އެމެރިކާއަށް ގޯސް ވަނީ އެހެން ގައުމުތަކާއި މީހުންނެވެ. ޚާއްސަކޮށް ޗައިނާ އާއި ރަޝިއާ އެވެ. އެމެރިކާ ގަބޫލުކުރާ ގޮތުގައި ތެލުގެ އަގު މައްޗަށް ދަނީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ހެދި އެވެ.
އިގުތިސޯދު ދިރާސާ ކުރާ މީހުން ބުނާ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއިން ދުވަހަކު ދަށަކަށް ނުދާނެ އެވެ. އެނޫން ގޮތެެއްގައި ތެލުގެ އަގަށް ހެޔޮ ބަދަލެއް އަންނާނީ ދުނިޔޭގައި އެމެރިކާގެ ހަންފެތުރުން ހުއްޓާލައި ގެންނެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަން ދެކެވަޑައި ގަންނަވާ ގޮތުގައި ތެލުގެ އަގު ރަނގަޅު ކުރުމުގެ ޒިންމާ އޮތީ ތެޔޮ އުފައްދާ ކުންފުނި ތަކަށެވެ. ތެޔޮ އުފައްދާ ކުންފުނި ތަކުން އެކަށީގެންވާ ވަރަށް ތެޔޮ އުފައްދާ ނަމަ ދުނިޔެ ތެލަށް ނުޖެހޭނެ ކަމަށް ވައިޓް ހައުސް އިން ބުނެ އެވެ.
ތަޖުރިބާކާރުން ދެކޭ ގޮތުގައި އެމެރިކާގެ ވިސްނުން ބަދަލު ނުކޮށް ދުނިޔެ ތިޔާގެ ނުވާނެ އެވެ. ތެލުގެ ބާޒާރަށް އެންމެ ގިނައިން ތެޔޮ ސަޕްލައިކުރާ ރަޝިއާ ކަސްތަޅު އަޅުވައި އަދި ދުނިޔެއަށް އެންމެ ގިނައިން މުދާ ބޭރުކުރާ ޗައިނާ ގުދަށް ބާއްވައިގެން އިގުތިސޯދަށް ހެޔޮ ބަދަލެއް ނާންނާނެ އެވެ.
އިގުތިސޯދީ ގޮތުން ދުނިޔެ މިހާރު ތަޖުރިބާ ކުރަމުންދާ މަރުހަލާތަކަކީ އެމެރިކާގެ ސަބަބުން ގަދަވެގެން އުޅޭ އޮއިވަރެކެވެ. ބަޔަކު ލައްވައި ގޯސް ހައްދުވައި ހުންގާނު ހިފަން ނޭނގޭ ބަޔަކު ހުންގާނަށް އެރުމުން ވެގެން އުޅޭ ގޮތެކެވެ. ހަގީގަތަކީ އެމެރިކާއަކީ ހެދޭ ގޯސްތައް ގަބޫލު ނުކުރާ ގައުމެއް ކަމެވެ.
ދުނިޔެއަށް ފެންނަނީ ރަޝިއާއިން ޔުކްރޭނަށް ދޭ ހަމަލާތަކެވެ. އެކަމަކު އެއީ އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕްގެ އިއްތިހާދުން ޔުކްރޭން ލައްވާ ކުރުވާ ހަނގުރާމަ އެކެވެ. ހަނގުރާމަ ކުރަން ފެށުމުން ދުނިޔެ ތެލަށް ޖެހި، ކާބޯ ތަކެއްޗަށް ޖެހެން ފެށުމުން ގޯސްވީ ރަޝިއާ އާއި ޗައިނާ އަދި ތެޔޮ އުފައްދާ ކުންފުނިތަކެވެ.
އެމެރިކާގައި ތަކެތީގެ އަގު މިއިން ޒަމާނަކު ނުދާހާ މައްޗަށް ވަނީ ގޮސްފަ އެވެ. ތަކެތީގެ އަގުބޮޑުވެ ފައިސާގެ އަގު ދަށްވުމުގެ ސަބަބުން ތަކުލީފު އުފުލަން ޖެހޭ ގައުމުތަކުގެ ލިސްޓްގައި އެމެރިކާ ހިމެނޭނެ ކަމަށް މާކެޓް ދިރާސާކުރާ މީހުން ބުނެ އެވެ.