ދުނިޔެ

ތިޔަ ވިދާޅުވި "ނުފެންނަ އަތަކީ" އެމެރިކާ: ރަޝިއާ

ޔުކްރޭން ހަނގުރާމަ ދިގުދެންމުމަށް ވާގިވެރިވަނީ "ނުފެންނަ އަތަކުން" ކަަމަށް ވިދާޅުވެ ޗައިނާގެ ޚާރިޖީ ވަޒީރު ޝިން ގޭން ޖޯކު ޖައްސަވައިފި އެވެ. ސިޔާސީ އަރަތަކަށް ވާ ގޮތަށް ވަޒީރު ޖެއްސެވި ޖޯކުގައި ބައިވެރިވެ ވަޑައިގެން، ރަޝިއާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންގެ ތަރުޖަމާން، ދިމިތުރީ ޕެސްކޯފް ވަނީ އެ އަރަތް ފުރިހަމަކުރައްވާފަ އެވެ.

ދިމިތުރީ ޕެސްކޯފް ވިދާޅުވީ "ތިޔަ ވިދާޅުވި ނުފެންނަ އަތަކީ އެމެރިކާ" ކަމަށެވެ.

ޗައިނާގެ ޚާރިޖީ ވަޒީރުގެ މަގާމަށް ދާދިފަހުން އައްޔަން ކުރެއްވި ޝީ ގޭން އަކީ ސިޔާސީ ޖޯކު ޖައްސަވައި ބަސްވިދާޅުވުމަށް ހުޝިޔާރު ބޭފުޅެކެވެ. ވިދާޅުވާ ބަސްތައް ވަރުގަދަވެފައި މޫނަކަށް ކަނދުރާއަކަށް ބެއްލެވުމެއް ނެތި ކަން އޮންނަ ގޮތް ވިދާޅުވުމަށް އޭނާ އަކީ މަޝްހޫރު ބޭފުޅެކެވެ.

ޝީ ގޭންއަށް "ވުލްފް ވޯރިއާ" ގެ ނަމުން މުޚާތަބުކުރެވެނީ ވެސް މި ފަދައިން ވިދާޅުވާ ބަސްތަކާ ހެދި އެވެ.

ޝިން ގޭން ވިދާޅުވީ ޔުކްރޭން ގަނގުރާމާ ޔުކްރޭނަށް ނިސްބަތްވި ނަމަވެސް ހުރިހާ ކަމެއް މިހާރު ހިންގަނީ ނުފެންނަ އަތަކުން ކަމަށެވެ.

އޭގެ ބޭނުމެއް ކަމަށް ވަޒީރު ވިދާޅުވީ އެއީ އެ ބައެއްގެ އޮތް ސިޔާސީ އެޖެންޑާތަކެއް ފުރިހަމަކުރުމަށް ކުރާ ކަމެއް ކަމަށެވެ. އަދި ދުނިޔޭގެ ހައިސިއްޔަތު އެ ބައެއްގެ މައްޗަށް ފުޅާވެގެން ދިއުމުގެ އުންމީދުގައި ކުރާ ކަމެއް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަޢަށް ޗައިނާއިން ހުށަހެޅީ 12 ނުކުތާގެ ސުލްހައިގެ ކަރުދާހާ މެދު ރަޝިއާ ކިތަންމެ ސީރިއަސްވި ނަމަވެސް، ނުފެންނަ އަތްތަކުން އެކަމަށް ވެސް ހުރަސްއަޅާ ކަމަށެވެ.

ތަރުޖަމާން ވިދާޅުވީ ނުފެންނަ އަތެއް ގޮތުގައި ޗައިނާގެ ވަރީޒު ސިފަކުރެއްވި ސިފަކުރެއްވުން ސީދާ އެމެރިކާއަށް ފެތޭ ކަމަށެވެ. އަދި ޗައިނާގެ ވަޒީރު އެމެރިކާގެ ނަން ވިދާޅުނުވި ނަމަވެސް -- ދުވާލުގެ އަލި ކަށަވަރުވާ ފަދައިން އެއީ އެމެރިކާ ކަން ރަޝިއާއަށް އެނގޭ ކަމަށެވެ.

ޔުކްރޭން ހަނގުރާމަ ނިންމަން ޔުކްރޭން ބޭނުންވި ނަމަވެސް، މިހާރު ކަން އޮތް ގޮތުން ޔުކްރޭން ހަނގުރާމަ ނިންމުމަކީ އެ ގައުމަށް ވެސް ކުރެވެން އޮތް ކަމެއް ނޫން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.

"ސަބަބަކީ ޔުކްރޭން ހަނގުރާމަ ނިންމަން އެމެރިކާ ބޭނުން ނުވުން" ކަމަށް ވެސް ދިމިތުރީ ޕެސްކޯވް ވިދާޅުވި އެވެ.