ދުނިޔެ

ރަޝިއާ ތެލަށް ޕާކިސްތާނުން ޗައިނާ ފައިސާއިން އަގު ދައްކައިފި

ރަޝިއާ އިން ތެޔޮ ގަތުމަށް ޗައިނާއާ ޕާކިސްތާންއާ ދެމުދު ވެފައި އޮތް އެއްބަސްވުމާ އެއްގޮތަށް ފުރަތަމަ ޝިޕްމަންޓުގެ އަގު ޗައިނާގެ ފައިސާ އިން ދައްކައި ޚަލާސްކޮށްފައިވާ ކަމަށް ޕާކިސްތާނުގެ ޕެޓްރޯލިއަމް މިނިސްޓަރު މުސާދިގު މާލިކު ވިދާޅުވެއްޖެ އެވެ.

ރޮއިޓާސް އިން މި ޚަބަރު ގެނެސްދެމުން ބުނި ގޮތުން ފުރަތަމަ ޝިޕްމަންޓަށް އަރާ އަގު ޕާކިސްތާނުން ހާމައެއް ނުކުރި އެވެ.

ޕެތްރޯލިއަމް ވަޒީރަށް ފޯނުން ދެންނެވުމުން ވެސް އަގުތަކާ ބެހޭ ތަފުސީލު ނުދެއްވި ކަމަށް ނޫސް އޭޖެންސީން ބުނެ އެވެ.

ރަޝިއާ އިން ގަންނަނީ ކިހާ ތެލެއްކަން ވެސް ޕާކިސްތާން ހާމަނުކުރާ ކަމަށް ރޮއިޓާސް ރިޕޯޓްކުރެ އެވެ.

މުސާދިގު މާލިކާ ހަވާލާދީ ރޮއިޓާސް ބުނި ގޮތުން ރަޝިއާގެ ތެޔޮ ގަތުމަކީ ވިޔަފާރި ޕްރޮޖެކްޓެކެވެ. އެހެންކަމުން އެ ވިޔަފާރިން ޕާކިސްތާނަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ވަޒީރު ވިދާޅުވި ކަމަށް ރޮއިޓާސް އިން ވަނީ ބުނެފަ އެވެ.

ޕާކިސްތާންގެ ބޮޑުވަޒިރު ޝަހެބާޒް ޝަރީފް ވެސް ވަނީ ރަޝިއާ އިން ތެޔޮ ގަތުމާ ބެހޭ ގޮތުން ވާހަކަދައްކަވާފަ އެވެ. އޭނާ ޖޫން 11 ގައި ވިދާޅުވި ގޮތުން ރަޝިއާ އިން ހެޔޮ އަގުގައި ޕާކިސްތާނަށް ސާފުނުކުރާ ތެޔޮ ވިއްކާނެ އެވެ. އަދި ލަސްތަކެއް ނުވެ ޑީލް ނިންމައި ކަރާޗީއަށް ތެޔޮ ލިބޭނެ އެވެ.

ޗައިނާގެ ފައިސާ އިން އަގު ދެއްކުމާ ބެހޭ ގޮތުން ޕާކިސްތާނުން ބުނީ އެއީ ބޭރު ފައިސާ ލިބުމުގައި އެ ގައުމަށް ހުރި ދަތިތަކުން ސަލާމަތްވެވެން އޮތް ގޮތް ކަމަށެވެ.

މުސާދިގު މާލިކު ވިދާޅުވި ގޮތުގައި ޕާކިސްތާނަށް ތެޔޮ އަންނާނީ އޮމާން މަގުންނެވެ. އަދި ރަޝިއާ އިން ވިއްކާ ތެލަކީ ޕާކިސްތާނަށް ބޭނުންވާ ތެލުގެ 35 ޕަސެންޓް ކަމަށްވެސް ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމައާ ގުޅިގެން ރަޝިއާއަށް ދަތިކުރަން ހުޅަނގުން އަޅާފައި ހުރި ފިޔަވަޅުތަކުގައި ޗައިނާ އާއި ޕާކިސްތާން ބައިވެރިއެއް ނުވެ އެވެ. އޭގެ ބަދަލުގައި ޗައިނާއާއި ޕާކިސްތާނުން ދަނީ ރަޝިއާއާ އެކު ދުޅަހެޔޮ ވިޔަފާރިން ނަފާ ހޯދަމުންނެވެ.

އިންޑިއާ އަކީ ވެސް ހުޅަނގަށް ބޯލެނބި ގައުމެއް ނޫނެވެ. އަދި ރަޝިއާގެ ތެލުން އެންމެ ބޮޑަށް ފައިދާވާ ގައުމުތަކުގެ ތެރޭގައި -- އިސް ސަފުގައި އިންޑިއާ ހިމެނެ އެވެ.