އެމެރިކާ

ރަޝިއާ-ޔޫކްރެއިން ސުލްހައިގެ މަޝްވަރާތަކުން ވިލާތުގެ ގައުމުތައް އެކަހެރިކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ރަޝިއާގެ ރައީސް ޕޫޓިން
0%
0%
0%

އެމެރިކާއިން ރަޝިއާ-ޔޫކްރެއިން ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ކުރާ މަޝްވަރާތަކުގައި ވިލާތުގެ ގައުމުތައް ބައިވެރިނުކުރާނެކަން ބުނެފި އެވެ.

މި ނިންމުން އިއުލާންކޮށްފައި މިވަނީ މިޔުނިކް ސެކިއުރިޓީ ކޮންފަރެންސް (އެމްއެސްސީ)ގައި އެމެރިކާގެ ޔޫކްރެއިން މަންދޫބު ކީތު ކެލޯގް އެވެ.

މި ނިންމުން އިއުލާންކޮށްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިލާތުގެ ގައުމުތަކަށާއި ޔޫކްރެއިނަށް އެންގުމަކާ ނުލައި ރަޝިއާގެ ރައީސް ވްލަޑިމިއަ ޕުޓިންއާއެކު ސުލްހައިގެ މަޝްވަރާތަކާ ގުޅޭގޮތުން ފޯނުން މަޝްވަރާތަކެއް ކުރެއްވުމަށްފަހު އެވެ. މިކަމަކީ ވިލާތުގެ ގައުމުތަކަށް ހައިރާންކަން ގެނުވި ކަމެކެވެ.

އެމެރިކާގެ ނޫސް ރިޕޯޓްތައް ބުނާ ގޮތުގައި ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟު ގައެވެ.

މަޝްވަރާތަކުގައި އެމެރިކާގެ ފަރާތުން ބައިވެރިވާނީ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ، ގައުމީ ސަލާމަތާބެހޭ މުޝީރު މައިކް ވޮލްޓްޒް އަދި މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފް އެވެ.

މަޝްވަރާތަކުގެ މައިގަނޑު މަގުސަދަކީ ޓްރަމްޕް، ޕުޓިން އަދި ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ދެމެދު ބައްދަލުވުމެއް އިންތިޒާމު ކުރުމެވެ.

ވިލާތުގެ ގައުމުތަކުން ވަނީ އެމެރިކާގެ މި ނިންމުމާމެދު ކަންބޮޑުވާ ކަމަށް ބުނެފަ އެވެ.

ފިންލެންޑުގެ ރައީސް އަލެކްސާންތެރީ ސްޓޫބް ވިދާޅުވީ ޔޫކްރެއިންގެ ކުރިމަގާއި ވިލާތުގެ ސަލާމަތާ ގުޅޭ އެއްވެސް މަޝްވަރާއެއް ޔޫކްރެއިނާއި ވިލާތުގެ ގައުމުތަކުގެ ބައިވެރިވުމާ ނުލައި ކުރިއަށް ގެންދެވޭނެ ކަމަށް ނުދެކޭ ކަމަށެވެ. މި މައްސަލައާ ގުޅިގެން ވިލާތުގެ ގައުމުތަކުގެ މެދުގައި މަޝްވަރާކުރުމަށް ފަރަންސޭސިވިލާތުން ވަނީ ހުށަހަޅާފަ އެވެ.

އެމެރިކާއިން ހުށަހަޅާފައިވަނީ ހަނގުރާމަ ނިމުމަށްފަހު އެ ސަރަހައްދުގެ ދިފާއީ ކަންކަމުގެ ޒިންމާ ހުޅަނގުގެ ދިފާއީ އިއްތިހާދު (ނޭޓޯ)އިން އުފުލުމަށެވެ.

ޒެލެންސްކީ ވިދާޅުވީ ރިޔާޟުގައި ބާއްވާ މަޝްވަރާތަކުގައި ބައިވެރިވުމުގެ ދައުވަތު އެ ގައުމަށް އަދި ލިބިފައި ނުވާ ކަމަށެވެ. އަދި ޔޫކްރެއިންގެ މަދަދުގާރުންނާއި ބައިވެރިންނާ މަޝްވަރާ ނުކޮށް ރަޝިއާއާ އެކު ސުލްހައިގެ މަޝްވަރާތަކުގައި ބައިވެރިވުމަށް ދެކޮޅު ހައްދަވާނެ ކަމަށްވެސް ވިދާޅުވި އެވެ.

މިދިޔަ ޖެނުއަރީ 20 ވަނަ ދުވަހު އެމެރިކާގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ޓްރަމްޕްގެ އެންމެ މުހިއްމު އެއް ވައުދަކީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ވީހާވެސް އަވަހަށް ހުއްޓުވުމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910