ދުނިޔެ

އެމެރިކާ ނުކުރާ ކަމެއް ؛ ޔޫއޭއީގެ ކިބައިން މާފަށް އެދެފި

އެމެރިކާއިން ފާޅުކަން ބޮޑު ގޮތެއްގައި އެއްވެސް ކަމެއްގައި މާފަށް އެދުމަކީ އާންމު ކަމެއް ނޫނެވެ. އެހެން ނަަމަވެސް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީއަށް، ޔަމަނުގައި ވަކި ސަރުކާރެއް އުފައްދަން ހަނގުރާމަކުރާ ޓެރަރިސްޓް ހޫތިން ދިން ހަމަލާތައް ކުށްވެރި ކުރުމުގައި ލަސްވި ކަމަށް އެއްބަސްވެ ވަނީ މާފަށް އެދިފަ އެވެ.

ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ނެރުއްވި ބަޔާނެއްގައި، ޔޫއޭއީއަށް އަޅާލުމުގައި ލަސްވި ކަމަށް ވަނީ އެއްބަސްވެ ވަޑައިގެންފަ އެވެ. އަދި ހޫތީންނަށް ރައްދު ހަމަލާ ދިނުމުގައި އެމެރިކާއަށް މާބޮޑު އެހީތެރި ކަމެއް ފޯރު ކޮށްދެވިފައި ނުވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

އެމެރިކާއިން ވަގުތުގެ ބޭނުން ހިފައި ޔޫއޭއީ ބޮލަށް ސަވާރުވާން މިހާރު ކުރާ މަސައްކަތަކީ ޔުކްރޭން ހަނގުރާމައިގައި ރަޝިއާއަށް ދަތި ކުރަން ބައިވެރިން ހޯދުމެވެ.

ރަޝިއާއަށް އިގުތިސޯދީ ގޮތުން ދަތި ކުރުމަށް ޓަކައި އެމެރިކާއާ ބައިވެރިން ވަނީ ރަޝިއާގެ ހަކަތަ ނުގަންނަ ގޮތަށް ނިންމާފަ އެވެ. އެހެން ނަމަވެސް ރަޝިއާގެ ހަކަތައިގެ ބަދަލުގައި ކޮންމެވެސް އެހެން ދިމާއަކުން ކަހަތަ ހޯދަން ވެސް ވަނީ މަޖުބޫރުވެފަ އެވެ.

އެމެރިކާ ދެކޭ ގޮތުގައި މިވަގުތަށް އެންމެ ރަނގަޅު ފުރުސަތެއް އޮތީ މެދުއިރުމަތީގަ އެވެ. އެގޮތުން ސައޫދީ އަދި ޔޫއޭއީ ރުއްސިއްޖެ ނަމަ ރަޝިއާގެ ހަކަތައިގެ ބަދަލުގައި ހަކަތަ ލިބޭނެ ފަސޭހަ ގޮތެއް ހޯދުނީ އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ ހަމަލާތައް ކުށްވެރި ކުރުމުގައި މެދުއިރުމަތި އޮތީ ހިމޭނުންނެވެ. އެމެރިކާ ސްޕޮންސާ ކޮށްގެން އދ. ގެ ސަލާމަތީ މަޖިލީހުގައި ރަޝިއާ ކުށްވެރިކުރަން ނެގި ވޯޓުގައި ވެސް ޔޫއޭއީ ވަކިކޮޅަކަށް ވޯޓެއް ނުދެ އެވެ.

އެމެރިކާ އެދޭ ގޮތަށް މެދުއިރުމަތިން ޖަވާބެއް ހޯދުމަށްޓަކައި ބައިޑަން ސަރުކާރުގެ އޮފިޝަލުން ދަނީ މަޝްވަރާ ބައްދަލުވުންތައް ބާއްވަމުންނެވެ. އެހެން ނަަމަވެސް މަޝްރަހު އަދި ވެސް އޮތީ ކިލަނބުކޮށެވެ.