އޯޕެކް ޕްލަސްގެ މެމްބަރު ގައުމުތަކުން ދުނިޔޭގެ ބާޒާރަށް ނެރޭ ތެޔޮ މަދުކުރަން ސައްލާކޮށް އެއްބަސްވި މައްސަލާގައި އެމެރިކާއިން ސައޫދީއަށް ވަރުބާލަށް ވަށައިފި އެވެ.
އޯޕެކް ޕްލަސްއިން ނިންމާފައިވަނީ މިހާރު ބާޒާރަށް ނެރޭ ތެލުން ދުވާލަކު ދެ މިލިއަން ފީފާ އުނިކުރުމަށެވެ. އެކަމަކު މި ނިންމުން ތަންފީޒުކުރުމަށް ތާރީހުތަކެއް ވަނީ ކަނޑައަޅާފަ އެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެންއާ ހަވާލާދީ ނޫސްތަކުން ބުނާ ގޮތުން ސައޫދީއާ އެކު ދެން ގުޅުން ބާއްވާނީ ކޮން ފެންވަރެއްގައި ކިހާވަރަކަށްތޯ ބައިޑަން ސަރުކާރުން ނިންމާނެ އެވެ.
ބްލިންކެން ވިދާޅުވި ގޮތުގައި އިޚުތިޔާރު ކުރެވެން ހުރި ކިތަންމެ ގޮތެއް މިހާރު ވެސް ހުރީ ކަރުދާހަށް ތިލަކުރެވިފަ އެވެ.
ކޮންގެރެސްއާ މަޝްވަރާކޮށް އެމެރިކާއަށް އެންމެ ރަނގަޅު ގޮތް ނިންމަވާނެ ކަމަށްވެސް ސެކްރެޓަރީ އޮފް ސްޓޭޓް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންގެ ނަޒަރުގައި އަސްކަރީ ގޮތުން ސައޫދީއަށް އެމެރިކާ އެއްބާލުން ދޭނެ ކަމެއް ނެތެވެ. އަދި ސައޫދީގައި މިހާރު ހުރި އެމެރިކާގެ ހަތިޔާރާއި އަސްކަރީ ގާބިލުކަން އެގައުމުން ބޭރުކުރަންވެސް ވަނީ ގޮވާލާފަ އެވެ.
އޯޕެކް ޕްލަސްގެ މި ނިންމުމާ އެކު ޔުނައިޓެޑް އަރަބް އެމިރޭޓްސްއާ މެދުވެސް އެމެރިކާގެ ވިސްނުން ބަދަލުކުރާނެ އެވެ. އެމެރިކާގެ އޮފިޝަލުން މި މޭރުމުން މިހާރު ވެސް އެބަ ވާހަކަދައްކަވަ އެވެ.
ރަޝިއާ އަކީ ވެސް އޯޕެކް ޕްލަސްގެ މެމްބަރު ގައުމެކެވެ. އެމެރިކާ ދެކޭ ގޮތުގައި އޯޕެކް ޕްލަސްއިން ތެޔޮ މަދުކުރަން ނިންމި ނިންމުމުގައި ރަޝިއާގެ ދައުރު ވަރަށް ފުޅަލެވެ.
ސައުދީ އާއި ރަޝިއާ އެކުގައި މާބޮޑަށް ގާތްވެގެން ކުރަން އުޅެނީ ކޮން ކަމެއްތޯ ވެސް ކޮންގްރެސްގައި ވަނީ ބަހުސްކޮށްފަ އެވެ.
ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާންގެ ޒައާމަތުގައި ސައޫދީގެ މިސްރާބު ހުރީ ކޮން ދިމާއަކަށްތޯ ވެސް ވަނީ ސުވާލު އުފައްދާފަ އެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް -- ހާއްސަކޮށް ޔޫރަޕަށް ތެޔޮ ލިބުން ދަތިވެފައި އޮއްވައި އޯޕެކް ޕްލަސްއިން މިފަދަ ނިންމުމެއް ނިންމުމަކީ ހުޅަނގަށް ދަތިކުރުން ކަމަށްވެސް ސިޔާސީ ލީޑަރުން ދެކެ އެވެ.
ރަޝިއާއަށް ދަތިކުރުމަށް ހުޅަނގުން ވަނީ ރަޝިއާގެ ހަކަތަ ގަތުން އަމިއްލައަށް އެއްވެސް މަޖުބޫރުކަމެއް ނެތި ހުއްޓާލަފަ އެވެ.
ހުޅަނގަށް ތެޔޮ ހޯދުމަށްޓަކައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޖަރުމަނުގެ ޗާންސެލަރު ސައޫދީގެ ރިޔާޒަށް ވަޑައިގެން ކުރެއްވި އެެއްވެސް ކަމަކުން އެކަށީގެންވާ ނަތީޖާއެއް ވަނީ ނުނެރެވިފަ އެވެ.