ދުނިޔެ

ރަޝިއާ، ޗައިނާ ގޭހަށް އަގުދައްކަން ގައުމީ ފައިސާ ބޭނުންކުރަނީ

ރަޝިއާގެ މައި ތެޔޮ ކުންފުނި ގޭސްޕްރަމް އިން ޗައިނާ ނޭޝަނަލް ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީއެންޕީސީ) އާއެކު ޑީލެއް ހަދަނީ އެވެ.

މި ޑީލްގެ ދަށުން ގޭހަށް ފައިސާ ދައްކަން ޗައިނާގެ ރަސްމީ ފައިސާ، ޔުއާން އަދި ރަޝިއާގެ ރަސްމީ ފައިސާ ރޫބިލް ބޭނުންކުރެވޭނެ އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި އޮންލައިން ބައްދަލުވުމެއްގައި ގޭސްޕްރޮމްގެ ރައީސް އަލެކްސީ މިލާ އާއި ސީއެންޕީސީގެ ރައީސް ދައި ހުލަންގެ ވިޔަފާރި އެއްބަސްވުމެއްގައި ސޮއިކުރެއްވި އެވެ.

މި އެއްބަސްވުމުގެ މައިގަނޑަކީ ގުދުރަތީ ގޭސް ގަނެ ވިއްކުމެވެ. ދިގު މުއްދަކަށް ދަންމާލަން އެއްބަސްވެ ދެ ކުންފުނީގެ ވެރިން ސޮއިކުރެއްވުމުން އެއްބަސްވުމުގައި އަމަލީ ިސިފަ މިހާރު އޮތީ ޖެހިފަ އެވެ.

ގޭސްޕްރޮމް އިން ބުނި ގޮތުން ދެ ގައުމުގެ ފައިސާ ދެ ގައުގައި ބޭނުންކުރެވޭ ގޮތް ހެދުމުން ފޫނުބެދި އޮތް ބާގަނޑެއް ފޫބެދުނީ އެވެ. މިއީ ދެ ގައުމަށް ފައިދާކުރާނެ އެއްބަސްވުމެއް ކަމަށް ގޭސްޕްރޮމްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވިޔަފާރި މުއާމަލާތް ތަކުގައި ޝާމިލްވާ ހަމަ ކޮންމެ ދެ ގައުމަކުން އެ ދެ ގައުމެއްގެ އަމިއްލަ ފައިސާ ބޭނުންކުރަންވީ އެވެ. އޭނާ އަދި ވިދާޅުވީ މިއީ ވަކި ބަޔަކަށް ބަރޯސާނުކޮށް އަމިއްލަ އަމިއްލަށް ފުއްދުންތެރި ވެވިދާނެ މިސާލެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ރަޝިއާ އިން ޗައިނާ އަށް ގޭސް ސަޕްލައިކުރަން، ގޭސްޕްރޮމް އިން ހޮޅިތަކެއް އަޅާނެ އެވެ. ޚަބަރުތައް ބުނާ ގޮތުން ގޭސްޕްރޮމް އިން މިހާރު ވަނީ ހޮޅިއެޅުމުގެ މަސައްކަތް ފަށާފަ އެވެ.

ރަޝިއާގެ މި އިސްނެގުމަކީ އެ ގައުމާ ދެކޮޅަށް ހުޅަނގުން އަޅާފައި ހުރި ދަތިކުރުންތަކުން ސަލާމަތްވެ ގައުމަށް ބޭނުންވާ ބާވަތްތައް ޗައިނާ އިން ހޯދަން އެޅި ފިޔަވަޅެކެވެ.

ހުޅަނގުގެ ދަތިކުރުންތަކާ ހެދި ރަޝިއާ އަށް އެމެރިކާ ޑޮަލަރާއި ޔޫރޯ ލިބޭނެ ގޮތެއް ނެތުމުގެ ސަބަބުން މިފަދަ އެއްބަސްވުމެއް ހަދަން ޖެހުނީ އެވެ. ރަޝިއާ އިން މިހާރު ތެލުގެ ވިޔަފާރި ފުޅާކުރަން ބޭނުންވަނީ އޭޝިއާގަ އެވެ.

ރަޝިއާއާ ދެކޮޅަށް ހުޅަނގުން އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތަކާ އެކު ވެސް ރަޝިއާ އިން ދަނީ ޗައިނާ އާއެކު ވިޔަފާރި ކުރަމުންނެވެ. ރަޝިއާ މިހާރު އެންމެ ގިނައިން ތެޔޮ ވިއްކާ ގައުމަކީ ޗައިނާ އެވެ.