ދުނިޔެ

ރަޝިއާގެ ގައުމީ އެއާލައިން އޭރޯފްލޮޓަށް ދަތިކުރުން އުވާލަން އެ ގައުމުން އެދިއްޖެ

ރަޝިއާގެ ގައުމީ އެއާލައިން އޭރޯފްލޮޓަށް އެމެރިކާއިން އަޅާފައި އޮތް ދަތިކުރުންތައް އުވާލުމަށް، ރަޝިއާގެ ފަރާތުން އެ ގައުމުގެ ޚާރިޖީ ވަޒީޜު ސަރުގޭ ލަވްރޯފް އެދިވަޑައިގެންފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ކިބައިން ރަޝިއާ މިކަމަށް އެދުނީ، ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި އޮތް -- އެމެރިކާ، ރަޝިއާ މަޝްވަރާ ބައްދަލުވުމުގަ އެވެ.

ސަރުގޭ ލަވްރޯފްއާ ހަވާލާދީ ރަޝިއާގެ ތާސް ނޫހުން ބުނާ ގޮތުން، އޭރޯފްލޮޓަށް ދަތިކުރުންތައް އުވާލުމަށް ފާއިތުވި ފެބްރުއަރީގައި ވެސް އެމެރިކާއަށް ރަޝިއާއިން ހުށަހެޅި އެވެ.

އަދި ދެ ގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުންތައް ތާޒާކޮށް ފްލައިޓްތައް އަލުން ފެށުމަށް ޝަރުތެއް ގޮތުގައި މިކަން -- ލިޔުމުން ހުށަހަޅާފައި ވާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ރަޝިއާގެ ގައުމީ އެއާލައިން އޭރޯފްލޮޓަށް އެމެރިކާއިން ދަތިކުރުންތައް ކުރިމަތިކުރީ ޔުކްރޭން ހަނގުރާމައާ ގުޅިގެންނެވެ. މި ދަތިކުރުންތަކުގެ ސަބަބުން އޭރޯފްލޮޓްގެ މަތިންދާބޯޓުތަކަށް ބޭނުންވާ އިންޖީނުގެ ބައިތައް އަދި މަރާމާތުކުރަން ބޭނުންވާ އެހެން ބައެއް ސާމާނު ލިބުން ވަނީ ވަަރަށް ބޮޑަށް ދަތިވެފަ އެވެ.

އޭރޯފްލޮޓްގެ މަތިންދާބޯޓުތައް ބައެއް ގައުމުތަކަށް އުދުހުން އަދި އެމެރިކާގެ ބައެއް އޮފިޝަލުން ދަތުރުކުން ވެސް އޮތީ މަނާކޮށްފަ އެވެ.

ލަވްރޯފް ދެކެވަޑައިގަންނަވާ ގޮތުގައި އެމެރިކާއާ ރަޝިއާއާ ދެމެދު ގާތް ގުޅުމެއް އޮތުމަކީ، ވަރަށް ގިނަ ހަމަނުޖެހުންތަކަށް އޮތް ހައްލެކެވެ. އަދި ދެ ގައުމުގެ ދެމެދުގައި ގުޅުން ހަރުދަނާވާން ޖެހޭނީ ގައުމީ މަސްލަހަތަށްޓަކަ އެވެ.

ފަރުދީ ގުޅުންތަކަށް ވުރެ ގައުމީ މަސްލަހަތު އިސްކުރަން ޖެހޭނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. ނަމަވެސް، މަޝްވަރާތަކުން އެކަށީގެންވާ ނަތީޖާއެއް ނެރުމަށް ދުވަސް ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.