ދުނިޔެ

ޔުކްރޭނަށް ކުރިން ދިން ވަރުގެ އެހީތެރިކަމެއް ދެން ނުދެވިދާނެ: އެމެރިކާ

ޔުކްރޭނަށް ބޭނުންޖެހިއްޖެ ކޮންމެ ހިނދެއްގައި އެމެރިކާ އޮންނާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އަބަދުވެސް ބުނެ އެވެ. އެކަމަކު އެމެރިކާ އިން މިހާރު ބުނަނީ ޔުކްރޭނަށް ކުރިން ދިން ވަރުގެ އެހީތެރިކަމެއް ދެން ނުދެވިދާނެ ކަމަށެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާން މެތޫ މިލާ ވިދާޅުވި ގޮތުގައި އެމެރިކާއަށް އަބަދު ކަމުކިޔުމަށް ވުރެ ޔުކްރޭނަށް ރަނގަޅު ގޮތަކަށް ވާނީ އަމިއްލަ ފައިމައްޗަށް ތެދުވޭތޯ ބެލުމެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މެތޫ މިލާ ވިދާޅުވީ ޔުކްރޭނާ މެދު އެމެރިކާއިން މީގެ ކުރިން ވިސްނި ވިސްނުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

ޔުކްރޭން އަކީ އަމިއްލަ އަސްކަރިއްޔާއެއް އޮތް ގައުމަކަށް ވާތީ އެމެރިކާއިން ވިސްނީ ގައުމު ދިފާއުކުރެވޭ ވަރުގެ ގާބިލު ބަޔަކަށް އަސްކަރިއްޔާ ހެދުން ކަމަށެވެ.

މެދުއިރުމަތީގެ ހާލަތު މިހާރު ބަދަލުވަމުންދާ ގޮތުން ޔަހޫދީ ދައުލަތަށް އެމެރިކާއިން ކުރަން ޖެހޭ ހޭދަ ވަނީ އިތުރުވެފަ އެވެ.

ޔުކްރޭނަށް ފުރުސަތި ހަނިވަނީ މި ސަބަބާ ހެދި ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކަށް ތަރުޖަމާން ވިދާޅުވީ ޔުކްރޭނަކީ ވެސް އެމެރިކާއަށް ދޫކޮށްލެވެން ނެތް ގައުމެއް ކަމަށެވެ.

ޔުކްރޭންގެ އަސްކަރިއްޔާ އަށް އަމިއްލަ ފައިމައްޗަށް ތެދުވެވެންދެން އެމެރިކާގެ އެހީތެރިކަން އޮންނާނެ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ އޭގެ މާނަ އަކީ މީގެ ކުރިން ކުރި ވަރުގެ ބޮޑެތި ހޭދަތައް ކުރަން އެމެރިކާއަށް ދަތިވާނެ ކަމެވެ.

ޔުކްރޭނަށް ކުރަން ޖެހެނީ ވަރަށް ބޮޑެތި ހޭދަ ކަމަށް ވިދާޅުވެ ތަރުޖަމާން ވިދާޅުވީ އެމެރިކާއަށް އަދި ޔޫރަޕްގައި ތިބި އެމެރިކާގެ އެކުވެރިންނަށް ވެސް -- ޔުކްރޭނަށް ކުރިން ކުރި ވަރުގެ ބޮޑެތި ހޭދަތައް ދެން ނުކުރެވޭނެ ކަމަށެވެ.

ބޭރު ގައުމަކަށް ހޭދަކުރުމުގައި ދެމިތިބުމަކީ ކޮންމެ ސަރުކާރަކަށްވެސް ދަތި ކަމަކަށް ވާނެ ކަމަށްވެސް މެތޫ މިލާ ވިދާޅުވި އެވެ. އަދި ގާނޫނީ އޮނިގަނޑެއް ނެތި މާލީ ގޮތުން ބޮޑެތި ހޭދަތައް ބޭރު ގައުމަކަށް ފޯރުކޮށްދިނުމަކީ ސަރުކާރެއް ކުށްވެރިވެދާނެ ހާލަތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާއިން މީގެ ކުރިން ޔުކްރޭނަށް ކުރި ހަރަދުން ބޮޑު ބައެއް މިހާރުވެސް ވަނީ އުނިކޮށްފަ އެވެ. އެއީ ޔަހޫދީ ދައުލަތުން ޣައްޒާއަށް ދެމުން ގެންދާ އަނިޔާވެރި ހަމަލާތައް ދިގުދެންމުމަށް ޒަޔަނިސްޓް ސަރުކާރަށް އަސްކަރީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދޭން ހަދައިގެންނެވެ.