އެމެރިކާގެ ނިއުކްލިއާ އިންޖީނުގެތައް ހިންގަން ބޭނުންކުރާ ޔުރޭނިއަމް އެތެރެކުރަނީ ރަޝިއާއިންނެވެ. ޔުކްރޭން ހަނގުރާމަ ފެށުނު ފަހުންވެސް އެމެރިކާއިން ވަނީ އެތައް މިލިއަން ޑޮލަރެއްގެ ޔުރޭނިއަމް، ރަޝިއާ އަތުން ގަނެފަ އެވެ.
ޔުކްރޭން ހަނގުރާމައާ ގުޅިގެން ރަޝިއާއަށް ދަތިކުރަން އެމެރިކާއާ މުޅި ހުޅަނގު ގުޅިގެން އަޅާފައި ހުރި އިގުތިސާދީ ފިޔަވަޅުތަކުގެ އަސަރު ރަޝިއާއަށް ކޮންމެވެސް ވަރަކަށް ކުރި ނަމަވެސް -- އެމެރިކާއާ ބައިވެރިން ބޭނުންވި ނަތީޖާއެއް ނުނިކުތެވެ.
ރަޝިއާގެ އިގުތިސާދު މިހާރު ދަނީ ރޮކެޓެއްހެން ކުރިއަށެވެ. ދުނިޔޭގެ މާލީ އިދާރާތައް ބުނާ ގޮތުން ޔުކްރޭން ހަނގުރާމައިގެ ކުރިން ރަޝިއާގެ އިގުތިސާދު އޮތް މިސްރާބަށް ވުރެ -- ރަޝިއާގެ އިގުތިސާދު މިހާރު އޮތް މިސްރާބު މާ ރަނގަޅެވެ.
އެމެރިކާއާ ބައިވެރިން މިހާރު ވެސް ދަނީ ރަޝިއާއަށް ދަތިކުރުމަށްޓަކައި އާ ގޮތްތައް ރާވައި އިތުރު ފިޔަވަޅުތައް އަޅަމުންނެވެ. މި ގޮތުން ރަޝިއާ އަތުން ޔުރޭނިއަމް ގަތުން އެމެރިކާއިން ހުއްޓާލަން ވަނީ ބިލެއް ފާސްކޮށްފަ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން މި ބިލުގައި ސޮއިކުރެއްވުމުން އަމަލުކުރަން މަޖުބޫރު ގާނޫނަކަށް ބަދަލުވީ އެވެ. ބިލުގައި ސޮއިކުރައްވާތާ 90 ދުވަސް ފަހުން މި ގާނޫނަށް އަމަލުކުރަން ފަށާނެ އެވެ.
ގާނޫނަކުން މަނާކޮށްފައި އޮތް ކަމެއް އެމެރިކާއަކަށް ވެސް ނުކުރެވޭނެ އެވެ. އެހެންކަމުން، ރަޝިއާ އަތުން ޔުރޭނިއަމް ގަތުން އެމެރިކާ ހުއްޓާލަން ޖެހޭނެ އެވެ.
ދެން އޮތް ސުވާލަކީ އެމެރިކާގައި ހުރި ނިއުކްލިއާ އިންޖީނުގެތައް ހިންގަން ޔުރޭނިއަމް ދެން ހޯދާނީ ކޮންތާކުންތޯ އެވެ. އަދި އެމެރިކާއިން ރަޝިއާ އަތުން ޔުރޭނިއަމް ނުގަތުމުން ރަޝިއާގެ އިގުތިސާދަށް ވާނީ ކިހިނެއްތޯ އެވެ.
ރަޝިއާ އަތުން ޔުރޭނިއަމް ގަތުން އެެމެރިކާއިން ހުއްޓާލިއެއް ކަމަކު، އެމެރިކާއަށް ބޭނުންވާ ވަރަށް ޔުރޭނިއަމް އުފެއްދުމުގެ ގާބިލުކަމެއް އެ ގައުމުގައި ނެތެވެ. އެމެރިކާއަށް ޖެހޭނީ، އެ ވަރުގެ ގާބިލުކަން ހޯދެންދެން އެހެން ގައުމުތަކުން ޔުރޭނިއަމް އެތެރެކުރާށެވެ.
އެމެރިކާއަށް ޔުރޭނިއަމް ލިބެން ހުރި ގައުމުތަކުގެ ތެރޭގައި ޔުކްރޭން، ފަރަންސޭސިވިލާތް އަދި ކެނެޑާ ހިމެނެ އެވެ. ކުރިއަށް އޮތް ދެތިން އަހަރު ތެރޭގައި ވެސް އެމެރިކާއަށް ބޭނުންވާ ޔުރޭނިއަމް ފައްކާކުރުމުގެ ގާބިލުކަން ލިބިނުގަނެވޭނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން މިހާރު އުޅުއްވަނީ ޗައިނާގެ ރައީސް، ޝީ ޖިންޕިންގް ދެއްވި ޚާއްސަ ދަތުރެއްގައި އެ ގައުމުގަ އެވެ.
ޗައިނާ އަކީ ވެސް ރަޝިއާ އަތުން ޔުރޭނިއަމް ގަންނަ ގައުމެކެވެ. ޕޫޓިންގެ މި ދަތުރުގައި މިއީ ވެސް ޗައިނާ އާއެކު ރަޝިއާ އެއްބަސްވާނެ ވިޔަފާރިއެއް ކަމަށް ބެލެވެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޗައިނާ އާއި އީރާން، އިންޑިއާ އަދި ޕާކިސްތާން އަކީ ވެސް ރަޝިއާ އަތުން ޔޫރޭނިއަމް ގަންނަ ގައުމުތަކެވެ. އަދި ބަންގްލަދޭޝް އާއި އިންޑޮނީޝިއާގައި، ރަޝިއާގެ އެހީގައި ބިނާކުރާ ނިއުކްލިއާ އިންޖީނުގެތަކަށް ވެސް ޔުރޭނިއަމް ބޭނުންވާނެ އެވެ.
މިހެން ކަން އޮތުމުން، އެމެރިކާއިން ރަޝިއާ އަތުން ޔުރޭނިއަމް ނުގަތުމަކުން ރަޝިއާއަށް ލިބޭނެ އެއްވެސް ދެރައެއް ނެތެވެ. ލަފާކުރެވޭ ގޮތުގައި މިކަމުގެ ސަބަބުން ވެސް ރަޝިއާގެ އިގުތިސާދީ ދާނީ ކުރިއަށެވެ.