕިއަން ކައުންސިލްގެ ރައީސް ޗާލް މިޗެލް ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވޮޝިންގްޓަނުން އަބަދުވެސް އިސްކަންދެނީ އެ މީހުންެގެ އިގުތިސާދީ ޝައުގުވެރި ކަމަށް ކަމަށެވެ.
ޗާލްސް މިޗެލް ވިދާޅުވި ގޮތުގައި ޔުކްރޭންގެ ހަނގުރާމަ ފެށުނު ފަހުން ޔޫރަޕާއި ވޮޝިންގްޓަނާ ދެމެދު ސަލާމަތީ ގޮތުން އެއްބާރުލުން ހަރުދަނާވެއްޖެ އެވެ. އެހެނެއް ކަމަކު އިގުތިސާދީ ގޮތުން ޔޫރަޕް މިހާރު އޮތީ -- ޔުކްރޭން ހަނގުރާމަ ފެށުނުއިރު އޮތް ވަރަށް ވުރެ -- ނިކަމެތި ހާލަތުގަ އެވެ.
ޔުކްރޭން ހަނގުރާމައިގެ ސަބަބުން އިގުތިސާދީ ބޮޑެތި ފައިދާތައް އެމެރިކާއަށް ވަމުން ދާއިރު ޔޫރަޕަށް ޖެހިފައި އޮތީ އަމިއްލަ ހާލުގައި ދެމިތިބެވޭނެ ގޮތެއް ހޯދުން ކަމަށް މިޗެލް ވިދާޅުވި އެވެ.
"އެމެރިކާއަށް އޮތްހައި ފަސޭހަތަކެއް ޔުރަޕަކަށް ނެތް،" މިޗެލް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެމެރިކާ އަކީ ހަކަތަ އެކްސްޕޯޓްކުރާ ގައުމަކަށް ވުމުން، ހަކަތައިގެ ބާޒާރަށް އަންނަ ބަދަލުތަކުގައި ލައްކަ ފައިދާވާ ކަމަށެވެ.
"ތެލުގެ އަގުބޮޑުވުމުން ޔޫރަޕަށް އޮތީ ބޮޑު ބިލެއް، އެމެރިކާއަށް އެތައް ގުނަ ފައިދާއެއް،" މިޗެލް ވިދާޅުވި އެވެ.
ޔުކްރޭން ހަނގުރާމައިގައި އެމެރިކާ ފައިދާ ނަގައިގެން ބޮޑު އަގުގައި ޔޫރަޕަށް ތެޔޮވިއްކާ ކަމަށް ވެސް މިޗެލް ތުހުމަތު ކުރެއްވި އެވެ.
ޖޯ ބައިޑަންގެ ޒައާމަތުގައި އެމެރިކާގެ އިގުތިސާދު މިހާރު ބައްޓަން ކުރަމުންދާ ގޮތުން ހުރިހާ ފައިދާއެއް އޮތި އެމެރިކާ އަށެވެ. އަދި އެއީ ޔޫރަޕަށް އެމެރިކާ ދޭ ވަރަށް ބޮޑު ލަނޑެއް ކަމަށް ގަބޫލުކުރައްވަންތޯ ސުވާލު ދެންނެވުމުން މިޗެލް ވިދާޅުވީ އެމެރިކާ ކުޑައިމީސްކޮށްފައި ވާހަކަދެއްކުމުގެ ބަދަލުގައި އެހެން ގޮތަކަށް ޖަވާބުދެއްވިދާނެ ކަމަށެެވެ.
"އެމެރިކާގެ ވިސްނުން އޮތީ ހަމައެކަނި އެމީހުންނަށް ފައިދާވާ ގޮތަށް،" މިޗެލް ވިދާޅުވި އެވެ.
ޔޫރަޕްގެ ވެރިން އެމެރިކާއަށް ބަދުބަސް ވިދާޅުވާން ބޭނުންވެ ވަޑައިނުގެންނެވި ނަމަވެސް، ހަގީގަތަކީ ޔުކްރޭނަށް ބޮޑު އަގުގައި ހަތިޔާރު ވިއްކުމާއި ޔޫރަޕަށް ބޮޑު އަގުގައި ހަކަތަ ވިއްކުމަކީ ޔޫރަޕިއަން ޔޫނިއަނަށް ކަމުދާ ގޮތެއް ނޫން ކަމެވެ. މިކަމާ ބެހޭ ގޮތުން ޔޫރަޕްގެ މެމްބަރު ގައުމުތަކުގެ މެދުގައި އޮތް ނުތަނަވަސްކަން ވަރަށް ބޮޑެވެ.