ދުނިޔެ

އަފްޣާނިސްތާނަށް ޖެއްސި ހާލަތު ހަނދާން ހުރިތޯ އިންޑިއާ އިން ސުވާލުކޮށްފި

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ ފަނާކުރަނިވި ހަމަލާތަކަށް ބަދަލުހިފުމަށް އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަނުން އުފައްދައިގެން އުޅޭ "ދުނިޔެ ދޭ ރައްދު" ގައި އިންޑިއާ އަދިވެސް ބައިވެރިއެއް ނުވެ އެވެ. ބައިވެރިވާން ޚިޔާލެއް ވެސް ނުކުރެ އެވެ.

ދުނިޔެ ދޭ ރައްދުގައި ބައިވެރިވުމަކީ އެމެރިކާ ޖަހާހާ ބެރަކަށް ނެށުމެވެ. ވަރަށް ހަނި ރޮނގެއް މަތީގައި ހިނގުމެވެ. އަރިއަޅާލައިގެން ވެއްޓިއްޖެ ނަމަ އިނދަޖެހޭނީ އެ ގައުމެކެވެ.

ރަޝިއާއަށް އިގުތިސޯދީ ގޮތުންނާއި ސިޔާސީ ގޮތުން އަދި މާލީ ގޮތުން ދަތިކުރަން އެމެރިކާ އާއި ބައިވެރިން ކުރާ މަސައްކަތްތަކުގައި އިންޑިއާ ބައިވެރިނުވުން މިހާރު ވެފައި އޮތީ ވަރަށް ބޮޑު މައްސަލަ އަކަށެވެ.

އިންޑިއާ އެދޭހާ ގޮތެއް ހަދައިގެން ނަމަވެސް އެ ބައިގަނޑުގެ ތެރެއަށް އިންޑިއާ ފައްތާލެވޭތޯ އެމެރިކާގެ ރައީސް ޖޯ ބައިޑަން ކުރެއްވި މަސައްކަތްތައް ވަނީ ފެއްޓެވި ތަނުން ފޭލިވެފަ އެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އިންޑިއާއަށް ވަޑައިގެން ހިންދޫ ތިކިޖެއްސެވުމަކުން ވެސް އިންޑިއާ ގުޑުވާލެވޭ ގޮތެއް ނުވި އެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސެލާ ވޮންޑާ ލޭޔަން އިންޑިއާއަށް ވަޑައިގެން ޔޫރަޕްގެ މިނިސްޓަރުންގެ ވަފުދަކާއެކު ކުރެއްވި މަސައްކަތްތަކުން ވެސް އިންޑިއާ އަނބުރާލެވޭ ގޮތެއް ނުވި އެވެ. އަޒުމެއް ނުގުޑި އެވެ.

އިންޑިއާގެ ކިބައިން ޔޫރަޕް ގައުމުތަކުން އެދުނީ ޔުކްރޭން މައްސަލާގައި ވަކި ކޮޅެއް ނެގުމަށެވެ. އަދި އިންޑިއާގެ ވިސްނުން ސާފުވާން ޖެހޭ ކަމަށް ވިދާޅުވާ މޭރުމަކުން އަދި އިންޑިއާގެ ހައިބަތަށް ދެރަހީވާ ގޮތަށް އެބޭފުޅުން ވަނީ ވާހަކަދައްކަވާފަ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ ވަފުދު ދެއްކެވި ވާހަކަތައް އަޑުއެއްސެވުމަށް ފަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު ދެއްވީ ވަރަށް ސާބިތު ޖަވާބެކެވެ. ދެއްކެވީ ވަރަށް މުހިންމު ވާހަކަތަކެކެވެ.

ޖައިޝަންކަރު ހުޅަނގަށް ހަނދާންކޮށް ދެއްވީ މިދިޔަ އަހަރު އަފްޣާނިސްތާނަށް އެމެރިކާ އާއި ނޭޓޯ ގައުމުތަކުން ޖެއްސި ހާލަތެވެ. ޒަމާންތަކެއް ވަންދެން އަފްޣާނިސްތާންގައި ތިބުމަށް ފަހު އާބާދީ ބޮޑު ގައުމަކުން އެމެރިކާ އާއި ނޭޓޯ ފައިބައިގެން ދިޔައީ އެއްވެސް ކަމެއް ހަމައަކަށް އަޅުވާފައިތޯ ސުވާލު ކުރެއްވި އެވެ.

އަފްޣާން މިއަދު އެ އޮތް ހާލަތަށް ޒިންމާވަނެ ބަޔަކު ނެތްއިރު އަންހެނުންނާއި ކުޑަކުދިން އުޅެމުން ގެންދާ ނިކަމެތި ހާލަތާ މެދު ކަންބޮޑު ވަނީ ދުނިޔޭގެ ކޮން ގައުމަކުންތޯ ސުވާލު ކުރެއްވި އެވެ.

ޖައިޝަންކަރު ވިދާޅުވީ ޔުކްރޭން މައްސަލަ އަކީ ޔޫރަޕަށް މިއަދު ބޮޑު މައްސަލައަކަށް ވާނެ ކަމަސް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު އެނޫން ބަޔަކު ވެސް ދުނިޔޭގައި ތިބިކަން ހަނދާންކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ އެހެން ގައުމުތަކަށް ވެސް ބޮޑެތި ކަންތައްތައް ހުންނާނެކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި އޭޝިއާގައި ވެސް މުހިންމު ކަންތައްތައް ހިނގާ ކަމަށް ވިދާޅުވެ ވަޒީރު ވިދާޅުވީ ޔޫރަޕްގެ ނަޒަރު ހުއްޓިފައި ނުވާ ކިތަންމެ ކަމެއް އޭޝިއާ ގައުމުތަކުގައި ވެސް ހިނގާ ކަމަށެވެ.

ރަޝިއާ - ޔުކްރޭން ހަމަނުޖެހުމަށް އަވަސް ހައްލަކަށް އިންޑިއާ އެދޭ ކަމަށްވެސް ޖައިޝަންކަރު ވިދާޅުވި އެވެ. އަދި ޑިޕްލޮމެޓިކް އުސޫލުތަކަށް ތަބާވާން ދެ ގައުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.