ދުނިޔެ

ހަނގުރާމަ ކުރުމަކީ މިހާރު ކޮށް އުޅޭ ޒާތުގެ ކަމެއް ނޫން: މޯދީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހިތްހަމަނުޖެހި ވަޑައިން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއަށް މުޚާތަބު ކުރައްވައިފި އެވެ.

އުޒްބެކިސްތާންގެ ސަމަރުގަންދުގައި އޮތް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގެ ހަވާސާގައި ދެ ލީޑަރުން ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މޯދީ ވަނީ ޔުކްރޭން ހަނގުރާމަ ހުއްޓާލުމަށް ޕޫޓިން އަށް ދަންނަވާފަ އެވެ.

މޯދީ ވިދާޅުވީ ތަހުޒީބީ ދައުލަތްތައް، އެއް ގައުމު އަނެއް ގައުމަށް އަރައިނުގަންނާނެ ކަމަށާއި މިއީ ހަނގުރާމަކުރުން އެއްގޮތަކަށް ވެސް ބުއްދިވެރި ޒަމާނެއް ނޫން ކަމަށެވެ.

ޔުކްރޭން ހަނގުރާމަ ފެބްރުއަރީ 24 ގައި ފަށައިގަތް ފަހުން ހަތް މަސް ވަނީ އެވެ. އެކަމަކު ހަނގުރާމަ ނިމޭނެ ދުވަހެއް ލޮލުކޮޅަށް ވެސް ފެންނާކަށް ނެތެވެ. ހަނގުރާމަ ހުއްޓާލަން ރަޝިއާ، ޔުކްރޭނުން ކުރެ ގައުމަކުން ޝައުގުވެރިވާތީއެއް ވެސް ނުފެނެ އެވެ.

"ޔުކްރޭން ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން އަޅުގަނޑު ވާނީ އެތައް ފަހަރަކު މަނިކުފާނަށް ދަންނަވާފަ،" މޯދީ ވިދާޅުވި އެވެ.

"ފޯނުން މަޝްވަރާކުރާ ކޮންމެ ފަހަރަކު ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން ވާނީ ދެންނެވިފަ އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަތުމާ ގުޅިގެން ދުނިޔޭގެ ނުފޫޒުގަދަ ގައުމުތަކުން ރަޝިއާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅާފަ އެވެ. ބައިނަލްއަގްވާމާ މާލީ ނިޒާމުން ރަޝިއާ ވަކިކޮށް އިގުތިސާދީ ގޮތުން ދަތިކުރަން ބުރަބޮޑު ފިޔަވަޅުތަކެއް ވެސް ވަނީ އަޅާފަ އެވެ.

އެހެން ނަމަވެސް، ޕޫޓިން ވިދާޅުވަނީ ހުޅަނގަށް ވުރެ އޭޝިއާ އާއި މެދުއިރުމައްޗަށް އޮތް އިތުބާރު ބޮޑު ކަމަށެވެ. އަދި ޗައިނާ އާއި އިންޑިއާ އަކީ ކޮނޑަށް އަތްލަން ވަރަށް ރަނގަޅު ދެ ގައުމު ކަމަށެވެ.

އިންޑިއާ އާއި ޗައިނާ އެ ގޮތުގައި އޮއްވައި ދުނިޔޭގެ ނިޒާމުތަކުން ރަޝިއާ އެކަހެރި ކުރުމަކީ ކުޅަދާނަ ކަމެއް ނޫން ކަމަށް ވެސް ޕޫޓިން ވަނީ ކިތަންމެ ފަހަރަކު ވިދާޅުވެފަ އެވެ.

މޯދީއަށް ޖަވާބު ދެއްވަމުން ޕޫޓިން ވިދާޅުވީ އިންޑިއާ ލީޑަރުގެ ކަންބޮޑުވުންތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ޔުކްރޭނާ މެދު މޯދީ ހަމްދަރުދީވެ ވަޑައިގަންނަވާ ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަ ހުއްޓާލަން ރަޝިއާ ބޭނުންވި ނަމަވެސް ޔުކްރޭން އޮތީ އެ ނިޔަތުގައެއް ނޫނެވެ. ހަނގުރާމަ ފަށަން ޖެހުނީ ޔުކްރޭނުން ހަނގުރާމަ އިއުލާންކުރުމުން ކަމަށްވެސް ވިދާޅުވި އެވެ.

ހަނގުރާމަ އިއުލާން ކުރުމަކީ ހަމައެކަނި އަނގަބަހުން އެކަމަށް ގޮވާލުން ނޫން ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ. ޔުކްރޭންގެ އަމަލުތައް ހުރީ ހަނގުރާމައެއް ނުފަށައި ކޮޅެއްގައި ޖެއްސޭ ގޮތަށް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި މަޝްވަރާ ކުރާކަށް ޔުކްރޭން ބޭނުމެއް ނުވެ އެވެ. ރަޝިއާ ސިފައިންގެ އެކަކު ޔުކްރޭންގެ ބިމުގައި ހުއްޓަސް ހަނގުރާމަ ހުއްޓާނުލާނެ ކަމަށް ޔުކްރޭންގެ ރައީސް ވޮލޮދިމީރި ޒެލެންސްކީ ވަނީ ވިދާޅުވެފަ އެވެ.

ސިޔާސަތު ދިރާސާކުރާ މީހުން ބުނާ ގޮތުން މޯދީ އެގޮތަށް ވާހަކަ ދެއްކެވި ނަމަވެސް ރަޝިއާ، އިންޑިއާގެ ގުޅުމަށް ހުރަހެއް ނޭޅޭނެ އެވެ. މޯދީ އެގޮތަށް ބަސްމަގު އަނބުރާލައްވާނެކަން ޕޫޓިންއަށް ކުރިން ވެސް އޮތީ އެނގިވަޑައިގެންފަ އެވެ.