ދުނިޔެ

ޗައިނާ-ރަޝިއާ ގުޅުމާ ބެހޭ ގޮތުން ހަދަނީ ދޮގު

ރަޝިއާއިން ޔުކްރޭނަށް ހަމަލާ ދޭން ފެށުމުގެ ކުރިން ޗައިނާއާ މަޝްވަރާކުރި ކަމަށް ބުނެ ހަދަނީ ދޮގު ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ. އަދި ބުނީ ވިންޓާ އޮލިމްޕިކްސްއާ ޔުކްރޭން ހަނގުރާމައާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ވާންގް ވެންބިން ވިދާޅުވީ ޗައިނާ އާއި ރަޝިއާއޭ ކިޔައިން ވާހަކަދައްކާ ބައެއްގެ އުއްމީދަކީ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުން ކަމަށާއި ނަފްރަތު އުފެއްދުމާއި ރުޅިއެރުވުމަކީ ވެސް އެމީހުންގެ އެދުމެއް ކަމަށެވެ.

ބައިޑަން ސަރުކާރުގެ އޮފިޝަލަކު ނިއުޔޯކް ޓައިމްސްއަށް ދިން މައުލޫމާތުގައި ބުނަނީ ވިންޓާ އޮލިމްޕިކްސް ނިމެންދެން ޔުކްރޭނަށް ހަމަލާ ނުދީ މަޑުކުރަން ރަޝިއާގެ ކިބައިން ޗައިނާ އެދުނު ކަމަށެވެ.

"ނިއުޔޯކް ޓައިމްސްއިން ހަދާފައި އެއޮތީ ބުހުތާން ދޮގެއް،" ވާންގް ވެންބިން ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވީ ހުރިހާ ވެސް މައްސަލަ އަކީ ނޭޓޯ ފުޅާކުރަން އެމެރިކާ ގެންގުޅޭ ސިޔާސަތު ކަމަށެވެ.

ރަޝިއާ އަކީ ވެސް މިނިވަން މުސްތަގިއްލު ގައުމެއް ކަމަށާއި ބިރުދެއްކުމާއި ޖާސޫސްކުރުމަކީ ރަޝިއާ ވެސް ކަންބޮޑުވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުކްރޭނަށް ރަޝިއާ ދެމުން ގެންދާ ހަމަލާތަކުގެ ސަބަބުން، ޔުކްރޭނުން ޗައިނާއަށް އެތެރެކުރާ ބައެއް ބާވަތްތަކަށް ބުރޫއަރާނެ ކަމަށް ބުނެވެ އެވެ އެވެ. ޗައިނާ، ރަޝިއާއާ ދެކޮޅުވެރި ވާނެ ކަމަށް ބެލެވެނީ މިސަބަބާ ހެދި ކަމަށް ވެސް ބުނެވެ އެވެ.

އެހެން ނަމަވެސް ވާންގް ވެންބިން ވިދާޅުވި ޗައިނާ އާއި ރަޝިއާ ބަރާބަރަށް މުވާސަލާތު ކުރާ ކަމަށާއި ރަޝިއާ ކުރަމުން ގެންދަ ކަންތައްތަކުގައި ސާފުނުވާ އެކައްޗެއް ވެސް ނެތް ކަމަށެވެ.

ޗައިނާ އާއި ރަޝިއާ އަކީ އެކުވެރި އަދި ވިޔަފާރީގައި ގަދަބާރުތަކެއް ކަމަށާއި ގުޅުން އެގޮތުގައި ދެމިއޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.