އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ހޯމަދުވަހު ފޯނުކުރައްވައި ހާލުއަހުވާލު ބައްލަވައިފި އެވެ. އަދި މިއަށް ވުރެ ބޮޑަށް ދެ ލީޑަރުން ކުރެއްވީ ޔުކްރޭނާ ގުޅުންހުރި މަޝްވަރާތަކެވެ.
ބޮޑުވަޒީރު މޯދީ ހުކުރު ދުވަހު ޔުކްރޭނަށް ވަޑައިގެންނެވި އެވެ. އިންޑިއާގެ އިދާރާތަކުން ބޮޑުވަޒީރުގެ މި ދަތުރު އިއުލާންކުރުމާ ގުޅިގެން އެމެރިކާއިން ވަނީ އުންމީދީ ދަތުރަކަށް ވާނެ ކަމަށް ބުނެފަ އެވެ.
ރަޝިއާ އާއި ޔުކްރޭން ސުލްހަކުރުމުގައި ބޮޑުވަޒީރު މޯދީއަށް މުހިންމު ދައުރެއް އަދާކުރެއްވޭނެ ކަމަށް ގަބޫލުކުރާ ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ވެސް އޮތީ ބުނެފަ އެވެ.
ޖޯ ބައިޑަންއަށް ގުޅުއްވައި މޯދީ ވަނީ ޔުކްރޭން ދަތުރާ ބެހޭ ތަފުސީލު އަރުއްވަމުން ވިދާޅުވި، އިންޑިއާގެ ހައިސިއްޔަތަކީ ދެ ގައުމު ސުލްހަކުރުން ކަމަށެވެ.
ބޮޑުވަޒިރު މޯދީ އާއި ބައިޑަންގެ ފޯން ކޯލާ ބެހޭ ގޮތުން އިންޑިއާގެ ޚާރިޖީ ވުޒާރާގައި ބަޔާނުގައި އޮތީ ރަޝިއާ، ޔުކްރޭން ސުލްހަކުރުމަށް މެދުވެރިއަކަށް ވުމުގެ އިތުރުން، މަރުހަލާތައް އަވަސްކުރުމަށް ކުރެވެން ހުރި ކޮންމެ ކަމެއްގައި އިންޑިއާ ޝާމިލުވެވިދާނެ ކަމަށެވެ.
މޯދީގެ ފޯންކޯލާ ބެހޭ ގޮތުން ބައިޑަން ވިދާޅުވި އެއްޗެއް އޮޅުންފިލުވުމަށް އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ތަރުޖަމާން ޖޯން ކާބީއާ ސުވާލުކުރުމުން ވިދާޅުވީ ދެ ގައުމު ސުލްހަކުރުމުގައި ޒެލެންސީގެ ވިދާޅުވުމެއް ވެސް އޮންނަންވާނެ ކަމަށެވެ.
އަދި ރަޝިއާ އާއި ޔުކްރޭންއާ ދެމެދު މަޝްވަރާކުރާ ކޮންމެ ބަޔަކުވެސް ޒެލެންސްކީ ވިދާޅުވާ އެއްޗެއް ކަނުލައި އަޑުއަހަން ވާނެ ކަމަށެވެ.
ޒެލެންސްކީ ވެސް ސުލްހައަށް އެދިވަޑައިގަންނަވާ ކަމަށް ޖޯން ކާބީ ވިދާޅުވި އެވެ. މިހެން ކަން އޮތުމުން މަޝްވަރާތަކުގައި ޔުކްރޭންގެ ދައުރު ހަނިވެގެން ނުވާނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
ޖޯން ކާބީ ވިދާޅުވީ ޖޯ ބައިޑަންގެ ވިދާޅުވުމަކީ ޔުކްރޭނަށް ވަކި ދެރަ ގޮތެއް އޮވެގެން ނުވާނެކަން ކަމަށެވެ.
ރަޝިއާއާ އެކު ސުލްހައިގެ މަޝްވަރާތައް ފެށުމަށް ޒެލެންސްކިގެ ޝަރުތަކީ، ހަނގުރާމައިގެ ކުރިން ޔުކްރޭންގެ ބިންތައް އޮތް ގޮތަށް އެ މަގާމުތައް ޔުކްރޭނާ ހަވާލުކުރުމެވެ. އެ ނޫން ގޮތެއްގައި ރަޝިއާއާ މަޝްވަރާ ނުކުރައްވާނެ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.
ރަޝިއާގެ ކުރުސްކު އަވަށަށް ޔުކްރޭން ސިފައިން ވަދެގަނެ ދިން ހަމަލާތަކުގެ ސަބަބުން ޔުކްރޭނާ މަޝްވަރާކުރުމެއް ނެތް ކަމަށް ރަޝިއާ ވަނީ ބުނެފަ އެވެ.
ހަނގުރާމައިގެ ހާލަތުގައި ވެސް ޔުކްރޭނަށް ކުރިން ދިން ފުރުސަތުތައް މިހާރު ގެއްލިފައިވާ ކަމަށް ރަޝިއާއިން މިދާކަށް ދުވަހު އޮތީ ބުނެފަ އެވެ.