ދުނިޔެ

ޔުކްރޭން ހަނގުރާމައާ ބެހޭ ގޮތުން ޗައިނާ ދެކޭ ގޮތް ހާމަކުރަނީ

ޔޫކްރޭން ހަނގުރާމައާ ބެހޭ ގޮތުން ޗައިނާ ދެކޭ ގޮތް ފެބްރުއަރީ ނިމުމުގެ ކުރިން ބަޔާންކުރާނެ ކަމަށް ސެންޓްރަލް ފޮރިން އެފެއާޒް އޮފީހުގެ ޑިރެކްޓަރު ވާންގް ޔީ ވިދާޅުފެއްޖެ އެވެ.

ވާންގް ޔީ ވިދާޅުވީ އެކަމަށްޓަކައި ޗައިނާއިން ލިޔުމެއް ތައްޔާރުކުރަމުން އަންނަ ކަމަށާއި، ޔުކްރޭން ހަނގުރާމައާ މެދު ޗައިނާގެ ވިސްނުން އެ ކަރުދާހުން ސާފުވާނެ ކަމަށެވެ.

ޖަރުމަނުގެ މިއުނިކްގައި މިހާރު ކުރިއަށްދާ މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ވާންގް ޔީ ވިދާޅުވީ ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން ނޫން ކަމެއްގެ މައްޗަށް ޗައިނާ ފިކުރު ނުކުރާ ކަމަށެވެ.

ޔުކްރޭންގައި ސުލްހަ ގާއިމުވުން ހިމެނެނީ ޗައިނާއިން މިވަގުތު އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި ކަމަށްވެސް ވާންގް ޔީ ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމައާ ބެހޭ ގޮތުން ޗައިނާ އެކުލަވާލާ ކަރުދާހުގައި އެންމެ އިސް ކަމަކީ ސުލްހަ ކަމަށް ވިދާޅުވެ ވާންގް ޔީ ވިދާޅުވީ ކޮންމެ ގައުމަކަށްވެސް އެެ ގައުމުގެއްގެ މިނިވަންކަމާއި އިސްތިގުލާލް މުހިންމުވާނެ ކަމަށް ޗައިނާ ވަކާލާތުކުރާނެ ކަމަށެވެ.

ދައުލަތްތައް މިނިވަންކަމުގައި ދެމިއޮތުމަށް އދ. އިން ހުއްދަކޮށްފައި އޮންނަ އޮނިގަނޑަށް މުޅި ދުނިޔެ ތަބާވާން ޖެހޭނެ ކަމަށްވެސް ވާންގް ޔީ ވިދާޅުވި އެވެ.

ގައުމުތަކާ ދެކޮޅަށް ބާރުގަދަ ހަތިޔާރު ބޭނުންކުރުމާއި -- ހަތިޔާރުން ވާދަޖެހުމަކީ ޗައިނާ ގަބޫލުކުރާނެ އަމަލުތަކެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނިއުކްލިއާ ހަތިޔާރު ހުއްޓެއް ކަމަކު އެއީ ބަޔަކު ބިރުގެންނެވުމަށް ނުވަތަ ދުނިޔެވީ ހައިސިއްޔަތަކަށް ޓަކައި ބޭނުންކޮށްގެން ވާނެ ބާރުވެރިކަމެއް ނޫން ކަމަށްވެސް ވާންގް ޔީ ވިދާޅުވި އެވެ.

ކޮންމެ ހަނގުރާމައެއްގައި ވެސް ދެކޮޅު -- ހަނގުރާމަކުރާ ދެ ބަޔަކު އޮންނަ ކަމަށް ވިދާޅުވެ ވާންގް ޔީ ވިދާޅުވީ ކެމިކަލް ހަތިޔާރު ބޭނުންކުރުމާއި ހަނގުރާމައިގެ ނިވައިފަތްގަނޑެއް ގޮތުގައި އިންސާނުން ބޭނުންކުރުމާ ޗައިނާ ދެކޮޅު ކަމަށެވެ.

މިއުނިކް ސެކިޔުރިޓީ ކޮންފަރެންސްގެ ހަވާސާގައި ޖަރުމަނުގެ ޗާންސެލަރު، އޯލަފް ޝޯލްޒްއާ ބައްދަލުކުރައްވައި ވާންގް ޔީ ވިދާޅުވީ ޗައިނާ އޮތީ ޔުކްރޭން ހަނގުރާމަ ނިންމުމާ ދިމާއަށް މިސްރާބުޖަހާފައި ކަމަށާއި -- ޔުކްރޭން ހަނގުރާމަ ހުއްޓުވުމުގައި ޗައިނާއަށް ވުރެ ބާރުގަދަ ރޯލެއް ޖަރުމަނަށް ކުޅެވޭނެ ކަމަށެވެ.

ޔުކްރޭން ހަނގުރާމަ ދިގުލައިގެން ދާ ވަރަކަށް ޔޫރަޕުގެ ހާލުވެސް ނިކަމެތިވާނެ ކަމަށް ވާންގް ޔީ ވިދާޅުވި އެވެ. ހަނގުރާމައާ ސީދާ ގުޅުމެއް ނެތް ބޮޑެތި ޖަރީމާތައް ދުނިޔޭގައި ހިނގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.