އެމެރިކާއަށް މިހާރު ނުވެގެން އުޅޭ ކަމަކީ ރަޝިއާގެ ވެެރިކަން ބަދަލުކުރުން ކަމަށް އެ ގައުމުގެ ޚާރިޖީ ވުޒާރާގެ ނައިބު ސަރުގޭ ރިޔާބްކޯފް ވިދާޅުވެއްޖެ އެވެ.
އަސްކަރީ ބަޣާވާތަކުން ނުވަތަ އިޖުތިމާއީ އުތުރިއެރުމަކުން ނަމަވެސް، ރަޝިއާގެ ވެރިކަން ފުށުން ޖަހާލުމަކީ އެމެރިކާއަށް ކާމިޔާބަކަށް ވާެނެ ކަމަށް ވައިޓް ހައުސް އިން ދެކޭ ކަމަށް ވެސް ރިޔާބްކޯފް ވިދާޅުވި އެވެ.
ރަޝިއާގެ ތާސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޚާރިޖީ ވުޒާރާގެ ނައިބު ވިދާޅުވީ މޮސްކޯއާ ވޮޝިންޓަނާ ދެމެދު އުދާސްވެފައި އޮތް އޮތުން ކުދިގާ އުކުމަށް ބަދަލުވެފައިވާ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ ދެ ގައުމުގެ މަސްލަހަތު ބޮޑުވަރު ނުވަނީސް ހަމައަކަށް އަޅުވަން ޖެހޭ ކަމަށާއި އެ ނޫން ގޮތެއްގައި އޮތީ ނާޒުކު އަދި އެހައި ނުރައްކާ ކުރިމަތިލުންތައް ކަމަށެވެ.
ރަޝިއާއާ ދެކޮޅަށް މެދުވެރިން ބޭނުންކޮށްގެން ހަނުރާމާ ކުރުމަކީ އެމެރިކާ އަބަދުވެސް ކުރުވާ ކަމެއް ކަމަށް ވެސް ރިޔާބްކޯފް ވިދާޅުވި އެވެ. އެއްގޮތަކުން ކާމިޔާބު ނުވުމުން ދެން ކޮންމެވެސް އެހެން ދިމާއަކަށް އެނބުރި ހަމަ އެއް މިސްރާބަކަށް ހަމަލާދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވެގްނާ ގުރޫޕުން ރަޝިއާއަށް ގެންނަން އުޅުނު ބަޣާވާތަކީ ވެސް ހުޅަނގުން އިންދި އޮށެއް ކަމަށް ވެސް ރިޔާބްކޯފް ވިދާޅުވި އެވެ. ހުޅަނގަށް ހީވެފައި އޮތީ ވެގްނާ ގުރޫޕްގެ ސަބަބުން ރަޝިއާއަށް ވަރަށް ބޮޑު ގެއްލުމެއް ދެވޭނެ ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިއާއާ އެމެރިކާ އަކީ އަބަދުވެސް ވާންގަދަ ދެ ގައުމެވެ. އިގުތިސާދީ، އަސްކަރީ އަދި ދުނިޔޭއިން ނިސްބަތް ލިބިގަތުމަށް މި ދެ ގައުމުން ހުއްޓުމެއް ނެތި ކުރަމުން ގެންދާ ވާދައިގެ ސަބަބުން ގިނަ ފަހަރު އޮންނަނީ ގުޅުން ކަނޑާލަން ޖެހިފަ އެވެ.
ރަޝިއާ ސިފައިން ފެބްރުއަރީ 2022 ގައި ޔުކްރޭނަށް އަރައިގަތީ ވެސް އެމެރިކާއާ ނޭޓޯއާ ހެދި އެވެ.
ރަޝިއާގެ ސަލާމަތަށާއި ރައްކާތެރި ކަމަށް ޖެއްސުން ނުކުރުމަށް ރަޝިއާއިން ގޮވާލާފައި އޮއްވައި، އެމެރިކާއިން ލައިދިން ބުއްދިއެއްގެ ސަބަބުން ޔުކްރޭން ވަނީ މަގުން ކައްސާލާފަ އެވެ.
ރަޝިއާއާ ހަނގުރާމާކުރަން ހަދައިގެން މުޅި ޔުކްރޭން ސުންނާފަތި ވާއިރު ވެސް، ގޮތްދޫނުކޮށް ޔުކްރޭން އޮތީ ހަނގުރާމާގަ އެވެ.
އުމްރާނީ ގޮތުން ޔުކްރޭނަށް ފޫނުބެއްދޭ ވަރުގެ ގެއްލުތަކެއް ލިބެމުން ދާއިރު ވެސް، ހުޅަނގަށް ބޯލަންބަން ހަދައިގެން ޔުކްރޭން އޮތީ މަޅީގައި ޖެހި ތާށިވެފަ އެވެ. މަންޒަރުތަކުން މިހާރު ފެންނަނީ ޔުކްރޭނަށް ސަލާމަތް ނުވެވިގެން އުޅޭ ތަނެވެ.