ދުނިޔެ

ޔުކްރޭނަށް ޖެހޭނީ ބިމުން ގެއްލިފައި އޮތް ބައި ރަޝިއާއަށް ދޫކޮށްލަން: އެމެރިކާ

ޔުކްރޭން ހަނގުރާމާ ހުއްޓުވުމަށްޓަކައި އެމެރިކާ އާއި ސައޫދީ އަރަބިއްޔާއިން އިސްނަގައިގެން ކުރެވޭ މަޝްވަރާތައް ސައޫދީގައި މިހާރު ކުރިއަށް އެބަދެ އެވެ.

ހަނގުރާމަ ހުއްޓާލުމަށް ރަޝިއާއިން އަދި ޔުކްރޭނުން ވެސް ވަނީ ޝަރުތުތަކެއް ކަނޑައަޅާފަ އެވެ. މި ގޮތުން ރަޝިއާއިން ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި، ޔުކްރޭންގެ ބިމުން ރަޝިއާ ސިފައިން ހިފާފައި އޮތް ސަރަހައްދުތައް ޔުކްރޭނަށް އަނބުރާ ލިބެންޖެހޭ މާއްދާއެއް އޮވެގެން ނުވެ އެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ގޮތުން ޔުކްރޭނަށް އޮތީ ރަޝިއާއިން ހުށަހެޅި ޝަރުތު ގަބޫލުކުރުމެވެ.

ހަނގުރާމަ ހުއްޓާލައި ރަޝިޔާއާ އެކު ސުލްހަވުމަށް -- ޔުކްރޭންގެ ބިމުން ރަޝިއާ އިސްތިއުމާރުކޮށްފައި އޮތް ސަރަހައްދުތައް ދޫކޮށްލަން ޖެހޭނެ ކަމަށް ސެކްރެޓަރީ އޮފް ސްޓޭޓް ވިދާޅުވި އެވެ.

މާކޯ ރޫބިއޯ ވިދާޅުވި ގޮތުން ހަނގުރާމަ ހުއްޓާލަން ޔުކްރޭނުން އެދޭ ނަމަ، ގަބޫލުކުރަން ދަތި ބައެއް ކަންތައްތައް ދޫކޮށްލަން ޖެހޭނެ އެވެ. މިއިން އެއްވެސް ހާލަތެއްގައި، 2014 ގެ ކުރިން ޔުކްރޭން އޮތް ހާލަތަށް ރުޖޫއަނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމައިގެ ކުރިން، ކްރައިމިއާ، ދޮނަސްތަކް، ލުހާންސްކް، ޚާސަން އަދި ޒަޕޮރޮޒިއާ، އެ ގައުމުގެ ބައެއްގެ ގޮތުގައި އޮތް އޮތުން އެ ގޮތުގައި ދަމަހައްޓަން ބޭނުން ނަމަ ޔުކްރޭނަށް އޮތީ ނިމުމެއް ނެތް ހަނގުރާމަ ކަމަށް ރޫބިއޯ ވިދާޅުވި އެވެ.

ހަނގުރާމަ ހުއްޓާލުމަށްޓަކައި އަސާސީ ޝަރުތުތަކުގެ ތެރޭގައި އެ ސަރަހައްދުތައް ދޫކޮށްލުން ނޫން ގޮތެއް ޔުކްރޭނަށް ނެތް ކަމަށްވެސް ސެކްރެޓަރީ އޮފް ސްޓޭޓް ވިދާޅުވި އެވެ.

ރަޝިއާގެ އިސްތިއުމާރުގައި އޮތް ސަރަހައްދުތައް ދޫކޮށްލަން ޖެހޭ ގޮތަށް ސުލްހައިގެ މަޝްވަރާތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ރަޝިއާ އޮތީ އަންގާފަ އެވެ. ރަޝިއާ ބޭނުން ނަމަ ޔުކްރޭން ޒަމާން ދުއްވާލައި، މުޅި ސަރަހައްދަކީ ރަޝިއާގެ އަމިއްލަ ތަނަކަށް ހެދިދާނެކަން އެމެރިކާ ވެސް ގަބޫލުކުރެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް ވިދާޅުވި ގޮތުން އެމެރިކާގެ އެހީތެރިކަމާ ނުލައި ޔުކްރޭނަށް ހަނގުރާމަ ކުރިއަކަށް ނުގެންދެވޭނެ އެވެ. އަދި ހަނގުރާމަ ކުރިއަށް ގެންދަން ޔުކްރޭނުން ބޭނުންވި ނަމަވެސް، ރަޝިއާގެ ކިބައިން ސަލާމަތެއް ނުވާނެ އެވެ.

މިހެން ކަން އޮތުމުން، ޔުކްރޭނަށް އޮތް އެންމެ ރަނގަޅު ގޮތަކީ، ބިމުން ބައެއް ދޫކޮށްލާފައި ނަމަވެސް، ރަޝިއާއާ އެކު ސުލްހަ ގާއިމުކުރުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ސައޫދީގައި ކުރެވޭ މަޝްވަރާތަކުގައި، ގޮތް ދޫނުކޮށް ޔުކްރޭން ބޭނުންވާހާ ކަމެއް ހުށަހެޅުމުން ކޮޅެއްގައި ނުޖެހޭނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.