ދުނިޔެ

ޔޫކްރޭން ސުލްހަ ބަލަހައްޓާ ފައުޖުގައި ބައިވެރިނުވާނެ: ޗައިނާ

ޔުކްރޭންގައި ސުލްހަ ބެލެހެއްޓުމަށް ޔޫރަޕުން ފޮނުވަން މަޝްވަރާކުރާ އަސްކަރީ ފައުޖުގައި ޗައިނާ ބައިވެރިނުވާނެ ކަމަށް އެ ގައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ގުއޯ ޖިއާކުން ވިދާޅުވެއްޖެ އެވެ.

ޔުކްރޭންގައި ސުލްހަ ގާއިމުކުރާ ފައުޖުގައި ޗައިނާ ބައިވެރިވާނެ ކަމަށް ބުނެ ޔޫރަޕަށް ފޫޅުކެނޑި މީޑިއާތަކުން ފަތުރަނީ ހަގީގަތެއް ނެތް ބުހުތާން ދޮގު ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި ޗައިނާ އަކީ އެއްވެސް ގޮތަކަށް ހަނގުރާމަކުރަން އެދޭ ގައުމެއް ނޫން ކަމަށެވެ. ޔުކްރޭން ހަނގުރާމަ ވަގުތުން ވަގުތަށް ހުއްޓާލުމުގައި ޗައިނާގެ ދައުރެއް އޮތް ނަމަ، އެ ހަނގުރާމަ މިހާރު ނުހިނގާނެ ކަމަށް ގުއޯ ޖިއާކުން ވިދާޅުވި އެވެ.

ޗައިނާގެ ވިސްނުމުގައި އޮތީ ހަނގުރާމަ ނުކޮށް ވާނެ ގޮތެއް ކަމަށާއި، ޑިޕްލޮމެޓިކް މަޝްވަރާގެ ތެރެއިން ހަނގުރާމަ ހުއްޓުވާލުމަށް ޗައިނާ ދާއީދުކުރާ ކަމަށްވެސް ތަަރުޖަމާން ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓުވާލުމަށް ޗައިނާއިން ކަރުދާހެއް ހުށަހެޅި ކަމަށް ތަރުޖަމާން ވިދާޅުވެި އެވެ. އެ ކަރުދާހުގައި އޮތް އެއްވެސް ނުކުތާއެއް ބާތިލު ކަމަށް ޗައިނާ އަދިވެސް ގަބޫލުނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާގެ އުންމީދަކީ ރަޝިއާ އާއި ޔުކްރޭން އެއް މޭޒުދޮށުގައި މަޝްވަރާކުރުން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

ސައޫދީ އަރަބިއްޔާގެ ރިޔާޒުގައި މިހާރު ހިނގަމުންދާ މަޝްވަރާތަކުން އުންމީދީ ނަތީޖާއެއް ނުކުންނާނެ ކަމުގެ އިންތިޒާރުގައި ޗައިނާ އޮތް ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓުވާލުމަށް ޑިޕްލޮމެޓިކް އުސޫލުން ކޮންމެ ބަޔަކު މަސައްކަތްކުރި ނަމަވެސް، ޗައިނާގެ އެހީތެރިކަން ލިބޭނެ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.