ޔުކްރެއިން

ޔުކްރެއިން ބައިވެރިނުކޮށް އެއްބަސްވުމެއް ހަދާތީ އިންޒާރެއް

ހަނގުރާމަ ނިންމުމަށްޓަކައި ޔުކްރެއިން ބައިވެރި ނުކޮށް އެކުލަވާލާ ސުލްހައިގެ އެއްވެސް އެއްބަސްވުމެއްގައި ސޮއި ނުކުރާނެ ކަމަށް ބުނެ ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ހަރުކަށި އިންޒާރެއް ދެއްވައިފި އެވެ.

މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޒެލެންސްކީ ވިދާޅުވީ މި ބައްދަލުވުމުގައި ސުލްހައިގެ އެއްބަސްވުމެއްގައި ސޮއި ކުރެވޭނެކަމަށް ނުދެކޭ ކަމަށެވެ.

"ސުލްހައިގެ އެއްބަސްވުމެއްގައި މިއުނިކްގައި ސޮއެއް ނުކުރެވޭނެ. މީގެ ކުރިން މިތާ ސޮއިކުރެވުނު އެއްޗެއް އަޅުގަނޑުމެންނަށް ހަނދާން އެބަހުރި،" ޒެލެންސްކީ ވިދާޅުވި އެވެ.

ޒެލެންސްކީގެ މި ބަސްތައް އައިސްފައި މިވަނީ އެމެރިކާ އާއި ރަޝިއާއިން ޔޫރަޕް ނުހިމަނައި ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދާ މައްސަލައާ ގުޅިގެންނެވެ.

ޔުކްރެއިންގެ ވެރިޔާ އެމެރިކާގެ ސުލްހައިގެ ޕްލޭނަށް އުސޫލެއްގެ ގޮތުން ތާއީދުކުރި ނަމަވެސް ޔޫރަޕްގެ ގިނަ ލީޑަރުން ވަނީ މި މަޝްވަރާތަކުގައި ޔޫރަޕް ބައިވެރި ނުކުރާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"އަޅުގަނޑުމެން ނުލައި ނުވަތަ ޔޫރަޕް ނުލައި އެއްބަސްވުމަކަށް އައުމަކީ ރަނގަޅު ހިޔާލެއް ނޫން" ޒެލެންސްކީ ވިދާޅުވި އެވެ.

ޓްރަމްޕްގެ ސަރުކާރުން ނޭޓޯގައި ޔުކްރެއިން ބައިވެރިކުރަން ދެކޮޅު ހަދާނެ ކަމަށް ބުނަމުން ދާތީ ޒެލެންސްކީ ވަނީ އެކަމަށްވެސް ފާޑުކިޔާފަ އެވެ. އޭނާ ވިދާޅުވީ އެމެރިކާ އިން ދައްކަނީ ހުވަފެން ކަމަށެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތް ވިދާޅުވި ގޮތުގައި ޓްރަމްޕްގެ ސަރުކާރުން ޔުކްރެއިން ނޭޓޯގެ މެންބަރަކަށް ވުމުގެ ފުރުސަތު ނުދެއްވާނެ އެވެ. އަދި ޔުކްރެއިން އޮންނަން ޖެހޭނީ 2014ގެ ކުރިން ރަޝިއާއިން އަންގާފައިވާ ގޮތާއި އެއްގޮތަށް ބޯޑަރު ސަރަހައްދުތަކުން ރަޝިއާއަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމުގެ ޔަގީންކަން ދޭގޮތަށް ކަމަށްވެސް ބުންޏެވެ.