ދުނިޔެ

އެމެރިކާއިން އޯޕެކަށް ގޮތް ކިޔަންޏާ ތެލުގެ އަގު އުފުލޭނެ

ތެޔޮ އުފައްދާ، އޯޕެކްގެ ގައުމުތަކަށް ޕްރެޝަރު ބޮޑު ކުރަން ހަދައިގެން ދުނިޔޭގެ ތެލުގެ މާކެޓަށް ލުއި ނުލިބޭނެ ކަމަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެނާޖީ މިނިސްޓަރު ސުހައިލް މަޒްރޫއީ ވިދާޅުވެއްޖެ އެވެ.

މަޒްރޫއީ ވިދާޅުވި ގޮތުގައި އޯޕެކްގައި ހިމެނޭ އެއްވެސް ގައުމެއް ފިއްތާލައިފި ނަމަ ތެލުގެ އަގު އުފުލުން ނޫން ކަމެއް ނުވާނެ އެވެ.

ދުނިޔޭގެ މާކެޓްގައި ތެލުގެ އަގަށް އަންނަ ބަދަލުތަކަކީ ކުރިއާލައި ރާވައިގެން ހިނގާ ކަމެއް ނޫން ކަމަށް އެނާޖީ މިނިސްޓަރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އީރާނުން ތެލަށް ހަދާނެ ގޮތެއް ވެސް ނޭނގޭ ކަމަށާއި އީރާންގެ ސަބަބުން ވެސް މާކެޓަށް ބޮޑެތި ލޮޅުން އަރާ ކަމަށެވެ.

ޔުކްރޭނަށް ރަޝިއާ ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން ތެލުގެ މާކެޓަށް އަސަރުކުރާ ކަމަށް މަޒްރޫއީ ވިދާޅުވި އެވެ. އެމެރިކާ އާއި ބައިވެެރިން ރަޝިއާއިން ތެޔޮ ގަތުން ހުއްޓާލުމަކީ ވެސް އޯޕެކްގެ ބެލެންސް ގެއްލޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލުމަށް ފަހު އެމެރިކާގެ މިސްރާބު މިހާރު ހުރީ މެދުއިރުމައްޗަށެވެ. މެދުއިރުމަތީ ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު އިތުރުކުރަން އެމެރިކާ ގެންދަނީ ޕްރެޝަރު ކުރަމުންނެވެ.

ސުހައިލް މަޒްރޫއީ ވިދާޅުވި ގޮތުގައި މިވަގުތު އެމެރިކާގެ ދައުރަކަށް ވާން ޖެހޭނީ ރޭވުންތެރި އަދި ބުއްދިވެރި ގައުމަކަށެވެ. އެނާޖީ މިނިސްޓަރު ވިދާޅުވީ އޯޕެގެ ސިޔާސަތު ކަނޑައަޅާނެ ގޮތް އެމެރިކާ ކިޔައިދޭން ފެށުން މަޝްރަހު ގޯސްވުން ނޫން ކަމެއް ނުވާނެ ކަމަށެވެ.

ދުބާއިގައި ސައޫދީ އެނާޖީ އޮފިޝަލުންނާއެކު އޮތް ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން ސިޔާސަތު ކަނޑައަޅާނެ ގޮތް ކިޔައި ނުދިނުމަށް އެމެރިކާ ކިބައިން މަޒްރޫއީ ވަނީ އެދިވަޑައިގެންފަ އެވެ.