ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކަށް ދޭން އޮތް ރަނގަޅު އަދަބަކީ ރަޝިއާއާ ގުޅުން ކަނޑާލައި ވިޔަފާރި ކުރުން ހުއްޓާލުން ކަމަށް އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕިއަން ޔޫނިއަނުން ގަބޫލު ކުރި އެވެ.
އިގުތިސޯދީ ގޮތުން ރަޝިއާ އިނދަ ޖައްސާލަން އޮތް އެންމެ ފަސޭހަ ގޮތަކީ ރަޝިއާއިން ހަކަތަ ގަތުން ހުއްޓާލައި ޔޫރަޕަށް ބޭނުންވާ ތެލާއި ގުދުރަތީ ގޭސް އަދި ބޯޓުދެލި އެހެން ކޮންމެވެސް ގައުމުން ހޯދުން ކަމަށް ވެސް ގަބޫލުކުރި އެވެ.
ރަޝިއާ - ޔުކްރޭން ހަނގުރާމައަށް ތިން މަސް ފުރި، ހަތަރު ވަނަ މަސް ގުނަމުން އަންނައިރު ރަޝިއާއިން ތެޔޮ ނުގަތުމުން ގެއްލުން ބޮޑީ ކޮން ބަޔަކަށް ކަން މިހާރު ވަނީ ސާފުވެފަ އެވެ. އެއީ ހަމަ އެކަން އަމިއްލައަށް މަނާ ވެގަތް ގައުމުތަކެވެ.
ޗައިނާ އާއި އިންޑިއާ ވަގުތުން ފައިދާ ހޯދައި ރަޝިއާ އާއެކު ކުރާ ވިޔަފާރިން ރަޝިއާގެ އިގުތިސޯދު އިހުނަށް ވުރެ ރަނގަޅު ކަމަށް މިނިވަން ޖަމާއަތްތަކުން ބުނެ އެވެ.
ޔުކްރޭން ހަނގުރާމައިގެ ކުރިން ޖަރުމަނުން ރަޝިއާގެ ތެޔޮ ގަތް ވަރަށް ވުރެ އިތުރަށް މިހާރު ޗައިނާއިން ރަޝިއާގެ ތެޔޮ ގަންނަ ކަމަށް ސެންޓަ ފޮ ރިސާޗް އޮން އެނާޖީ އެންޑް ކްލީން އެއާ އިން ވެސް ވަނީ ބުނެފަ އެވެ.
ޔޫރަޕްގެ ގައުމުތަކުން ރަޝިއާގެ ތެޔޮ ގަތުން ހުއްޓާލީ ނަމަކަށް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ޔޫރަޕުން މިހާރު ތެޔޮ ގަންނަނީ ރަޝިއާގެ ބޮޑެތި ތެޔޮ ޓޭންކަރުތައް މާސިންގާ ކަނޑުތަކަށް ނެރެ އެ ގައުމުތަކުން އޮޕަރޭޓްކުރާ ކުދި ބޯޓްތައް ގޮސް ތެޔޮ ބަރާ ކޮށްގެން ކަމަށް ވެސް ޖާސޫސީ ރިޕޯޓްތައް ބުނެ އެވެ.
އެހެންކަމުން، ހަނގުރާމައަށް ވުރެ ކުރިން ރަޝިއާއަށް ބޭރު ފައިސާ ލިބުނު އަދަދަށް ވުރެ އިތުރަށް މިހާރު ލިބޭ ކަމަށް ވެއެވެ.
ޗައިނާއިން ރަޝިއާގެ ތެޔޮ ގަންނަ އަދަދު އިތުރު ކުރުމުން ރަޝިއާއަށް އޮތް ފައިދާ އަކީ އެމެރިކާ ޑޮލަރަށް ބަރޯސާ ނުކޮށް ރަޝިއާގެ އިގުތިސޯދި އެއް ހަމައެއްގައި ހިފެހެއްޓުމެވެ. ރަޝިއާ އާއި ޗައިނާ އެއްގަމުން މިހާރު ގުޅާލާފައި އޮތުމުން ދެ ގައުމުގެ ދެމެދުގައި ކުރެވެނީ ކޮން ޒާތެއްގެ މުއާމަލާތެއްކަން އެނގޭ ބަޔަކު ނޫޅެ އެވެ.