ދުނިޔެ

"ރަޝިއާ އަށް ދަތިކަމެއް އޮތްނަމަ އެހީތެރިވާނެ"

މުޅި ހުޅަނގު އެއްބާރެއް ގޮތުގައި ފޫގަޅައި ރަޝިއާ ފަހަތުން ދުވަނީ އެވެ. ނޭޓޯ އަށް އެއްބާރުލުން ދޭންޖެހޭ ކަމަށް ބުނެ ރަޝިއާ ބަލިކުރެވެން އޮތްހާ ގޮތަކަށް އެ ގައުމާ މެދު ދަނީ އަމަލުކުރަމުންނެވެ.

ޗައިނާ ބުނާ ގޮތުން ރަޝިއާ އަށް މިއީ ދަތި އުނދުގޫ ދުވަސްތަކެކެވެ. ހުޅަނގުގެ ފިއްތުންތަކާ ހެދި ރަޝިއާ އަށް ދިމާވެފައި ހުރި ދަތިތަކަށް ލުއިލިބޭނެ ގޮތެއް އޮތް ނަމަ އެކަމާ މެދު ވިސްނާނެ ކަމަށް ޗައިނާ އޮތީ ބުނެފަ އެވެ.

ޗައިނާގެ އެ ބުނުން ފޮރިން މިނިސްޓަރު ވާންގް ޔީ އަނެއްކާ ވެސް ތަކުރާރު ކުރައްވައިފި އެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް އަށް ފޯނުކުރައްވައި ވާންގް ޔީ ވިދާޅު ގޮތުގައި ދުނިޔޭގައި ދެން އެއް ބާރެއް -- ނުފޫޒު ގަދަ ވަކި ގައުމެއް ނޯންނާނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޗައިނާ އާއި ރަޝިއާ އެކުގައި މަސައްކަތްކުރަނީ ވަކި ބާރަކުން [އެމެރިކާ] ދުނިޔޭގައި ކުރާ ރަސްކަން ނައްތާލުމަށެވެ.

ޗައިނާ އާއި ރަޝިއާ އޮތީ އެއްފިކުރެއްގައި ކަމަށް ވިދާޅުވެ ޗައިނާގެ ވަޒީރު ވިދާޅުވީ ރަޝިއާ އަށް ދަތި ކަމެއް އޮތް ނަމަ އެކަމެއް ކޮށްދިނުމަކީ ދެ ގައުމުގެ ދެމެދުގައި ވެފައި އޮތް އަހުދެއް ކަމަށެވެ.

ޗައިނާއިން އެކަން ފުރިހަމަކޮށްދޭނެ ކަމަށްވެސް ވާންގް ޔީ ވިދާޅުވި އެވެ.

ރަޝިއާ އެކަތިގަނޑަކަށް ހަދައި ދުނިޔޭގެ ވަކިތަކުން ނެއްޓުމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ކުރައްވާ މަސައްކަތްތަކަށް ޗައިނާ ރުހޭ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ރަޝިއާ އަކީ ވެސް ދުނިޔޭގައި ގަދަފަދަ ބާރެއް ކަމަށާއި އެބާރު އެގޮތުގައި ދެމެހެއްޓުމަށް ޗައިނާގެ އެއްބާރުލުން އޮންނާނެ ކަމަށްވެސް ވާންގް ޔީ ވިދާޅުވި އެވެ.

ޗައިނާ އާއި ރަޝިއާ އެކުގައި ތަރައްގީ އަށް ކުރާ މަސައްކަތަކީ ބަޔަކަށް އޮތް ކަންބޮޑުވުމަކަށް ވެގެން ނުވާނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވާންގް ޔީ ވިދާޅުވި ގޮތުގައި ޗައިނާ އާއި ރަޝިއާ ބަންދުކޮށް ސައިޒުކުރަން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެ ބަޔަކަށް ދޭން އޮތް މެސެޖަކީ އެއީ ވާނެ ކަމެއް ނޫން ކަމެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ޗައިނާ އާއި ރަޝިއާ އެކުގައި މަސައްކަތް ކުރަނީ ހަމައެކަނި ދެގައުމުގެ ލާބަ އާއި މަސްލަހަތަކަށް ނޫނެވެ. އޭނާ ވިދާޅުވީ މުޅި ދުނިޔޭގެ މަސްލަހަތު ވެސް އޮތީ ހެޔޮ ފިކުރެއް ކުރެވިގެން ކަމަށެވެ.

ސަރުގޭ ލަވްރޯފް ޗައިނާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވި އެވެ. އަދި ރަޝިއާ އޮތީ ޗައިނާއާ ދާދި އެއް ވިސްނުމެއް ކަމަށް ވެސް ޗައިނާގެ ވަޒީރަށް ދެންނެވި އެވެ.