ދުނިޔެ

ޕާކިސްތާނަށް ގޭސް ހޮޅި އެޅުމަކީ ކުރެވިދާނެ ކަމެއް: ޕޫޓިން

ޕާކިސްތާނަށް ގޭސް ހޮޅި އެޅުމަކީ ކުރިން ވެސް އޮތް ވިސްނުންފުޅެއް ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ. އޭނާ އަދި ވިދާޅުވީ އެ މަސައްކަތްތަކުގެ ބިންގާ ވެސް އޮތީ އެޅިފައި ކަމަށެވެ.

އުޒްބެކިސްތާންގެ ސަމަރުގަންދުގައި މިހާރު ކުރިއަށްދާ "ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން" ސަމިޓްގައި ބައިވެރިވެ ވަޑައިގެން ޕޫޓިން އާއި ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް، ސަމިޓްގެ ހަވާސާގައި ބައްދަލުކުރައްވައި ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރައްވާފަ އެވެ.

ޝަހްބާޒް ޝަރީފް ވިދާޅު ގޮތުގައި ޕާކިސްތާން އާއި ރަޝިއާ އެކުގައި ތަރައްގީއަށް މަސައްކަތްތަކެއް ކުރަން ޖެހެ އެވެ. އަދި ރަޝިއާ އާއެކު ވިޔަފާރި އާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޕާކިސްތާން އޮތީ ތައްޔާރަށެވެ.

ރަޝިއާގެ ހަކަތަ ގަތުމަކީ ޕާކިސްތާން ސަރުކާރުން ކުރިން ވެސް ވިސްނާފައި އޮތް ގޮތެކެވެ. އިމްރާން ޚާންގެ ސަރުކާރުން ވެސް ގޭސް ހޮޅި އެޅުމަށް ރަޝިއާ އާއެކު މަޝްވަރާތަކެއް ވަނީ ކޮށްފަ އެވެ.

ޕާކިސްތާންގައި އިންވެސްޓްމަންޓްތައް އިތުރު ކުރައްވާނެ ކަަމަށް ޕޫޓިން ވެސް ވިދާޅުވި އެވެ. އަދި އަވަސް މުއްދަތެއްގެ ތެރޭގައި އިންޓަ-ގަވާންމެންޓަލް ކޮމިޝަންގެ ބައްދަލުވުމެއް އިސްލާމްއާބާދުގައި ބާއްވައި މަޝްވަރާ ފެށުމަށް ދެ ލީޑަރުން އެއްބަސްވެ ވަޑައިގެންނެވި އެވެ.

ޕާކިސްތާން އަށް ގޭސް ހޮޅި އެޅުމަށް 2015 ގައި ފަށާފައި އޮތް ޕްރޮޖެކްޓް -- ނޯތު ސައުތު ގޭސް ޕައިޕްލައިން -- އެޅުމުގެ މަސައްކަތް ކުރަން ހަމަޖައްސާފައި އޮތީ ރަޝިއާގެ ކުންފުނިތަކުން އެއްބާރުލައިގެންނެވެ.

ދެ ގައުމުގެ ސިޔާސަތަށް އަދި ސިޔާސީ މަސްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން މަސައްކަތްތައް އަލުން ފެށި، ލަސްވެ އަދިން މެދުކަނޑާލަން ޖެހޭ ތަން ވެސް އާދެ އެވެ.

މި ޕްރޮޖެކްޓް ކުރިން އޮތް ގޮތުން 2020 ގައި ފުރިހަމަކޮށް މަސައްކަތް ފަށާނެ އެވެ. އެހެން ނަމަވެސް ޕްރޮޖެކްޓްގައި ބައިވެރިވާ ބައެއް ކުންފުނިތަކަށް ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅު އެޅުމާ އެކު ރަޝިއާ އަށް ޖެހުނީ ކޮންޓްރެކްޓަރުން އަލުން ހޯދާށެވެ.

ޝަހްބާޒް ޝަރީފް ވިދާޅުވީ ރަޝިއާގެ ގޮވާން ގަތުމުގައި ރަނގަޅު އަގެއް ލިބިވަޑައިގެންފި ނަމަ އެއީ ވެސް ޕާކިސްތާނަށް އޮތް ރަނގަޅު ފުރުސަތެއް ކަމަށެވެ.