ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު މޯދީ ރަޝިއާއަށް ވަޑައިގަތުން ޒެލެންސްކީއަށް ކަމަކުނުދިޔަ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަސްމީ ދަތުރެއްގައި ރަޝިއާއަށް ވަޑައިގެން ވެރިރަށް މޮސްކޯގައި އެ ގައުމުގެ ރައީސް ލަޑިމިއާ ޕޫޓިންއާ ބައްދަލުކުރެވުން -- ޔުކްރޭންގެ އިންތިގާލީ ރައީސް ޒެލެންސްކީއަށް ކަމަކު ނުދިޔަ އެވެ.

މިއީ ޔުކްރޭން ހަނގުރާމަ ފެށިފަނުން މޯދީ ރަޝިއާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

ޒެލެންސްކީ ދެކެވަޑައިގަންނަވާ ގޮތުގައި ރަޝިއާގެ ވެރިންނަކީ ހަނގުރާމައިގެ ކުށްވެރިންނެވެ. އަދި ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރެއްވުމުގެ ބަދަލުގައި -- ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ވެރިޔާ ނަރެންދުރަ މޯދީ ރަޝިއާއަށް ވަޑައިގަތުމަކީ ލަދުވެތި ކަމެކެވެ.

ބޮޑުވަޒީރު މޯދީ ރަޝިއާއަށް ވަޑައިގެން އުޅުއްވަނީ ޔުކްރޭން ހަނގުރާމަ ހުއްޓުވަން ނޫންކަން މުޅި ދުނިޔެއަށް ވެސް އެނގެ އެވެ. ނަމަވެސް ޕޫޓިންއާ ބައްދަލުކުރައްވައި ކުރައްވާ މަޝްވަރާތަކުގައި ޔުކްރޭންގެ ވާހަކަ ދެ ލީޑަރުން ދައްކަވާނެ އެވެ. އަދި މި ނޫނަސް ދުނިޔޭގެ ސިޔާސީ، އިގުތިސާދީ އަދި ޖައްވީ މައުލޫތަކަށް ދެ ލީޑަރުން މަޝްވަރާކުރައްވާނެ އެވެ. އާދައިގެ ގޮތަކަށް ބުނާ ނަމަ ރައީސް ޕޫޓިންއާ ބޮޑުވަޒީރު މޯދީ ދުނިޔޭގައި ލެއްވިހާ ވާހަކައެއް ދައްކަވާނެ އެވެ. މި ދެ ލީޑަރުންނަކީ އެހާވެސް ގާތް ދެ ބޭފުޅުންނެވެ.

އިންޑިއާ އަކީ ރަޝިއާގެ ވަރަށް ގާތް އަދި އެކުވެރި ބައިވެރިއެކެވެ. ވިޔަފާރީގައި އަދި ސަލާމަތީ ކަންކަމުގައި އިންޑިއާގެ ބޭނުން ރަޝިއާއަށް ވަރަށް ބޮޑެވެ.

މިހެން ކަން އޮތުމުން ޒެލެންސްކީ ކިތަންމެ ހިތްޕުޅާ ނުވިޔަސް ރަޝިއާ އާއި އިންޑިއާ އެކުވެރިކަމުގައި އުފާކުރާނެ އެވެ. އެއްގައުމު އަނެއް ގައުމަށް ކަމުކިޔައި ހާޖަތު ފުއްދާނެ އެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓުވަން ބޮޑުވަޒީރު މޯދީއަށް ފެނިވަޑައިގަންނަވާ ގޮތް ޕޫޓިންއަށް ދަންނަވާނެ އެވެ. ހުޅަނގާ ވާދަކުރަން ޗައިނާ، އިންޑިއާ އަދި ރަޝިއާ ފަދަ ގައުމުތަކުން އުފައްދާފައި އޮތް ބްރިކްސް ޖަމާއަތާ ބެހޭ ގޮތުންވެސް މޯދީ ވާހަކަދައްކަވާނެ އެވެ.

އެމެރިކާ ޑޮލަރަށް ދުނިޔެ ކުރާ އިތުބާރާއި އަދި ޑޮލަރުގެ ސަބަބުން އެމެރިކާއަށްވާ ފައިދާއާ ބެހޭ ގޮތުންވެސް ދެ ލީޑަރުން މަޝްވަރާކުރައްވާނެ އެވެ.

ޑޮލަރު ދޫކޮށްލައި އަމިއް ފައިސާއިން ވިޔަފާރިކުރުމަށް ރަޝިއާ އާއި އިންޑިއާ ކުރަމުންދާ މަސައްކަތްތައް ފުޅާކޮށް މި ޗޭނުގައި ޗައިނާ، އީރާން އަދި ގަލްފު ގައުމުތަކުގެ ބައިވެރިވުން އިތުރުކުރުމާ ބެހޭ ގޮތުންވެސް ދެ ލީޑަރުން މަޝްވަރާކުރައްވާނެ އެވެ.