އިނގިރޭސިވިލާތުން ޔުކްރޭނަށް ދިން ސްޓޯމް ޝެޑޯ މިސައިލްތަކުން ރަޝިއާއަށް ހަމަލާދީފި އެވެ.
ރަޝިއާގެ ދިފާއީ ވުޒާރާއިން ވަނީ ދުނިޔެއަށް މިކަން ކަށަވަރުކޮށްދީފަ އެވެ.
ޔުކްރޭނުން ރަޝިއާ ތެރެއަށް ފޮނުވި ސްޓޯމް ޝެޑޯ ކުރޫޒު މިސައިލުތަކެއް، ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށް ރަޝިއާގެ ދިފާއީ ވުޒާރާއިން ބުންޏެވެ.
މީގެއިތުރުން ރަޝިއާއަށް އަމާޒުކުރި 67 ރިމޯޓް އުޅަނދުގެ ބާރުކަނޑުވާލެވުނު ކަމަށްވެސް ބުންޏެވެ.
ރަޝިއާގެ ރިޔާސީ ގަނޑުވަރު -- ކްރެމްލިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވި ގޮތުން ޔުކްރޭންގެ އަމަލުތަކުގެ ސަބަބުން ހަނގުރާމަ ފުޅާވުން ނޫން ކަމެއް ނުވާނެ އެވެ.
ރަޝިއާ އަކީ ނިއުކްލިއާ ބާރެއްކަން ޔުކްރޭން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.
ޔުކްރޭން ސުންނާފަތި ކުރެވޭ ވަރަށް ރަޝިއާގައި ހަތިޔާރު ހުރި ކަންވެސް ޕެސްކޯފް ވަނީ ހަނދާންކޮށްދެއްވާފަ އެވެ. ޔުކްރޭން އެދެނީ ހަނގުރާމަކުރަން ކަމަށްވާނަމަ ރަޝިއާ އަދި ހަނގުރާމަ ނުފަށާ ކަމަށްވެސް ވިދާޅުވި އެވެ.
ޔުކްރޭން ލައްވައި އެމެރިކާ އަދި ހުޅަނގުން ކުރުވަނީ ވަރަށް ކޮސް ކަމެއް ކަމަށް ދިމިތުރީ ޕެސްކޯފް ވިދާޅުވި އެވެ. ހުޅަނގުން ޔުކްރޭނަށް ކޮށްދިން އެއްވެސް ކަމަކުން ހަނގުރާމަ ކާމިޔާބުވެއްޖެތޯވެސް ތަރުޖަމާން ވަނީ ސުވާލުކުރައްވާފަ އެވެ.
ޕެސްކޯފް ވިދާޅުވީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން ޔުކްރޭން ލައްވައި ރަޝިއާއަށް ހަމަލާދެނީ، އެމެރިކާގެ ކަރުހިއްކުން ފިލުވުމަށްޓަކައި ކަމަށެވެ. ރަޝިއާ ކުރިއަރައިގެންދާ ބާރުމިނަކީ އެމެރިކާއަށް ކެތްކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ޕެސްކޯފް ވިދާޅުވީ ޔުކްރޭން ހަނގުރާމައިގެ ސަަބަބުން ޔުކްރޭނަށް އެއްވެސް ކަމެއް ރަނގަޅު ނުވާނެ ކަަމަށެވެ. ޔުކްރޭން ހަލާކުވުން ނޫން ކަމެއް މިހާތަނަށްވެސް ފެނިފައި ނުވާއިރު، ޔުކްރޭނަށް ދެންވެސް ވާނީ ބޮޑެތި ގެއްލުން ކަމަށް ތަރުޖަމާން ވިދާޅުވި އެވެ.
އެމެރިކާ އާއި އިިނގިރޭސިވިލާތް އަދި ވިލާތުގެ ގައުމުތަކުން ޔުކްރޭނަށް ފޯރުކޮށްދޭ ދުރުރާސްތާ މިސައިލް ބޭނުންކޮށްގެން، ރަޝިއާގެ ކޮންމެ ތަނަކަށް ހަމަލާދިނުމުގެ ހުއްދަ ބައިޑަން ވަނީ ދެއްވާފަ އެވެ.
އެމެރިކާގެ ރައީސްގެ މަގާމު އަންނަ އަހަރު ޖެނުއަރީ 20 ވަނަ ދުވަހު ބައިޑަން ދޫކޮށްލެއްވުމުގެ ކުރިން ޔުކްރޭނަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ދަނީ ކޮށްދެއްވަމުންނެވެ. ބާރުގަދަ ހަތިޔާރު ބޭނުންކޮށްގެން ރަޝިއާއަށް ހަމަލާދިނުމަކީވެސް ބައިޑަން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެކެވެ.