ދުނިޔެ

ސޯވިއެޓް ޒަމާނުގެ ބައެއް ހަތިޔާރުތައް އަދިވެސް މާމޮޅު: ޝޮއިގޫރު

ރަޝިއާގެ ދިފާއީ ވަޒީރު ސަރުގޭ ޝޮއިގޫރު ވިދާޅުވި ގޮތުގައި ސޯވިއެޓް ޒަމާނުގެ ބައެއް ހަތިޔާރުތައް -- ހުޅަނގުގެ ޒަމާނީ ހަތިޔާރުތަކަށް ވުރެ އަދިވެސް މާމޮޅެވެ.

ހަނގުރާމައިގެ މައިދާނުގައި ރަޝިއާގެ ފައުޖުތަކާ ދެކޮޅަށް ޔުކްރޭނުން ބޭނުންކުރާ އެއްވެސް ހަތިޔާރެއްގައި ވަކި ޚާއްސަ ކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަޝިއާ ސިފައިންނަށް ގެއްލުމެއް ނުދެވޭ ފެންވަރުގެ ހަތިޔާރެއް ޔުކްރޭނުން ބޭނުން ނުކުރާ ކަމަށް ވެސް ޝޮއިގޫރު ވިދާޅުވި އެވެ.

އެމެރިކާ އާއި ޔޫރަޕުން އަންބާކިޔާފައި ޔުކްރޭނަށް ފޮނުވި އެއްވެސް ހަތިޔާރަކުން އުންމީދުކުރި ވަރުގެ ކާމިޔާބެއް -- އެ ގޮތަށް އުންމީދުކުރި އެއްވެސް ބަޔަކަށް ނުލިބޭ ކަމަށް ވެސް ރަޝިއާގެ ދިފާއީ ވަޒީރު ވިދާޅުވި އެވެ.

ހުޅަނގުން ހީކޮށްގެން ތިބީ ޒަމާނީ ހަތިޔާރުތަކުގެ ކުޅަދާނަކަމުން ރަޝިއާ ދަރުދެއްޔަށް ހަދާލެވޭނެ ކަމަށް ކަމަށް ޝޮއިގޫރު ވިދާޅުވި އެވެ.

"އެކަމަކު މިއަދު ހަގީގަތް ހާމަވަމުން ދާއިރު ގިނައިން ދުންއަރަނީ ކޮން ތަނަކުންތޯ" ޝޮއިގޫރު ސުވާލުކުރެއްވި އެވެ.

"މޮސްކޯ ކޮންފަރެންސް އޮން އިންޓަނޭޝަނަލް ސެކިޔުރިޓީ" ސެޝަނެއްގައި ވާހަކަދައްކަވަމުން ޝޮއިގޫރު ވިދާޅުވީ ރަޝިއާ އެކަނިމާއެކަނި ހަނގުރާމަ ކުރުމުގައި މިއަދު ދެމިއޮތްއިރު ޔުކްރޭނުން އެ އުޅެނީ މުޅި ހުޅަނގު ގެނެސްގެން ވެސް ރަޝިއާ ބަލިނުކުރެވިގެން ކަމަށެވެ.

ރަޝިއާއާ ދެކޮޅަށް އެމެރިކާ އާއި މުޅި ޔޫރަޕް އަދި އޭޝިއާ-ޕެސިފިކްގެ ބައެއް ދައުލަތްތައް ވެސް ގުޅިފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝޮއިގޫރު ވިދާޅުވި ގޮތުގައި ހުޅަނގަށް ވަނީ ހުންގާނު ގެއްލި އަދި މިސްރާބު ވެސް ގެއްލިފަ އެވެ.

ލީޑަރަކީ ކޮބައިކަން އަދި މަސައްކަތު މީހާ އަކީ ކޮބައިކަން މިއަދު ހުޅަނގަށް އޮޅިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޮޅު ހަތިޔާރުތަކެއް ހުރި ކަމަށް ހުޅަނގުން ދައުވާކުރާއިރު، އެ ތަކެތީގައި ހުރީ ސޯވިއެޓްގެ މުސްކުޅި ހަތިޔާރުތަކަށް ނުކުރެވޭ ކޮން ކަމެއްކަން އެ ބައިގަނޑަށް ދެއްކިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމައިން ދުނިޔެއަށް ދައްކުވައިދިނީ ސޯވިއެޓް ޒަމާނުގެ ހަތިޔާރުތައް އެއްގޮތަކަށް ވެސް ދޫކޮށްލާނެ ކަމެއް ނެތްކަން ކަމަށް ވެސް ޝޮއިގޫރު ވިދާޅުވި އެވެ.