ޗައިނާ

ގަތަރާއި ޗައިނާ ގޭހުގެ ވިޔަފާރި ފުޅާކުރަނީ

ގަތަރު ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ "ގަތަރުއެނާޖީ" އާއި ޗައިނާ ނޭޝަނަލް ޕެޓްރޯލިއަމް ކޯޕޮރޭޝަންއާ ދެމެދު -- ޗައިނާއަށް ދިގު މުއްދަތަކަށް ގުދުރަތީ ގޭސް ސަޕްލައިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މިއީ އެއް އަހަރު ދުވަހުގެ ތެރޭގައި ގަތަރާއި ޗައިނާއިން ގޭހުގެ ވިޔަފާރީގައި ސޮއިކުރި ދެވަނަ އެއްބަސްވުމެވެ.

ގަތަރު އެނާޖީ އާއި ޗައިނާގެ ސިނޮޕެކްއާ ދެމެދު 2022 ގައި މިފަދަ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފަ އެވެ. މި ދެ އެއްބަސްވުމަކީ ވެސް 27 އަހަރު ދުވަހަށް ދިގުދަންމާލާފައި އޮތް ދެ އެއްބަސްވުމެވެ.

ގަތަރު އެނާޖީން ޗައިނާގެ ދެ ކުންފުޏަކާ އެކު ހެދި ދެ އެއްބަސްވުމުގެ ދަށުން ކޮންމެ ކުންުފުންޏަކަށް ވެސް އަހަރަކު ހަތަރު މިލިއަން ޓަނުގެ ގޭސް ސަޕްލައިކުރާނެ އެވެ. މި އެއްބަސްވުމުގައި ފައިސާ އެކުލެވޭ މިންވަރާ މެދު ދެ ގައުމުން ކުރެ ގައުމަކުން ވާހަކަދައްކާފައެއް ނުވެ އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަަބަބުން ދުނިޔެއަށް ދިމާވެފައި އޮތް ހަކަައިގެ ދަތިކަމުން ޗައިނާގެ ސިނާއީ އަދި މަދަނީ ބޭނުންތަކަށް ފޯރާ ވަރު ކުޑަކުރުމަށް އެ ގައުމުން ވަނީ ދުރު ރާސްތާ ރޭވުމެއް ތަންފީޒުކުރަން ފަށާފަ އެވެ.

ޗައިނާގެ ވިސްނުމަކީ ކުރިއަށް އޮތް އަހަރުތަކަކަށް އެ ގައުމަށް ބޭނުންވާ ގުދުރަތީ ގޭހާއި ތެޔޮ ގުދަންކޮށްފައި ބެހެއްޓުމެވެ.

ދުނިޔޭގެ މަސްރަހު މިހާރު އޮތް ގޮތުން ވާދަވެރި ގައުމުތަކުގެ މެދުގައި ހަނގުރާމައެއް ފެށުނު ނަމަވެސް އެކަމުން ޗައިނާއަށް ކުރާ އަސަރު ކުޑަކުރުމަށް އެ ގައުމަށް ފެންނަން އޮތް އެންމެ މޮޅު ރޭވުމަކީ ތެޔޮ ރައްކާކުރުމެވެ.

ޗައިނާ އަކީ އަމިއްލަ ގައުމުގައި ކާބޯ ތަކެތި އުފައްދާ ގައުމެކެވެ. އެހެން ނަމަވެސް، ގައުމުން ބޭރުގައި އުފައްދާ ކާބޯ ތަކެތި ވަރަށް ގިނަ އަދަަދަކަށް ޗައިނާއަށް އެތެރެ ކުރެ އެވެ.

މިފަދަ އެއްވެސް ބާވަތަކުން އާންމުންގެ ދިރިއުޅުމަށް ދަތިވިޔަ ނުދިނުމަށް ޗައިނާއިން ވަނީ ދަނޑުވެރިންނަށް ޚާއްސަ އިނާޔަތްތަކެއް ހަމަޖައްސާފަ އެވެ. ޗައިނާގެ ވިސްނުމަކީ އެ ގައުމުގައި އުފެއްދޭ ބާވަތްތައް އިތުރުކޮށް -- ބޭރުން އެތެރެކުރަން ޖެހޭ ބާވަތްތަކަށް ބަރޯސާ ނުކުރުމެވެ.