ދުނިޔެ

އީޔޫ ކޮމިޝަންގެ ރައީސަށް ތަގުރީރު ލިޔެދޭނެ މީހަކު ހޯދަން ފެނޭ: ޗައިނާ

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސެލާ ވޮން ޑާ ލޭޔަން މިއަންނަ ހަފުތާގައި ޗައިނާއަށް ވަޑައިގަންނަވާނެ އެވެ. އޭނާ ޗައިނާއަށް ވަޑައިގަންނަވަނީ ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންގެ އަރިހުގައި ރަސްމީ ދަތުރެއްގަ އެވެ.

ޗައިނާއަށް ވަޑައިގަތުން ކުޑަތަންވެފައި ވަނިކޮށް ވޮން ޑާ ލޭޔަން ޗައިނާއާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކާ މެދު ޗައިނާ ވަނީ ވަރަށް ކަންބޮޑުވެފަ އެވެ.

ޗައިނާއިން ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ފޫ ކޮންގް "ޗައިނާ ގްލޯބަލް ޓީވީ ނެޓްވޯކް" އަށް ވިދާޅުވި ގޮތުގައި ޗައިނާއާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވޮން ޑާ ލޭޔަންއަށް އެނގިވަޑައި ނުގަންނަވަ އެވެ.

ވޮން ޑާ ލޭޔަންއަށް ތަގުރީރު ލިޔެދިނީ ކާކުކަން އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ ސަފީރު ވިދާޅުވީ ފުށުއެރުންތައް ނައްތާލުމަށް ޔޫރަޕިއަން ކޮމިޝަންގެ ރައީސްއަށް ފުތަމަ އޮތް ކަމަކީ ތަގުރީރުތައް ލިޔެދޭނެ މީހަކު ހޯއްދެވުން ކަމަށެވެ.

ވޮން ޑާ ލޭޔަންގެ ވާހަކަތަކުގައި ބެއިޖިންގެ ސިޔާސަތާ ގުޅުމެއް ނެތް އެތައް ވާހަކައެއް ދައްކަވާފައިވާ ކަމަށް ސަފީރު ވިދާޅުވި އެވެ. އަދި ދުނިޔޭގައި ޗައިނާއަށް އޮތް މަގާމާއި ޗައިނާގެ ވެރިކަންކުރާ ނިޒާމު އޮޅޭ ގޮތައް ނުތަނަވަސް ވާހަކަތަކެއް ދެއްކެވި ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސަށް ތަގުރީރު ލިޔެދޭނެ މީހަކު ހުރި ނަަމަވެސް، އޭގައި އޮތް އެއްޗެއް ވިދާޅުވުމުގެ ކުރިން ސައްހަކަން ކަށަވަރުކުރެވޭނެ ނިޒާމެއް އޮތުން ބުއްދިވެރި ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ސަފީރު އަދި ވިދާޅުވީ ޗައިނާއަށް ވަޑައިގެން ސަރުކާރުގެ އިސް ސަފުތައި ތިއްބެވި ލީޑަރުންނާ ބައްދަލުކުރައްވާއިރު އެ ބޭފުޅުންގެ ހައިސިއްޔަތާ މެދު ވޮން ޑާ ލޭޔަން ވިސްނާ ވަޑައިގަންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޗައިނާ ދަތުރު ނިންމަވާލައްވައި އެނބުރި ޔޫރަޕަށް ވަޑައިގަންނަވާއިރު، އުންމީދަކީ ވޮން ޑާ ލޭޔަންއަށް ޗައިނާއާ ބެހޭ ގޮތުން ހުރި އޮޅޫންތައް ސާފުވުން ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ޔޫރަޕިއަން ޕޮލިސީ ސެންޓަރުގައި ބުރާސްފަތި ދުވަހު އޮތް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވޮން ޑާ ލޭޔަން ވިދާޅުވީ އޫރަޕިއަން ޔޫނިއަނުން ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ވެސް ބެއިޖިންއާ އެކު އޮންނަ ގުޅުން ޓެސްޓްކުރަން ޖެހޭ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ޔޫރަޕިއަން ކޮމިޝަނުން ޗައިނާ ފާލަށް އަޅުވާނެ ކަމަށާއި އެކަމަކު އެއީ ހަރުކަށި ކަމަށާއި މަސްލަހަތު ނަގާލުމުގައި ޗައިނާ ހިއްސާވާ ވަރަށް ބަލައި ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ވޮން ޑާ ލޭޔަން ވިދާޅުވީ އީޔޫ އާއި ޗައިނާގެ ގުޅުން ކުރިއަށް އޮތް ތަނުގައި ކަނޑައެޅިގެން ދާނީ ޗައިނާއިން ރަޝިއާއަށް ހިތްވަރުދޭ ނިސްބަތުން ކަމަށެވެ.

ޔުކްރޭން ހަނގުރާމާގައި ޗައިނާއިން ރަޝިއާއަށް ވާގިވެރިވާ ނަމަ ޔޫރަޕް-ޗައިނާގެ ގުޅުން ވަކި ހައްދަކަށް ފައްތާނެ ކަމަށް ވެސް ވިދާޅުވި އެވެ.