ދުނިޔެ

ރަޝިއާގެ ރައީސް ޕޫޓިން މެދުއިރުމައްޗަށް

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން މެދުއިރުމައްޗަށް -- ސައޫދީ އަރަބިއްޔާ އަށާއި ޔުނައިޓެޑް އަރަބް އެމެރޭޓްސް (ޔޫއޭއީ)އަށް ވަޑައިގަންނަވަނީ އެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ވަނީ ޕޫޓިންގެ މި ދަތުރު ކަށަވަރުކޮށްދީފަ އެވެ. ގަނޑުވަރުގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުން ޕޫޓިން ސައޫދީއަށް ވަޑައިގަތުން އޮތީ މިއަދެވެ.

ޕޫޓިންގެ މި ދަތުރަކީ ތަރުޖަމާން ވިދާޅުވި ގޮތުން މެދުއިރުމަތީގެ ގައުމުތަކާ އެކު ގުޅުން ބަދަހިކުރެއްވުމަށް ކުރައްވާ ދަތުރެކެވެ.

ސައުދީ އަށާއި ޔޫއޭއީއަށް ޕޫޓިން ވަޑައިގަތުމުގެ މައިގަނޑު ބޭނުންފުޅަކީ ދުނިޔޭގެ ތެލުގެ ބާޒާރާ ބެހޭ ގޮތުން މަޝްވަރާކުރެއްވުން ކަމަށް ހަބަރުތައް ބުނެ އެވެ.

އަރަބި ވެރިންނާ އެކު ޕޫޓިން މަޝްވަރާ ކުރެއްވުމަށް ހުރި މައުލޫތަކުގެ ތެރޭގައި މެދުއިރުމަތީގެ އާންމު ހާލަތާއި ދުނިޔޭގެ އިގުތިސާދަށް އަންނަ ބަދަލުތަކުގައި ކުރިމަތިވެދާނެ ކަމަށް ބެލެވޭ ގޮންޖެހުންތައް އަދި ފަލަސްތީންގެ މައްސަލަ ހިމެނެ އެވެ.

ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރަމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އައިސްފައި ހުރި ބަދަލުތަކާ ބެހޭ ގޮތުންވެސް އަރަބި ވެރިންނާ އެކު ޕޫޓިން މަޝްވަރާކުރައްވާނެ އެވެ.

ތެލުގެ އަގުތައް އެއްވާނެއްގައި ދެމެހެއްޓުމަށާއި ތެލުގެ އަގު ވެއްޓިދާނެ އެންމެހައި މުއާމަލާތްތަކުން ދުރުހެލިވެ ހޭލުންތެރިވުމަށްވެސް ޕޫޓިން ގޮވާލައްވާނެ އެވެ.

ރަޝިއާގެ އިގުތިސާދު މިހާރު އޮތް ގޮތުން ތެލުގެ އަގުތަކަށް ކުއްލި ބަދަލެއް އަތުވެއްޖެނަމަ އަދި ވަކިން ހާއްސަކޮށް ތެލުގެ އަގު ވެއްޓިއްޖެނަމަ އެ ގައުމުގެ އިގުތިސާދަށް ލޮޅުންތަކެއް އަރާނެ އެވެ.

ރަޝިއާގައި މިހާރު އޮތް ތިލަފަތް ހަމަ އިގުތިސާދަށް ލޮޅުންއަރައި އަޑިއަޅާ ގޮތް ވެއްޖެނަމަ ޔުކްރޭން ހަނގުރާމައިގެ ސަބަބުން އެ ގައުމަށް ލިބިފައި ހުރި ގެއްލުންތައް ފޫބައްދަން ވަކިން ދަތިވާނެ އެވެ.

ދިމިތުރީ ޕެސްކޯފް އަދި ވިދާޅުވީ މެދުއިރުމައްޗަށް ކުރައްވާ ދަތުރު ނިންމަވާލެއްވުމަށްފަހު ގައުމަށް ވަޑައިގެން އީރާންގެ ރައީސް އިބްރާހީމް ރައީސީއާ ވެސް ޕޫޓިން ބައްދަލުކުރައްވާނެ ކަމަށެވެ.

ރައީސީ މިހާރު އުޅުއްވަނީ އީރާންގެ ވިޔަފާރި ވަފުދަކާ އެކު ރަޝިއާއަށް ކުރައްވާ ދަތުރެއްގަ އެވެ. މިއީ އަސްކަރީ އަދި ޖައްވީ މަޝްވަރާތަކެއް ހިމެނިގެންވާ ބައްދަލުވުމެކެވެ.