ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފޯނުކުރައްވައި، ޔުކްރޭންގެ ހާލަތާ ބެހޭ އެންމެ ފަހުގެ ތަފުސީލު މައުލޫމާތު ދެއްވައިފި އެވެ.
ރަޝިއާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންއިން ބުނި ގޮތުން ދެ ލީޑާރުން ކުރެއްވި މަޝްވަރާތަކުގައި މޮސްކޯ އާއި ނިއުދިއްލީއާ ދެމެދު ކުރެވެމުންދާ މުއާމަލާތްތަކަށް ވެސް ބައްލަވާލެއްވި އެވެ.
ދެ ލީޑަރުންގެ ފޯނުކޯލަށް ފަހު ކްރެމްލިން އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރަޝިއާ އާއި އިންޑިއާއާ ދެމެދުގައި ދެމެއްޓިފައި އޮތް ގުޅުމާ މެދު މޮސްކޯ އާއި ނިއުދިއްލީ ހިތްހަމަޖެހުން ފާޅުކުރި ކަމަށެވެ.
އަދި ދެގައުމުގެ ދެމެދުގައި މިހާރު ކޮށްފައި ހުރި އިންވެސްޓްމަންޓް ތަކުގެ އިތުރުން ހަކަތަ އާއި ދަނޑުވެރިކަން އަދި ދަތުރުފަތުރުގެ ދާއިރާ ހިމެނޭ ގޮތުން އިންވެސްޓްމަންޓްތައް ފުޅާކުރުމާ މެދު ވަރަށް ފުޅާކޮށް މަޝްވަރާ ކުރެވުނު ކަމަށް ބަޔާނުގައި ވެއެެވެ.
ބައިނަލްއަގްވާމީ ޖަމިއްޔާތަކާ އެކު ދެ ގައުމުން ގާތް ގުޅުމެއް ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ގޮތުގައި ދެ ލީޑަރުން ފާހަގަކުރެއްވި އެވެ. އަދި "ޖީ ޓްވެންޓީ" އާއި ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގައި އިންޑިއާ، މޮސްކޯގެ ޝާމިލްވުން އޮތުމުގެ މުހިންމުކަމާ މެދު ވެސް މަޝްވަރާ ކުރެއްވި އެވެ.
މޯދީ އެދިވަޑައިގަތުމުގެ މަތިން ޔުކްރޭންގައި ރަޝިއާ ގެންގުޅޭ ސިޔާސަތަށް ޕޫޓިން އަލިއަޅުއްވާލެއްވެވި އެވެ. ޔުކްރޭންގެ މަސްރަހާ ބެހެ ގޮތުން ރަޝިއާގެ ވިސްނުން ވެސް މޯދީއާ ހިއްސާ ކުރެއްވި ކަމަށް ރިޔާސީ ގަނޑުވަރުން ވަނީ ބުނެފަ އެވެ.
ދެ ލީޑާރުންގެ ފޯނުކޯލު ނިންމަވާލެއްވީ ދޭތެރެ ދޭތެރެއިން ގުޅުއްވައި މަޝްވަރާ ކުރައްވާ ގޮތަށެވެ. އަދި ދެ ބޭފުޅުން ޒާތީ ގޮތުން ވެސް ގުޅުން ދެމެހެއްޓުމަށް ވައުދުވެ ވަޑައިގަތުމަށް ފަހު އެވެ.
ޕޫޓިން އާއި މޯދީ ފޯނުން ބައްދަލު ކުރައްވާފައި މިވަނީ މޮސްކޯގައި މިއަހަރު އޮންނަ "އިންޑިއާ-ރަޝިއާ" ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް މޯދީ މޮސްކޯއަށް ވަޑައިނުގަންނަވާނެ ކަމަށް ޚަބަރުތައް ބުނެފައި ވަނިކޮށެވެ.
މިދިއަ އަހަރު އިންޑިއާގައި އޮތް އިންޑިއާ-ރަޝިއާ ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ޕޫޓިން އިންޑިއާއަށް ޒިޔާރަތްކުރެއްވި އެވެ.