ދުނިޔެ

ޗައިނާ ކުންފުނިތަކުން ޔުކްރޭނަށް ޑްރޯން ވިއްކުން މަދުކުރަނީ

ޔުކްރޭން ހަނގުރާމާގައި ރަޝިއާގެ ފައުޖުތަކަށް ހަމަލާދިނުމަށް ބޭނުންވާ ޑްރޯނާއި އޭގެ ބައިތައް ޗައިނާ ކުންފުނިތަކުން ޔުކްރޭނަށް މިހާރު ބޭނުންހާ ވަރަކަށް ނުވިއްކާ ކަމަށް ނިއުޔޯކް ޓައިމްސްއިން ބުނެފި އެވެ.

ޗައިނާ ކުންފުނިތަކުގެ ސިޔާސަތަށް ގެނައި މި ބަދަލާ އެކު، ޔުކްރޭނަށް މިހާރު ޖެހިފައި އޮތް ހާލަކީ -- ނިއުޔޯކް ޓައިމްސްއިން ބުނާ ގޮތުން، ޑްރޯނާއި، ޑްރޯން މަރާމާތުކުރަން ބޭނުންވާ ބައިތައް ސްމަގްލްކުރުމެވެ.

ޗައިނާއިން މިދިޔަ ސެޕްޓެމްބަރު މަހު، އެކްސްޕޯޓް ގާނޫނަށް ގެނައި ބަދަލެއްގައި -- އެ ގައުމުގައި އުފައްދާ ޑްރޯނާއި ބައިތައް ގައުމުން ބޭރުކުރެވޭ މިންވަރު މަދުކުރި އެވެ. އަދި ވަކި ގައުމަކަށް އެކަށީގެން ނުވާހާ ގިނަ ޑްރޯން ވިއްކުން މަނާކުރި އެވެ.

ޔުކްރޭނަށް ވަރަށް ބޮޑަށް ބޭނުންޖެހިފައި އޮތް މި ވިޔަފާރިއަށް ގެނައި ބަދަލުގެ ސަބަބުން، ރަޝިއާއަށް ދެމުން ގެންދާ ހަމަލާތަކަށް މަޑުޖެހުމެއް އަންނާނެ ކަމަށް ނިއުޔޯކް ޓައިމްސްއިން ބުނެ އެވެ. އަދި ކުރިއަށް އޮތް ފިނި މޫސުމުގައި ޔުކްރޭންގެ ހާލަތު ބޮޑުވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޔުކްރޭންގެ އޮފިޝަލަކު ނިއުޔޯކް ޓައިމްސްއަށް ކިޔައިދިން ގޮތުގައި ޗައިނާ ނޫން ގައުމަކުން އެކަށީގެންވާ ވަރަށް ޑްރޯން ގަންނާކަށް ނުލިބެ އެވެ.

ރަޝިއާގެ ފައުޖުތަކަށް ރޭނގަޑު ހަމަލާ ދިނުމަށްފަހު ދުވާލު ކުރަން ޖެހޭ ކަމަކީ ޑްރޯން ހޯދަން ސަލާންޖެހުން ކަމަށްވެސް އޮފިޝަލް ބުންޏެވެ.

ޑްރޯން ލިބުން މިހާ ބޮޑަށް ދަތިވުމުން ރަޝިއާގެ ފައުޖުތައް ފަހަތަށް ޖެއްސުމުގައި ޔުކްރޭނަށް ކުރި ނުލިބޭނެ ކަމުގެ ބިރު އޮތް ކަމަށްވެސް ނިއުޔޯކް ޓައިމްސްއަށް އޭނާ ކިޔައިދިނެވެ.

ޔުކްރޭނަށް ޑްރޯން ހޯދުމަށްޓަކައި ޔޫރަޕްގެ ގައުމުތަކާ އެކު މަޝްވަރާކުރެވޭ ކަމަށްވެސް ފާއިތުވި އޯގަސްޓްގައި ޔުކްރޭންގެ އޮފިޝަލުން ވަނީ ބުނެފަ އެވެ. އަދި ޔުކްރޭންގަައި މަރުކަޒު ހަދައިގެން ދުރު ރާސްތާ ޑްރޯން އުފެއްދުމަކީވެސް އޮތް ވިސްނުމެއް ކަމަށް ވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔުކްރޭންގައި މިހާރު ހަ މޮޑެލެއްގެ ޑްރޯން އުފައްދަ އެވެ. މިއީ މުޅިންހެން ހަނގުރާމައަށް ފައްކާކުރާ ޑްރޯން އެވެ.

ޔުކްރޭނުން މިހާރު ވިސްނަނީ އިނގިރޭސިވިލާތާއި ޖަރުމަން ފަދަ ގައުމުތަކުގެ ފަންނީ ލަފާއާ އެކު ޔުކްރޭންގައި ހަތިޔާރު އުފެއްދުމަށެވެ. އޭގެ ތެރޭގައި ދުރުރާސްތާ މިސައިލް ވެސް ހިމެނެ އެވެ.