ދުނިޔެ

ރައީސްކަމަށް ހޮވިއްޖެ ނަމަ ގޫގުލްއަށް ދައުވާކުރަން ފޮނުވާނަން: ޓްރަމްޕް

އެމެރިކާގައި ނޮވެމްބަރު ފަހެއްގައި އޮންނަ ރިޔާސީ އިންތިހާބުގައި ރައީސްގެ މަގާމު ލިބިވަޑައިގެންފިނަމަ ގޫގުލްއަށް ދައުވާކުރަން ހުށަހަޅުއްވާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ގޫގުލްގެ މައްޗަށް ދައުވާކުރަން ހުށަހަޅުއްވާ ސަބަބަކީ -- ޓްރަމްޕް ވިދާޅުވި ގޮތުގައި -- ގޫގުލުން މައުލޫމާތު ހޯދާ މީހުންނަށް އޭނާއާ ގުޅޭ ގޮތުން މީހުން ދައްކާފައި ހުންނަ ގޯސް ވާހަކަތައް އެކަނި ފެންނަ ގޮތަށް ސާޗް އިންޖީނަށް ބަދަލުގެނެސްފައިވާތީ ކަމަށެވެ.

ކަމަލާ ހެރިސްއާ ބެހޭ ގޮތުން ގޯސް އެއްވެސް ކަމެއް ގޫގުލަށް ނުފެންނަ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.

ކަމަލާ ހެރިސް އަކީ ރިޔާސީ އިންތިހާބުގައި ޑޮނަލްޑް ޓްރަމްޕްގެ ވާދަވެރިޔާ އެވެ. އޭނާއާ އެންމެ ގާތުން ވަދަކުރައްވަނީވެސް ކަމަލާ ހެރިސް އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ބައެއް ސްޓޭޓްތަކުގައި ޓްރަމްޕަށް ވުރެ ކަމަލާގެ މަގުބޫލުކަން ބޮޑެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގައި އާންމުކޮށް އެންމެ ބޮޑު ވާދަވެރިކަމެއް އޮންނަނީ ޑިމޮކްރެޓިކް ޕާޓީ އާއި ރިޕަބްލިކަން ޕާޓީއާ ދެމެދު އެވެ. ޑޮނަލްޑް ޓްރަމްޕް އަކީ ރިޕަބްކިކަން ޕާޓީގެ ކެންޑިޑޭޓެވެ. ކަމަލާ ހެރިސް ވާދަކުރައްވަނީ ޑިމޮކްރެޓިކް ޓިކެޓުގަ އެވެ.

ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވަނީ އެމެރިކާގެ ރައީސްގެ މަގާމު އެއްދައުރު އަދާކުރައްވާފަ އެވެ. މިހެންކަމުން އޭނާއަށް އަދި އިތުރު އެއް ދައުރު -- ހަތަރު އަހަރުގެ ޓާމެއް އޮންނާނެ އެވެ.

އެމެރިކާގެ ރައީސްގެ މަގާމު ލިބިވަޑައިގެންފިނަމަ ކުރައްވާނެ ކަންތައްތަކާ ބެހޭ ގޮތުން ޓްރަމްޕް ގެންދަވަނީ އާންމު އެއްވުންތަކުގައި ވާހަކަދައްކަވަމުންނެވެ. މި ގޮތުން ޣައްޒާ ހަނގުރާމަ ހުއްޓުވުމާއި -- ރަޝިއާ އާއި ޔުކްރޭން ސުލްހަކުރުން ހިމެނެ އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި ޔުކްރޭން ހަނގުރާމަ ފެށުނުއިރު އެމެރިކާގެ ރައީސްގެ މަގާމުގައި އޭނާ ހުންނެވިނަމަ އެއީ ކުރާނެ ހަނގުރާމައެއް ނޫނެވެ. އަދި ރައީސްގެ މަގާމަށް ހޮވިވަޑައިގެންފިނަމަ، އެންމެ ފުރަތަމަ ކުރައްވާނެ ކަންތައްތަކުގެ ތެރޭގައި ޔުކްރޭން ހަނގުރާމަ ހުއްޓުވުން ހިމެނެ އެވެ.

ގޫގުލްއާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއިރު އޭނާ ވަނީ ފޭސްބުކްގެ ވެރިޔާ މާކް ޒުކަބާގަށް ވެސް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެމެރިކާގެ ޓެކް ކުންފުނިތަކަށް ބޭނުން ގޮތަކަށް ވިޔަފާރި ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.