ދުނިޔެ

އެމެރިކާގެ މާލީ ވަޒީރު ޖެނެޓް ޔެލެން އިންޑިއާއަށް

އެމެރިކާގެ މާލީ ވަޒީރު ޖެނެޓް ޔެލެން އިންޑިއާއަށް ފުރާ ވަޑައިގެންފި އެވެ.

މިއީ އޭނާ މަގާމާ ހަވާލުވެ ވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަ ދަތުރެވެ.

ޖެނެޓް ޔެލެން މާލީ ވަޒީރުގެ ހައިސިއްޔަތުން އިންޑިއާއަށް ދަތުރެއް ޚާއްސަކުރެއްވި ސަބަބަކީ ހަމައެކަނި ދޭދޭ ގުޅުން ބަދަހިކުރެއްވުމެއް ނޫނެވެ.

ދުނިޔޭ މަސްލަހަތު އެމެރިކާ ކޮޅަށް އަނބުރާލުމުގައި އިންޑިއާ އަކީ ބާރުގަދަ ކުޅިއަކަށް ވާތީ އިންޑިއާގެ ވެރިންނަށް ގާތްކޮށް ހިތުމަކީ ވެސް ފޮރުވިފައި އޮތް އެޖެންޑާ އެކެވެ.

ރަޝިއާ ދުނިޔެއިން ބާކީކޮށްލުމަށް އެމެރިކާ ކުރާ މަސައްކަތްތަކުގައި އިންޑިއާ ބައިވެެރިވުމަކީ އެމެރިކާ ވަރަށް ބޮޑަށް އެދޭ ކަމެކެވެ. އަނެއްކޮޅުން ޗައިނާއާ ވާދަކޮށް ބާރުދަށްކުރުމަށް އެމެރިކާ ހިންގާ ޕްރޮގްރާމްތަކުގައި އިންޑިއާ ބައިވެރިވާން ޖެހާ ކަމަށް އެމެރިކާއަށް ގަބޫލުކުރެވެ އެވެ.

ޔެލެންގެ މި ދަތުރުގައި އިންޑިއާގެ މާލީ ވަޒީރު ނިރުމަލާ ސިތާރަމަންއާ ބައްދަލު ކުރައްވާނެ އެވެ.

މި ބައްދަލުކުރެއްވުމުގައި ޔުކްރޭން ހަނގުރާމައާ ބެހޭ ގޮތުން މަޝްވަރާ ނުކުރެއްވި ނަމަވެސް ރަޝިއާއިން ހަކަތަ ގަތުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

ރަޝިއާއިން ތެޔޮ ނުގަތުމަށް އިންޑިއާ ކިބައިން އެމެރިކާ ވަނީ ކިތަންމެ ފަހަރަކު އެދިފަ އެވެ. އެހެން ނަމަވެސް، އިންޑިއާއިން އެކަން ހުއްޓާކަށް ނޫޅެވެ. ރަޝިއާއިން ތެޔޮ ގަތުން ހުއްޓައިނުލާނެ ކަމަށް ވެސް އޮތީ ބުނެފަ އެވެ.

އެހެންކަމުން އިންޑިއާގެ މާލީ ވަޒީރާ އެކު ކުރައްވާ މަޝްވަރާތަކުގައި ރަޝިއާއިން ތެޔޮ ނުގަތުމަށް ޔެލެން ބާރު ނާޅުއްވާނެ ކަމަށްވެ އެވެ. އޭގެ ބަދަލުގައި އޭނާގެ މަސައްކަތަކަށް ވާނީ އެމެރިކާ އާއި ބައިވެރިން ކަނޑައަޅާފައި އޮތް 'ޕްރައިސް ކެޕް' -- ވަކި އަގަކަށް ވުރެ ބޮޑުކޮށް ހަކަތަ ނުގަތުމަށް ބާރުއެޅުއްވުމެވެ.

ތަޖުރިބާކާރުން ދެކޭ ގޮތުގައި އެމެރިކާގެ މި ފިކުރަކީ އިންޑިއާއަށް ވިއްކޭނެ ފިކުރެއް ނޫނެވެ. އެއީ އިންޑިއާ މިހާރު ވެސް އޮތީ ރަޝިއާ އާއެކު ވިޔަފާރީގެ ގުޅުންަތައް ބަދަހިކޮށް ހަރުދަނާ ކުރަން ހުވައިކޮށްގެން ކަމަށް ވާތީ އެވެ.

އަނެއްކޮޅުން، އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު މިހާރު ވެސް ވަޑައިގެން އުޅުއްވަނީ މޮސްކޯގަ އެވެ. އެއީ ވެސް ދޭދޭ ގުޅުން ހަރުދަނާ ކުރެއްވުމުގެ ދަތުރެއް ކަމަށް އޮތީ އަޑުއަރާފަ އެވެ.

ޗައިނާއާ ކުރިމަތި ލުމުގައި އިންޑިއާ ގެންގުޅެނީ ގައުމަށް ފައިދާކުރާނެ ގޮތްތަކެކެވެ. ހަނގުރާމަ ކޮށްގެން ގައުމު ހަލާކުކުރުމަށް ވުރެ ބޯހަރު މީހުންނާ މަޝްވަރާ ކުރުމަކީ ވެސް ރަނގަޅު ގޮތެއް ކަމަށް އިންޑިއާ ގަބޫލުކުރެ އެވެ.

އެހެންކަމުން ބަޔަކު ދީފާނެ ހަމަލާއަކުން ގައުމު ދިފާއުކުރަން ހަތިޔާރު އެއްކުރިއެއް ކަމަކު އަރާރުންތައް އުފައްދައި ހަނގުރާމަކުރުމަކީ އިންޑިއާ ގެންގުޅޭ ވިސްނުމެއް ނޫން ކަމަށް ސިޔާސީ ލީޑަރުންގެ ވާހަކަތަކުން ދޭހަވަ އެވެ.