އެމެރިކާ އާއި ރަޝިއާ ދެމެދު ޔުކްރޭންއާ ހެދި އުފެދިފައި އޮތް ނުތަނަވަސް ކަމުގައި އަދި އެމެރިކާ އާއި ޗައިނާއާ ދެމެދު ޓައިވާންއާ ހެދި އުފެދިފައި އޮތް ނުތަނަވަސް ކަމުގައި ކޮންމެ ގައުމަކުން ވެސް އިންޒާރުދެމުން ގެންދަނީ ރަތްރޮނގު ހުރަސްކޮށްފި ނަމަ ދެން ކަންތައްވާނެ ގޮތަކާ މެދު އެވެ.
ރަޝިއާއިން ބުނަނީ އެމެރިކާ އާއި ނޭޓޯއިން ރަތްރޮނގު ހުރަސްކޮށްފި ނަމަ ދެން ކަންތައް ކުރަންވީ ގޮތް އެނގޭނީ ރަޝިއާއަށް ކަމަށެވެ.
ޗައިނާއިން ބުނަނީ އަސްކަރީ ގޮތުން ޓައިވާން ބާރުވެރިކުރަން އެމެރިކާ ކުރާ މަސައްތްތަކުގައި ރަތްރޮނގު ހުރަސްކޮށްފި ނަމަ ޗައިނާ މަޑުން ނޯންނާނެ ކަމަށެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިން ވިދާޅުވި ގޮތުގައި އެމެރިކާ ފިޔަވައި އެހެން އެއްވެސް ގައުމަކަށް ރަތްރޮނގެން ކަނޑަނޭޅޭނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެކަން ކުރާނީ އެމެރިކާއިން ކަމަށެވެ.
އެމެރިކާ ބުނާ ގޮތުން ޗައިނާ ޓައިވާނަށް އަރައިގަންނާނެ އެވެ. ރަޝިއާއިން ހަމަލާދީ ޔުކްރޭން ހިފަންއުޅޭ ކަމަށް އެމެރިކާއިން ގެންދަނީ އެކުވެރި ގައުމުތަކަށް ވިސްނައި ދެމުންނެވެ.
ޗައިނާ އާއި ޓައިވާންއާ ދެމެދު އުފެދިފައި އޮތް ނުތަނަވަސް ކަމުގެ ތެރެއަށް އެމެރިކާ ވަދެގަނެ ޓައިވާންގެ ދިފާއުގައި ވަކާލާތުކުރަން ފެށުމުން ޗައިނާ އާއި އެމެރިކާއާ ދެމެދުގައި ކުރިން ވެސް އޮތް ނުތަނަވަސްކަން އިހުނަށް ވުރެ ވަނީ ބޮޑުވެފަ އެވެ.
ރަޝިއާ އާއި ޔުކްރޭން އަކީ ވެސް ބޯޑަރު ހިއްސާކުރާ ދެގައުމެވެ. އަވަށްޓެރި މިދެގައުމުގެ ދެމެދުގައި ވެސް ނުތަނަވަސްކަން އަބަދުހެން ކަހަލަ ގޮތަކަށް އޮވެ އެވެ.
އެމެރިކާ އާއި ނޭޓޯއިން ޔުކްރޭންގެ ބޮލަށްއެރި މުޅި ސަރަހައްދު މިހާރު އޮތީ ޚަރާބުކޮށްލާފަ އެވެ. ޔުކްރޭން ހިމާޔަތް ކޮށްދޭން ކަމަށް ބުނެ ރަޝިއާއާ އިންވެގެން އޮތް ގައުމެއްގައި އެމެރިކާ އާއި ބައިވެރިން ގެންދަނީ ބަރުހަތިޔާރު ބަހައްޓަމުންނެވެ.
ގައުމުތަކުގެ ވެރިން މަޝްރަހު ފިނިކުރަން މަޝްވަރާ ކުރަމުން ގެންދާއިރު ކޮންމެ ގައުމަކުން ވެސް ބުނަނީ ރަތްރޮނގު ހުރަސްނުކުރާހާ ހިނދު ބަލަން ތިބޭނެ ކަމަށެވެ.
ޓައިވާންގެ އަސްކަރިއްޔާއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދީ އެމެރިކާއިން ގެންދަނީ ޗައިކާއާ ދެކޮޅުވެރިވުމަށް ޓައިވާނަށް ހިތްވަރު ދެމުންނެވެ. އަދި ޗައިނާއިން ހަމަލާއެއް ދީފި ނަމަ ރައްދު ދިނުމަށްޓަކައި ބާރުގަދަ ހަތިޔާރު ފޯރުކޮށްދެމުންނެވެ.
މިމަކާ ގުޅިގެން ޗައިނާއިން ބުނަނީ ޓައިވާން އަކީ މިނިވަން ދައުލަތެއް ނޫން ކަމަށާއި އެއީ ޗައިނާގެ ބައެއް ކަމަށެވެ. އަދި ޓައިވާންއާ ވަކި މުއާމަލާތްކޮށް ޗައިނާއާ ކުރިމަތިލާން ހިތްވަރު ދިނުމަކީ ރަތްރޮނގު ހުރަސްކުރުން ކަމަށެވެ.
ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން، ޔުކްރޭންއާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކުގައި، ނޭޓޯ ސިފައިން ރަޝިއާއާ ކައިރިވުމަކީ ވަރަށް ބޮޑު މައްސަަލައެއް ކަމަށް ވިދާޅުވި އެވެ.
ޕޫޓިން ވިދާޅުވީ އެމެރިކާ އާއި ނޭޓޯ ސިފައިން ޔުކްރޭންއަށް ހަތިޔާރު ފޯރުކޮށްދިނުމާއި ރަޝިއާއާ އެހާ ކައިރީގައި އަސްކަރީ ހަރަކާތްތައް ހިންގުމަކީ ރުހެވޭ ކަމެއް ނޫން ކަމަށެވެ. އަދި ނޭޓޯ ސިފައިން ރަޝިއާއާ ކައިރިއަށް އިންޗިއެއް ޖެހިލި ނަމަވެސް ރަތްރޮނގު ހުރަސްކުރެވުނީ ކަމެވެ.