ރަޝިއާ - ޔުކްރޭން ހަނގުރާމައިގައި ދުނިޔެ އޮތީ ދެބައިވެފަ އެވެ. އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕްގެ އިއްތިހާދުން ޔުކްރޭން ކޮޅަށް ޖެހި ރަޝިއާއަށް ދަތި ކުރަން ވަނީ އެ ގައުމަކަށް އެޅުނު ފިޔަވަޅެއް އަޅާފަ އެވެ.
ޔުކްރޭނަށް ރަޝިއާ ސިފައިން ދެމުން ގެންދާ ފަނާ ކުރަނިވި ހަމަލާތައް ކަމުނުދާ ކިތަންމެ ގައުމެއް ދުނިޔޭގައި އެބަ އޮތެވެ. އަދި ޔުކްރޭންގެ ހާލަތާ މެދު ކަންބޮޑުވި ނަމަވެސް ރަޝިއާ ދޫކޮށްލެވެން ނެތް ގައުމުތައް ވެސް އެބަ ހުއްޓެވެ.
ދުނިޔޭގެ ފޯކަސް ހުއްޓިފައި އޮތް އިންޑިއާ އަކީ ރަޝިއާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. ރަޝިއާއިން ޔުކްރޭނަށް ކިތަންމެ ހަމަލާއެއް ދިން ނަމަވެސް ރަޝިއާ ކުށްވެރިކޮށް ވާހަކަ ދެއްކުމަކީ އިންޑިއާއަށް ފަސޭހަ ކަމެއް ނޫނެވެ.
އެމެރިކާ އާއި އިނގިރޭސިވިލާތުން އިންޑިއާގެ ބޮލަށް ވަދެވޭތޯ ކުރި އެއްވެސް މަސައްކަތަކުން ރަޝިއާ ދޫކޮށްލަން އިންޑިއާ އެއްބަހެއް ނުވި އެވެ. ރަޝިއާ ދޫކޮށްލަން ހަދަން ޖެހޭ ގޮތަކީ ރަޝިއާއަށް ދަތިކުރަން ފިޔަވަޅުތައް އަޅައިގެން ތިބި ގައުމުތަކުން ނިންމައިގެން ތިބި ގޮތަށް، ރަޝިއާގެ ހަކަތަ އާއި އަދި އެހެނިހެން އުފެއްދުންތައް ނުގަތުމެވެ.
އެމެރިކާ ބުނާ ގޮތް ނުހަދަން ގަދަ ދައްކާ ގައުމުތަކަށް އެމެރިކާ ދޭ އަދަބަކީ އިގުތިސޯދީ ގޮތުންނާއި އަސްކަރީ ގޮތުން އެގައުމަކަށް ދަތިކުރުމެވެ. އެމެރިކާގެ އުފެއްދުންތައް ނުވިއްކުމު އިތުރުން އެމެރިކާއާ ގުޅުން އޮންނަ އެހެން ގައުމުތަކުން ވެސް އެ ގައުމަކާއެކު ވިޔަފާރި ނުކުރުމެވެ.
އެެހެން ނަމަވެސް، ރަޝިއާއާ ގުޅުން ކަނޑައި ނުލައިގެން އިންޑިއާއަށް ދަތިކުރަން ބަލާއިރު، އިންޑިއާއަކީ އެމެރިކާގެ އެހެން ވަރުގަދަ ޝައުގުވެރިކަމަކާ ގުޅިފައި އޮތް ގައުމެކެވެ.
ޗައިނާ އޮބިއަޅައި ހިފެހެއްޓުމަށް އަދި ދެކުނު ޗައިނާ ކަނޑަށް ފެތުރިގަތުމަށް ޗައިނާ ކުރާ މަސައްކަތްތަކަށް ހުރަސްއަޅައި ހުއްޓުވުމުގައި އެމެރިކާއަށް އިންޑިއާގެ އެހީތެރިކަން ވަރަށް ބޮޑެވެ. އަދި އިންޑޯ ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ހަރަކާތްތަކަށް ފާރަލުމުގައި ވެސް އިންޑިއާގެ އެހީތެރިކަން ވަރަށް ބޮޑެވެ.
ޗައިނާ ކޮންޓްރޯލްކޮށް ބާރު ދަށް ކުރުމަށް ހަތަރު ގައުމަކުން -- އެމެރިކާ އާއި އޮސްޓްރޭލިއާ، ޖަޕާން އަދި އިންޑިއާ ގުޅިގެން އުފައްދާފައި އޮތް "ކުއަޑް" ޖަމާއަތުގެ މަގުސަދުތަކަށް ހުރަސް އެޅިދާނެ ކަމެއް އެމެރިކާއަށް ކުރަން ފަސޭހައެއް ވެސް ނުވާނެ އެވެ. މި ޖަމާއަތުގެ މަގުސަދަކީ ޗައިނާއަށް ހުރަސްއަޅައި ކުރިއަށް ދިޔަ ނުދިނުމެވެ.
އަނެއްކޮޅުން އިންޑިއާއިން ރަޝިއާގެ ތެޔޮ ގަންނަ އަދަދަކީ ޔޫރަޕުން ރަޝިއާގެ ތެޔޮ ގަންނަ އަދަދާ ބަލާއިރު އަޅާކިޔެން ނެތް މަދު މިންވަރެކެވެ.
އެހެންކަމުން، ޔޫރަޕުން ރަޝިއާގެ ތެޔޮ ގަތުން ހުއްޓާ ނުލާހާ ހިނދު އެހެނޭ ކިޔާފައި އިންޑިއާއަށް ދަތި ކުރުމަކީ އެމެރިކާއަށް ކުރަން ކެރޭނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ. އިންޑިއާއިން ކުއަޑް ދޫކޮށްލަފާނެ ކަމަށް އޮތް ބިރަކީ ވެސް އެމެރިކާއަށް ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ވަރުގެ ކަމަކަށް ވާނެ އެވެ.