ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ މެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކެވަޑައިގަންނަވާ ގޮތް ފާޅުކުރައްވައި ސަޅިކަނޑުއްވައިފި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުން ޕޫޓިން އަކީ އޭނާއަށް ވަރަށް ގަދަރުކުރައްވާ ބޭފުޅެކެވެ. ޕޫޓިންގެ ހިތުގައި އަބަދުވެސް އޭނާއަށް އިހުތިރާމާއި އަޅާލުން އޮންނަ ކަމަށް ޓްރަމްޕް ގަބޫލުކުރައްވަ އެވެ.
ޓްރަމްޕް އެމެރިކާގެ ރައީސް ކަމަށް ފާއިތުވި ޖެނުއަރީ މަހު ހަވާލުވެ ވަޑައިގަތުމަށްފަހު، އެމެރިކާއާއި ރަޝިއާއާ ދެމެދު ހިނގައި ދިޔަ މުއާމަލާތްތަކުންވެސް ފެނިވަޑައިގަތީ ޕޫޓިންގެ އިޚުލާސްތެރިކަން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފެބުރުއަރީ މަހު ކުރީކޮޅު ޕޫޓިންއަށް ފޯނު ކޯލެއްވެސް ކުރެއްވި ކަމަށެވެ. ދެ ލީޑަރުން ކުރެއްވި މަޝްވަރާތަކުގައި އޮޅުމެއް ދި އިތުރަށް ސާފުކުރާނެ އެއްޗެއް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
ޔުކްރޭން ހަނގުރާމަ އަކީ ރަޝިއާއިން ކުރަން ބޭނުންވެގެން ކުރި ހަނގުރާމައެއް ނޫން ކަމަށް އޭނާގެ އަރިހުގައި ޕޫޓިން ވިދާޅުވި ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ޔުކްރޭން ހަނގުރާމަ ވީހާވެސް އަވަހަށް ހުއްޓާލުމަކީ އެދިވަޑައިގަންނަވާ ގޮތް ކަމަށް ޓްރަމްޕްގެ އަރިހުގައި ޕޫޓިން ވިދާޅުވި ކަމަށްވެސް ވިދާޅުވި އެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި އޮތީ އެމެރިކާ އިން ގާތްގަނޑަކަށް ރަޝިއާއާ ގުޅުންކަނޑާލާފަ އެވެ. އޭރުގައި ޔުކްރޭން ހަނގުރާމަ ހުއްޓުވަން އަދި ދުނިޔޭގެ ހަމަނުޖެހުން ފިނިކުރަން މި ދެ ގައުމުގެ ވެރިން މަޝްވަރާ ކުރައްވާފައެއްވެސް ނުވެ އެވެ.
ނަމަވެސް ޖެނުއަރީ 20 ގައި ޓްރަމްޕް ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު ރަޝިއާއާ އެކު ގުޅުން ބަދަހިކުރުމަށް ޓްރަމްޕް ވަނީ ހާއްސަ ޓީމެއް އެކުލަވާލައްވާފަ އެވެ.
އެގޮތުން ސައުދީ އަރަބިއްޔާގައި، ރަޝިއާގެ އޮފިޝަލުންނާއި އެމެރިކާގެ އޮފިޝަލުން ވަނީ ބައްދަލުކުރައްވައި، ދުނިޔޭގައި ލެއްވިހާ މައުލޫއަކަށް މަޝްވަރާކޮށްފަ އެވެ.
އެމެރިކާއާ ރަޝިއާއާ ދެމެދު މިހާރު އޮތް އެންމެ ބޮޑު މަސައްކަތަކީ ޔުކްރޭން ހަނގުރާމަ ހުއްޓުވާލުމެވެ.
ޓްރަމްޕް ވިދާޅުވީ ޕޫޓިން މިހާރު ހުންނެވި ގޮތުގައި ހުންނަވައިފިނަމަ، ހަނގުރާމަ ހުއްޓާލަން ކުރެވޭ މަޝްވަރާތައް ކޮޅެއްގައި ޖެހޭނެ ކަމަށެވެ.