ކަޅު ސައި ބުއިމަކީ ވަރަށް ގިނަ ގުނަ ސިއްހީ ފައިދާ ލިބޭ ކަމެއް ކަމަށް ސައިންސްވެރިންގެ އެކި ހޯދުންތަކުން ހާމަވެފައި ވެއެވެ. ކަޅު ސައިގެ ފައިދާ މިހާ ބޮޑު ވަނީ އޭގައި ވަރަށް މައްޗަށް ޕޮލިފެނޯލްސް އެކުލެވޭތީ އެވެ.
ސައި އާއްމު ގޮތެއްގައި މީހުން ބޭނުންކުރަނީ ބުއިމެއްގެ ގޮތުގަ އެވެ. ނަމަވެސް އިސްތަށިގަނޑުގެ ފަރުވާއެއްގެ ގޮތުގައި ވެސް ކަޅު ސައި ބޭނުން ކުރެވިދާނެކަމަށް ހޯދުންތަކުން ދައްކަ އެވެ. އެގޮތުން އިސްތަށިގަނޑު ޑައި ކުރުމަށް ކަޅު ސައި ބޭނުން ކުރެވެ އެވެ. އަދި އިސްތަށިތަކަށް ޖެހޭ މައްސަލަތަކުން އިސްތަށިގަނޑު ސަލާމަތްކުރުމުގައި ވެސް ކަޅުސައި ބޭނުން ކުރެވެ އެވެ. ނަމަވެސް ކަޅު ސައި އިސްތަށިގަނޑުގައި ބޭނުންކުރުމުން އިސްތަށިގަނޑު އަވަހަށް ދިގުވާ ކަމަށް މިކަމާ ގުޅޭ ބައެއް އާޓިކަލްތަކުގައި ވެއެވެ. އެކަމަކު އަނެއް ބައި އާޓިކަލް ތަކުގައިވަނީ އިސްތަށިގަނޑު ދިގުވާކަމުގެ ހެކި ނެތް ކަމަށެވެ.
އިސްތަށިގަނޑު ކަޅު ސައިން ދޮވުމަކީ އެތައް ގަރުނަކުއްސުރެ ދުނިޔޭގައި މީހުން ބިއުޓީ ރިމެޑީއެއްގެ ގޮތުގައި ކުރަމުން އަންނަ ކަމެކެވެ. މިގޮތަށް ދޮންނައިރު ފެނަށް ސައިފަތް ނުވަތަ ސައިފަތްޕެކެޓް އަޅައި ގަޑިއެއްހާއިރު ބެހެއްޓުމަށްފަހު އެ ފުރާނާލާފައި އޭގެން އިސްތަށިގަނޑު ދޮވެފައި ގަޑިއެއްހާއިރު ބަހައްޓަ އެވެ. އޭރުން އިސްތަށިގަނޑުގެ ކުލައަށް އާދަޔާޚިލާފު ރީތިކަމެއް ލިބެ އެވެ.
ކަޅު ސައިގައި ޓެނިންސް ކިޔާ މާއްދާއެއް އެކުލެވެ އެވެ. މިއީ ޕޮލިފެނޯލް އެންޓިއޮކްސިޑަންޓްގެ ވައްތަރެކެވެ. މީގެން ކޮށްދޭ ކަމަކީ ފްރީ ރެޑިކަލްސް ނުވަތަ ސެލްތައް ހަލާކުކުރާ ކަމްޕައުންޑްސް ނިއުޓްރަލައިޒް ކޮށްލުމެވެ.
އަދި އިސްތަށިގަނޑުގައި ހުންނަ ކަޅުކުލަ ގަދަކޮށްލަން ބޭނުންވާ ތިއަފްލޭވިންސް އާއި އެނޫންވެސް ބައެއް މާއްދާތައް ސައިފަތުގައި ހުރެ އެވެ. އަދި އިސްތަށިގަނޑުގެ ވިދުން ގަދަކޮށްލަންވެސް ސައިފަތުން އިސްތަށިގަނޑު ދޮވެލެވިދާނެ އެވެ.
ސައިފަތުގައި އެއްވެސް ސައިޑް އިފެކްޓްސްއެއް ހުރޭ ހެއްޔެވެ؟ އިސްތަށިގަނޑު ސައިފަތު ފެނުން ދޮވުމުން ބޮލުގެ ހަންގަނޑަށް ގެއްލުމެއް ވެދާނެ ހެއްޔެވެ؟ ސައިންސްވެރިންގެ ހޯދުންތަކުން ދައްކާ ގޮތުގައި އިސްތަށިގަނޑު ކަޅު ސައިން ދޮވުމަކީ އެއްވެސް ކަހަލަ ނޭދެވޭ އަސަރެއް އެކަމުން ކުރާނެ ކަމެއް ނޫނެވެ. ނަމަވެސް ކަޅު ސައިގައި އެކުލެވޭ ކެފެއިންގެ ސަބަބުން އިސްތަށިގަނޑު ހަރުވެ ކުރަކިވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވެ އެންމެ ރަނގަޅު ގޮތަކީ ސްޕްރޭ ފުޅިއަކުން އިސްތަށިތަކުގެ ބުޑަށް ކަޅު ސައި ސްޕްރޭ ކުރުމަށްފަހު އިރުކޮޅަކު ބަހައްޓާފައި އިސްތަށިގަނޑު ދޮވެ ކޮންޑިޝަނާ ކުރުމެވެ.
ކަޅު ސައިން އިސްތަށިގަނޑު ދޮންނާނީ ކިހިނެއް
- ކެކިކެކި ހުރި ދެ ޖޯޑު ފެނަށް 3-4 ޕެކެޓް ސައި ފަތް ލާށެވެ. ގަޑިއެއްހާއިރު ބަހައްޓާ ރަނގަޅަށް ހިހޫ ކުރާށެވެ. ސައިން އިސްތަށިގަނޑު ދޮންނައިރު އެ ހުންނަން ޖެހޭނީ މުޅީން ހިހޫ ވެފަ އެވެ. ދެން ސްޕްރޭ ފުޅިއަކަށް ސައިފޮދު އަޅާށެވެ.
- އިސްތަށިގަނޑު ޝޭމްޕޫ ލައިގެން ރީއްޗަށް ދޮންނާށެވެ. ކަޅު ސައި ބޮލަށް ސްޕްރޭ ކުރާއިރު ބޮލުގެ ހަންގަނޑު ހުންނަން ޖެހޭނީ ސާފުކޮށެވެ. އިސްތަށިގަނޑު ތެތްކޮށް އޮއްވާ ބައިބަޔަށް ބަހާލައި ދޭތެރެ ދޭތެރެއަށް ސްޕްރޭ ކުރާށެވެ. އަދި އަތުގެ އިނގިލިތަކުން މަސާޖުކޮށްލާށެވެ.
- އިސްތަށިގަނޑު އެއްކޮށް ކަވަރުވާ ވަރަށް ސްޕްރޭ ކޮށް ނިމުމުން ބޭދިން ކެޕެއް އަޅާފައި 30-60 މިނިޓް ވަންދެން ބަހައްޓާށެވެ.
- އޭގެ ފަހުން ތާފަނާ ނުވަތަ ފިނި ފެނުން ބޯ ރީތިކޮށް ދޮވެ ކޮންޑިޝަނާ ލާށެވެ.
- މިކަން ކުރާއިރު ވީހާވެސް ބާ ޓީޝާޓެއް ފަދަ އެއްޗެއް ލައިގެން ހުރުން ރަނގަޅެވެ. ސަބަބަކީ ސައިފަތުގެ ކުލަ ހެދުމުގައި ޖެހި ފިލުވަން އުނދަގޫވާނެތީ އެވެ.
ބައެއް މީހުންގެ ހަށިގަނޑު އުފެދިފައިވާ ގޮތުން ސައިފަތުން ސައިޑް އިފެކްޓްސް އައުމަކީ އެކަށީގެންވާ ކަމަކަށްވާތީ އެންމެ ކުރިން ޓެސްޓްކުރުމަށް ތަޖުރިބާކާރުން އިރުޝާދު ދެއެވެ.
މި ޓެސްޓްކުރުމަށް ކަޅު ސައި ފޮދެއް އަތުގެ މަތީ ބައިގައި ނުވަތަ މުލައްދަނޑީގައި ހާކާލާފައި ބަހައްޓާށެވެ. އަދި 24 ގަޑިއިރު ވާއިރު އެ ހޭކި ތަނުގެ ކުލަ ރަތްވެ، ކުލަ ބަދަލުވެ، ނުވަތަ ހިރުވާ ގޮތް ވެއްޖެނަމަ އޭގެ މާނައަކީ އެ މީހަކާ އެ ނުގުޅޭ ކަމެވެ. އެއްވެސް މައްސަލައެއް ދިމާނުވެއްޖެނަމަ އިސްތަށިގަނޑު ދޮވުމަށް ވެސް ކަޅު ސައި ބޭނުން ކުރެވޭނެ އެވެ.