ދުނިޔެ

"ޔުކްރޭން ސުލްހަކުރުމަށް ޗައިނާގެ އޮތީ އެދުމެއް"

ރަޝިއާ-ޔުކްރޭން ސުލްހަކުރުމަށް ޗައިނާއިން ހުށަހެޅި ހުށަހެޅުމަކީ އެދުމެއް ކަމަށް އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ ސަފީރު ޖޯސެފް ބޮރެލް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ އެއީ ސުލްހައިގެ ރޭވުމެއް ނޫން ކަމަށެވެ.

އިޓަލީގެ ސިޓީއެއް ކަމަށްވާ ފްލޮރެންސްގައި ޔޫރަޕިއަން ޔުނިވާސިޓީ އިންސްޓިޓިއުޓުން ބޭއްވި ހަފުލާއެއްގައި ވާހަކަދައްކަވަމުން ބޮރެލް ވިދާޅުވީ ޔުކްރޭންގެ ރައީސް ލަޑިމިއާ ޒެލެންސްކީ ނޫން ބޭފުޅަކު ސުލްހައިގެ ރޭވުމެއް ހުށަހަޅުއްވާފައި ނުވާ ކަމަށެވެ.

ޔުކްރޭންގެ ސުލްހައަށް ޗައިނާގެ އެދުމެއް އޮތްކަން ގަބޫލުކުރައްވާ ކަމަށް ބޮރެލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ސުލްހައަށް އޮތް ހަގީގީ ރޭވުމަކަށް ވާނީ ޔުކްރޭނުން ރަޝިއާ ބޭލުމަށް ޕްރޮޝެރުކޮށް ހުށަހަޅާ ހުށަހެޅުމެއް ކަމަށެވެ.

ޒެލެންސްކީ ހުށަހަޅުއްވާފައި އޮތް ހުށަހެޅުމުގައި ރަޝިއާއަށް ގޮވާލާަފައި ވަނީ ޝަރުތެއް ނެތި ޔުކްރޭނުން ފޭބުމަށެވެ. ޗައިނާ ގޮވާލަނީ ޔުކްރޭނާއި ރަޝިއާގެ ރައްކާތެރި ކަމަށް ދެ ގައުމުން އިސްކަން ދިނުމަށެވެ.

ޔުކްރޭނުން އަމާންދިނުމަކީ ހަނގުރާމައަށް އޮތް ހައްލެއް ނޫން ކަމަށް ބޮރެލް ވިދާޅުވި އެވެ. ޔުކްރޭނުން ރަޝިއާއަށް އަމާންދީފި ނަމަ، ބޮރެލް ވިދާޅުވި ގޮތުގައި ބޯޑަރުގެ ގޮތުން ރަޝިއާއާ އެންމެ ގާތް ޔޫރަޕްގެ އެހެން ގައުމަކަށް ރަޝިއާގެ އުނދަގޫ އިތުރުވާނެ އެވެ.

ބޮރެލް ވިދާޅުވީ ޔޫރަޕުން އުކްރޭނަށް އެހީތެރި ނުވި ނަމަ ރަޝިއާ މިހާރު އޮންނަނީ ޔޫރަޕްގައި ވިއްދާފައި ކަމަށެވެ.

އެމެރިކާ އާއި ޔޫރަޕާ ކިތަންމެ ގާތް ގުޅުމެއް އޮތް ނަމަވެސް ޗައިނާ އަކީ ޔޫރަޕަށް މުހިންމު ގައުމެއް ކަމަށް ބޮރެލް ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމައަށް ދެމެހެއްޓެނިވި ހައްލެއް ހޯދައި ސުލްހަކުރުމަށް ޗައިނާގެ ރޭވުންތެރިކަން މުހިންމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗައިނާއާ ގާތް ގުޅުމެެއް ދެމެހެއްޓުމަށް މަޝްވަރާތައް ކުރިއަށް ދާ ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ. ޗައިނާއާ އެކު ދެމި އޮންނާނެ ވަކި ގޮތެއް ކަނޑައަޅުއްވާނީ އެކަމުން ޔޫރަޕަށް އޮތް ފައިދާއަށް ބައްލަވާފައި ކަމަށް ވެސް ވިދާޅުވި އެވެ.