ޗައިނާ އަކީ އެމެރިކާ ދެކޭ ގޮތުގައި އިގުތިސާދީ ގޮތުން އެމެރިކާއަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ. ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެމެރިކާއަށް އޮތް އެންމެ ބޮޑު ބިރުވެރި ކަމަކީ ރަޝިއާ އެވެ.
ސީޔާސީ ކުރިމަގު އަންދާޒާކުރާ މީހުން ޗައިނާ އާއި ރަޝިއާއަށް ދޭ ނަސޭހަތަކީ އެމެރިކާގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވުމެވެ. އަދި އެމެރިކާގެ ސަބަބުން ކުރިމަތި ވެދާނެ ކޮންމެ ގޮންޖެހުމަކަށް ކެތްރެރިކަމާއި އެކު ދެމެހެއްޓެނިވި ގޮތުގައި ޖަވާބު ދިނުމެވެ. މި ދެ ޕޮއިންޓަކީ ނުހަނު މުހިންމު ކަމެއް ގޮތުގައި ސިޔާސީ ތަޖުރިބާކާރުން ދެކެ އެވެ.
ދުނިޔޭގައި މިހާރު އެމެރިކާއަށް އޮތް ބާރުވެރިކަމަށް ޗައިނާ އާއި ރަޝިއާގެ ސަބަބުން ބުރޫއަރައި އެމެރިކާ އެދޭ ގޮތަށް އަމުރު އޯޑަރު ތަންފީޒު ކުރަން ދަތިވެދާނެ ކަމަށް އެމެރިކާއަށް ގަބޫލުކުރެވެ އެވެ.
އިގުތިސާދީ ގޮތުން ޗައިނާ އިނދަޖައްސާލައި އަދި ރަޝިއާގެ ކިބައިން އަސްކަރީ ބާރުވެރިކަން ނިގުޅައިގަނެގެން ނޫން ގޮތަކަށް އެމެރިކާއަށް ދެން ދުނިޔޭގައި ބާރުދެއްކުމަކީ ނުވާނެ ކަމެކެވެ.
އެމެރިކާގައި އެވަގުތަކު އޮންނަ ސަރުކާރަކަށް ވަސްވާސް ލައިދޭ މީހުންގެ ނަޒަރިއްޔާ އަކީ ގަދަބާރުން ނަމަވެސް ޗައިނާ ކުޑަކަކުލަށް ތިރިކުރުވުމެވެ. އެ ނޫން ގޮތެއްގައި އެމެރިކާއަށް މޭފުއްޕޭނެ އެހެން އެއްވެސް ގޮތެއް ނެތެވެ.
ރަޝިއާ ގޮއްވާލައިގެން ނޫން ގޮތަކަށް އެމެރިކާއަށް އޮތް އަސްކަރީ ހައިސިއްޔަތު ދެމެހެއްޓުމަކީ ވެސް ނާދިރު ކަމެކެވެ.
އިގުތިސާދީ ގޮތުން ގައުމުތައް ކުރިއަރުވައި އަދި ކުރިއަރާފައިވާ ގައުމުތަކާ ފައިހަމަކުރުވުމަށް ޗައިނާ ގެންގުޅޭ އިގުތިސާދީ ސިޔާސަތު -- ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް އަކީ އެމެރިކާ ވަރަށް ބޮޑަށް ޖެހިލުންވާ ސިޔާސަތެކެވެ.
ޗައިނާއަށް އިގުތިސާދީ ގޮތުން ދަތިކޮށް ހިރިނުލެވޭ ވަރު ކުރުމަށް އެމެރިކާ ގެންގުޅޭ ސިޔާސަތުގެ ބޭނުމަކީ އެމެރިކާއަށް ވުރެ ބޮޑަށް ދުނިޔޭގައި -- ގައުމުތަކުގެ މެދުގައި ބަސްވިކޭ ގައުމަކަށް ޗައިނާ ވިޔަ ނުދިނުމެވެ.
ޔުކްރޭންގެ ވެރިކަމުގައި މިހާރު ތިބި ސިޔާސީ ލީޑަރުންގެ ބޮލަށް ޗިޕްޖަހައިގެން ރަޝިއާއާ ހަނގުރާމަ ކުރުމަކީ އެމެރިކާ އަޑީގައި އޮވެގެން ކުރާ ކަމެކެވެ. އޭގެ އެއް ބޭނުމަކީ ރަޝިއާގެ ކިބާގައި ހުރި އަސްކަރީ ގާބިލުކަން ވަޒަންކުރުމެވެ.
ރަޝިއާއިން ބޯލްޓިކް ކަނޑު ހުރަސްކޮށް ޖަރުމަނަށް އަޅާފައި އޮތް ގޭސް ހޮޅިތައް -- ނޯޑް ސްޓްރީމް ގޭސް ހޮޅިތަކަކީ ޔޫރަޕްގެ ހުރިހާ ބާރެއް ރަޝިއާ ކޮޅަށް ލަންބާލާނެ ހަތިޔާރެކެވެ.
ދުވާލެއްގެ މައްޗަށް ޔޫރަޕަށް ފޮނުވޭ ގޭސް އިތުރު ކުރުމުގެ ނިޔަތުގައި ބިނާކުރި ނޯޑް ސްޓްރީމް ދޭއް ބޭނުންކުރަން ފެށުމުގެ ކުރިން ރަޝިއާ އާއި ޔުކްރޭންއާ ހަނގުރާމައިގައި މަސްއޫލު ކުރުވުމަކީ ޔޫރަޕަށް އެންމެ ގިނައިން ގުދުރަތީ ގޭސް ސަޕްލައިކުރާ ގައުމަކަށް ރަޝިއާ ވިޔަ ނުދިނުމަށް އޮތް ރޭވުމެކެވެ.
ނޯޑް ސްޓްރީމް ހޮޅިތަކަށް އެމެރިކާއިން ހަމަލާދީ ރަޝިއާއަށް އޮތް ހުރިހާ ފުރުސަތެއް އެމެރިކާ މިހާރު ވަނީ ޖަހައިގެންފަ އެވެ. އެހެންކަމުން ހިސާބުތަކަށް ބަރޯސާކޮށް ޔޫރަޕަށް އެންމެ ގިނައިން ގުދުރަތީ ގޭސް ސަޕްލައިކުރާ ގައުމަކީ އެމެރިކާ ކަމަށް މިހާރު ބުނެވެން އެބަ އޮތެވެ.
ސިޔާސީ ތަޖުރިބާކާރުން ބުނާ ގޮތުގައި ރަޝިއާ އާއި ޗައިނާ ބޮލުން ކުޅެފިނަމަ ނެތިގެން ހިނގައިދާނެ ކަމަށް އެމެރިކާ ބިރުން އެ އުޅޭ ހުރިހާ ކަމެއް އެމެރިކާގެ ކިބައިން ނިގުޅައިގަނެވިދާނެ އެވެ. އޮތް ހަމައެކަނި ގޮތަކީ އެމެރިކާއަށް ދޫނުދިނުމެވެ.