އިންޑިއާގެ ބެންގަލޫރުގައި ފެބްރުއަރީ 22-25 އަށް އޮތް ޖީ20 ގައުމުތަކުގެ މާލީ ވަޒީރުންނާއި މަރުކަޒީ ބޭންކްތަކުގެ ވެރިންގެ ބައްދަލުވުން ގުޅިފައި އޮތް އެއްބަސްވުމަކުން ނިންމާ ގޮތަށް އެތީ ކުރިއާލައި ރާވާފަ އެވެ.
އެހެންނަމަވެސް އެއްބަސްވުމެއް އެކުލަވާލަން ކުރި މަސައްކަތްތައް ކޮޅެއްގައި ނުޖެހިވަނީ ފޭލިވެފަ އެވެ. ސަބަބަކީ ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތުން ކުށްވެރިކޮށް ޖުމުލަތަކެއް ހިމަނާފައި އޮތުމުންނެވެ.
ރަޝިއާގެ ޓާސް ނޫސް އޭޖެންސީން ބުނާ ގޮތުން ޔުކްރޭނަށް އޮތް ބައި އެއްބަސްވުމުން އުނިކޮށް -- ދެން ހުރި ބައިތަކަށް މާލީ ވަޒީރުން މިހާރު ވަނީ އެއްބަސްވެ ސޮއިކޮށްފަ އެވެ.
މި އެއްބަސްވުން ކުރިން އޮތް ގޮތުން ރަޝިއާ އާއި ޗައިނާއިން ވަނީ ސޮއިކުރަން ދެކޮޅު ހަދާފަ އެވެ. ޔުކްރޭން ހަނގުރާމާގައި މުޅި ހުޅަނގުން ރަޝިއާއާ ދެކޮޅު ނަމަވެސް ޗައިނާ އާއި އިންޑިއާ އޮތީ ރަޝިއާއަށް ހެޔޮ އެދުމުގެ އެވެ.
މާލީ ވަޒީރުންގެ އެއްބަސްވުމުގައި ރަޝިއާ ކުށްވެރިކުރަން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ހަރުކަށި އިބާރާތްތަކުން ރަޝިއާ ކުށްވެރިކުރަން އިންޑިއާ ގަބޫލުނުވުން ވެސް ހިމެނެ އެވެ. ޖީ20ގެ މި ދައުރުގެ ރިޔާސަތު ބަލަހައްޓަނީ އިންޑިއާ އެވެ.
ޖީ20ގެ މާލީ ވަޒީރުން އެއްބަސްވުމަށް ރުހުން ދެއްވި ނަމަވެސް، ޔުކްރޭނާ ބެހޭ ގޮތުން އޮތް މާއްދާ ވެސް އޮތީ ހިމަނާފަ އެވެ. އަދި ސަމާލުވުމަށް ބައެއް ނުކުތާތައް އަރިމަތީގައި ވަނީ ނޯޓުކޮށްފަ އެވެ. އެހެން ނަމަވެސް، ރަޝިއާ ކުށްވެރިކުރުމާ ބެހޭ ގޮތުން އޮތް އެއްވެސް އިބާރާތެއްގައި އަމަލީ ސިފަ ނުޖެހޭނެ އެވެ.
މި އެއްބަސްވުމާ ހެދި މާލީ ވަޒީރުންގެ ބައްދަލުވުން ވަނީ ކުރިން ތާވަލްކުރި ވަރަށް ވުރެ ދިގުލާފާ އެވެ. އެއީ ރަޝިއާ ކުށްވެރިކޮށް ޖުމުލަތަކެއް ހިމެނުމަށް އެމެރިކާ އާއި ޔޫރަަޕުން ކުރި ޕްރެޝަރަށް ރިޔާސަތުން ގޮތެއް ނުނިންމިގެންނެވެ.
ޖީ20ގެ ގަވާއިދު އޮންނަ ގޮތުން މެމްބަރު ގައުމުތަކުން ވަކި ގޮތެއް ގަބޫލުކުރަން ލާޒިމެއް ނުކުރެވެ އެވެ. އެހެންނަމަވެސް މާއްދާތަކަށް ގެންނަ ރިޒަވޭޝަންތަކާ އެކު އެއްބަސްވުމަކަށް އާދެވެ އެވެ.