ދުނިޔެ

ހަތިޔާރު ކޮންޓްރޯލްކުރުމާ ބެހޭ ގޮތުން އެމެރިކާއާ މަޝްވަރާކުރުމެއް ނެތް: ރަޝިއާ

ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް -- ހަތިޔާރު ކޮންޓްރޯލްކުރުމާ ބެހޭ ގޮތުން އެމެރިކާއާ މަޝްވަރާކުރުމެއް ނެތް ކަމަށް ވިދާޅުވި
100%
0%
0%

ހަތިޔާރު ކޮންޓްރޯލްކުރުމާ ބެހޭ ގޮތުން އެމެރިކާ އާއެކު ދައްކާނެ ވާހަކައެއް ނެތް ކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.

ލަވްރޯފް ވިދާޅުވި ގޮތުގައި މަސްލަހަތު ދެމެހެއްޓުމަށް އެމެރިކާ އާއެކު މަޝްވަރާކުރުމަކީ އެއްވެސް އަސާސެއް އޮތް ކަމެއް ނޫން ކަމަށެވެ.

ޔުކްރޭން އާއެކު ހިނގަމުންދާ ހަނގުރާމައަށް ދަރުއަޅާ ބަޔަކީ އެމެރިކާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ރަޝިއާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅައި ހަނގުރާމަ ދެމެހެއްޓުމަށް އެމެރިކާ އޮތީ ފޫގަޅައިގެން ކަމަށް ވެސް ލަވްރޯފް ވިދާޅުވި އެވެ. މިވަރުގެ ބަޔަކާ އެކު ހަތިޔާރު ކޮންޓްރޯލްކުރުމަށް ހަދާނެ އެއްބަސްވުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ރައްކާތެރިކަމަށް މަޝްވަރާކުރުމަށް ރަޝިއާ ތައްޔާރު ކަމަށް ވެސް ލަވްރޯފް ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އެމެރިކާ އާއެކު މަޝްވަރާކުރެވެން އޮތީ ރަޝިއާއާ މެދު އެމެރިކާ ގެންގުޅޭ ގޮށްރާޅު ވިސްނުންތައް ދޫކޮށްލި ދުވަހަކުން ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ލަވްރޯފް ވިދާޅުވި ގޮތުގައި ނޭޓޯ ލައްވައި ހުރިހާ ގޯހެއް ހަދާ ބަޔަކީ އެމެރިކާ އެވެ. ރަޝިއާއާ ދުރަށް ނޭޓޯ ޖައްސައި، ރަޝިއާގެ ރައްކާތެރިކަމަށް ގޯނާކުރުން ދޫކޮށްލާ ދުވަހަކުން އެމެރިކާ އާއެކު މަޝްވަރާ މޭޒު ދޮށަށް ރަޝިއާ ދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

އެމެރިކާއާ ޔޫރަޕުން ހުރިހާ ކަމެއް ނިންމަނީ އެ މީހުންނަށް އޮންނަ ފައިދާއަށް ބަލާފައި ކަމަށް ރަޝިއާގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ. އެ މީހުންގެ ނިންމުންތަކުގައި ރަޝިއާއަށް އެއްވެސް ފުރުސަތެއް ނޯންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލަވްރޯފް ވިދާޅުވި ގޮތުގައި މިހެން ކަން އޮތުމުން އެމެރިކާ އަކީ އެއްވެސް ކަމަކަށް މުހިންމު ބައެއް ގޮތުގައި ރަޝިއާ ނުދެކޭނެ އެވެ.

އެމެރިކާ އާއެކު ގުޅުން ބަދަހިކޮށް ހަތިޔާރު ކޮންޓްރޯލްކުރަން ދޭ ދައުވަތު ގަބޫލުކުރާނީ އެމެރިކާގެ ދެފުށްކެހެރި ގޮތް ފިލާ ދިޔަ ދުވަހަކުން ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ ހުއްޓާލައި ސުލްހަވުމުގެ ބަދަލުގައި އެމެެރިކާ ބޭނުންވަނީ ޔުކްރޭން ލައްވައި ރަޝިއާއަށް ހަމަލާދިނުމަށެވެ. އެމެރިކާއިން މިހާރު ވެސް ވަނީ 61 ބިލިއަން ޑޮަލަރުގެ އަސްކަރީ އެހީ ޔުކްރޭނަށް ފޯރުކޮށްދޭން ނިންމާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910