ދުނިޔެ

ޔުކްރޭން ސުލްހައާ ބެހޭ ގޮތުން ޕޫޓިން އާއި މޯދީ މަޝްވަރާކުރައްވަނީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އަޖީތު ދޮވާލް މިއަދު ރަޝިއާއަށް ވަޑައިގަންނަވާނެ އެވެ. އޭނާ ރަޝިއާގައި ދެ ދުވަސް -- އަންގާރަ އަދި ބުދަ ދުވަހު މަޑުކުރައްވާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަޖީތު ދޮވާލުގެ ވާޖިބަކަށް ވާނީ، ޔުކްރޭން ހަނގުރާމަ ހުއްޓާލައި، ރަޝިއާ އާއި ޔުކްރޭން ސުލްހަވުމާ ބެހޭ ގޮތުން ބޮޑުވަޒީރު މޯދީ ވިދާޅުވި އެއްޗެއް ޕޫޓިންއަށް ވިދާޅުވުމެވެ.

ބޮޑުވަޒީރު މޯދީ ޖުލައިގައި ރަޝިއާއަށް ކުރެއްވި ދަތުރެއްގައި، ޔުކްރޭން ހަނގުރާމަ ހުއްޓާލަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެ ޕޫޓިންއަށް ވަނީ ލަފާދެއްވާފަ އެވެ. އަދި އެއަށް ފަހު ޔުކްރޭނަށް ވަޑައިގެން ރައީސް ޒެލަންސްކީއާ ބައްދަލުކުރައްވައި، ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން ބަސް ދެންނެވި އެވެ.

އިންޑިއާގެ ނޫސްތައް ބުނާ ގޮތުން އަޖީތު ދޮވާލް ރަޝިއާއަށް ކުރައްވާ ދަތުރުގައި، އެ ގައުމުގައި އޮންނަ ބްރިކްސް ޖަމާއަތުގެ ސެކިޔުރިޓީ އޮފިޝަލުންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ރަޝިއާގެ ސަލާމަތާ ބެހޭ ވަޒީރާއި ޗައިނާގެ ސަލާމަތާ ބެހޭ ވަޒީރާ އެކު އަޖިތު ދަވާލު ވަކި ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ނަރެންދުރަ މޯދީ ރަޝިއާއަށް ކުރެއްވި ދަތުރުގައި ރައީސް ޕޫޓިންއާ އެކު ވަރަށް ހަރުދަނާ ވާހަކަތަކެއް ދެކެވުނު ކަމަށް އިންޑިއާގެ ނޫސްތައް ބުނެ އެވެ. އޭގެ ތެރެއިން ޔުކްރޭން ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން ދެކެވުނު ވާހަކަަތައް ވަކިން ބޮޑަށް ނޫސްތަކުން ފާހަގަކުރެ އެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓާލައި، ރަޝިއާ އާއި ޔުކްރޭން ސުލްހަކުރުމުގައި މެދުވެރިއަކަށް ވެދާނެ ކަމަށް އިންޑިއާ އޮތީ ބުނެފަ އެވެ. ނަަމަވެސް، އިންޑިއާގެ މި ހުށަހެޅުން ޔުކްރޭންގެ ރައީސް ޒެލަންސްކީ ގަބޫލެއް ނުކުރެއްވި އެވެ.

ޒެލެންސްކީ ދެކެވަޑައިގަންނަވާ ގޮތުގައި އިންޑިއާ އަކީ ރަޝިއާ ބުނާހާ ކަމެއް -- ބުނާހާ ގޮތަކަށް ކުރާނެ ގައުމެކެވެ. އިންޑިއާ އާއި ރަޝިއާއާ ދެމެދު އޮންނަނީ އެއްވެސް ބަޔަކަށް ދުރުނުކުރެވޭ ވަރުގެ ކައިރި ގުޅުމެއް ކަމަށް ޒެލަންސްކީ ވިދާޅުވި އެވެ.

ޔުކްރޭން ސުލްހައާ ބެހޭ ގޮތުން ރައީސް ޕޫޓިން ވިދާޅުވީ 2022 ގައި ތުރުކީގެ އިސްތަމްބޫލްގައި ހެދި ސުލްހައިގެ އެއްބަސްވުމާ އެއްގޮތަށް މަޝްވަރާކުރައްވަން ތައްޔާރު ކަމަށެވެ.

ޔުކްރޭނަށް ބަޔަކު ބުއްދިލައިދޭހާ ގޮތަކަށް މާއްދާތަކަށް ބަދަލުގެނެސް އެކުލަވާލާ އެއްބަސްވުމެއް ގަބޫލުނުކުރައްވާނެ ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.