ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ތެޔޮ މިނިސްޓަރު ސުހައިލް ބިން މުހައްމަދު އަލްމަޒުރީ ވިދާޅުވި ގޮތުގައި، ތެޔޮ އުފެއްދުން އެ ގައުމުގައި ހުރީ މެކުހަށް ޖަހާފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އުފެއްދެން ހުރި އެންމެ ގިނަ އަދަދަކަށް، ދުވާލަކު 3،128 މިލިއަން ފީފާ ތެޔޮ އުފައްދާ ކަމަށެވެ.
ބޭނުންވާ ވަރަށް ތެޔޮ އުފެއްދުމަކީ އޯޕެކް ޕްލަސް ގައުމުތަކަށް ދަތިކަމެއް ނޫން ކަމަށް ވިދާޅުވެ ސުހައިލް ވިދާޅުވީ އޯޕެކޭ އެކު ވެފައި އޮތް އެއްބަސްވުމުގެ ދަށުން އުފެއްދެން ހުއްދަ އޮންނަ ވަރަށް ވުރެ މަދު ނުކުރައްވާނެ ކަމަށެވެ.
ސުހައިލް ވިދާޅުވި ގޮތުގައި ތެޔޮ އުފައްދާ އަދަދު އިތުރު ކުރެވެން ހުރި ނަމަވެސް މާކެޓް ހަލާކުވާ ވަރަށް ތެޔޮ އުފެއްދުމަކީ އެދެވޭ ކަމަކަށް ނުވާނެ ކަމަށެވެ.
ދުނިޔެއަށް ކޮވިޑް ފެތުރިގަތުމާ ގުޅިގެން ތެޔޮ އުފެއްދުން މަޑުޖައްސާލުމަށް ފަހު މެޝިންތައް މިހާރު ހިންގަނީ ދަތްގަނޑު މެކުހުގައި އަޅުވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަަބުން ތެޔޮ މާކެޓަށް އަރާފައިއޮތް ބުރޫ ފިލުވަން އޯޕެކް ގައުމުތަކުން އިތުރު ގަޑީގައި މަސައްކަތް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރަޝިއާގެ ނައިބު ރައީސް އެލެގްޒެންދަރު ނޮވާކް ވިދާޅުވި ގޮތުގައި ދުނިޔޭގައި ތެޔޮ ތިލަފަތް ދެކޮޅު ވަޒަންކުރުމަށް ރަޝިއާ އެހީތެރިވާނެ އެވެ. އަދި ސައޫދީއާ ގުޅިގެން ބާޒާރު ހަމައަކަށް އަޅުވައި އަގުތަކަށް ކޮންޓްރޯލް ކުރާނެ އެވެ.
ދުނިޔޭގައި މިވަތު އޮތް ހާލަތަށް ރަނގަޅު ބަދަލު އަންނާނެ ކަމަށް ވެސް ރަޝިއާ ބުނެ އެވެ. އަދި ތެޔޮ އުފައްދާ ގައުމުތަށް މަޝްވަރާ ކުރުމަށް ފަހު އަގުތަކަށް ރަނގަޅު ބަދަލު އަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.