ޣައްޒާގައި ދާއިމަށް ސުލްހަ ގާއިމުކުރުމަށް ހަމާސްއިން ހުށަހަޅާފައި އޮތް ހުށަހެޅުން ބަލައިނުގަންނަ ކަމަށް އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ. އޭނާ އަދި ވިދާޅުވީ ދާއިމީ ސުލްހަ އަކީ ހަމާސް ކަހަލަ ޣައިރު ގާނޫނީ ޖަމާއަތަކާ އެކު ގާއިމުކުރެވެނެ މުއާހަދާއެއް ނޫން ކަމަށެވެ.
ނަތަންޔާހޫ ވިދާޅުވި ގޮތުން ހަމާސްގެ ވާހަކަތައް ހުރީ ސުްލްހަ ގާއިމުކޮށްގެން ނޫން ގޮތަކަށް އަސީރުން މިނިވަން ނުކުރާ ގޮތަށެވެ. އެއީ ހަމާސްއަށް ހެދޭނެ ވަރަށް ބޮޑު ނުބަޔަކަށް ވެދާނެ ކަމަށް ޔަހޫދީންގެ ބޮޑުވަޒީރު ވިދާޅުވި އެވެ.
އަސީރުން މިނިވަން ނުކޮށް ބަހަނާދައްކަން ހަދައިފި ނަމަ، އޮތީ އިތުރު ހަމަލާތަކާ ކުރިމަތިލުން ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ. ހަމާސްއަށް މި ވަގުތު ސަލާމަތްކަން އޮތީ އަސީރުން މިނިވަންކޮށްގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނަތަންޔާހޫ ވިދާޅުވި ގޮތުން އެމެރިކާގައި މިހާރު އޮތް ޑޮނަލްޑް ޓްރަމް ސަރުކާރަކީ އިޒުރޭލު ބޭނުން ކޮންމެ ކަމެއް ކުރަން ހުއްދަދޭނެ ވެރިކަމެކެވެ. ހަމާސްއަށް އަލުން ހަމަލާދޭން ފެށުމަކީ އިޒުރޭލު ޝައުގުވެރިވާ ކަމެއް ނަމަ، އެކަން ހުއްޓުވާނެ އެއްވެސް ބާރެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާއާ އެކު ވެފައި އޮތް އެއްބަސްވުމުގައި 50 ދުވަސް ވަންދެން ހަމަލާނުދީ މަޑުކުރާނެ ކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.
މުސްލިމުންގެ މުގައްދަސް މައްސަރުގައި -- ރަމަޟާން މަހުގައި އަދި ޔަހޫދީންގެ ދިނީ އީދުތަކުގައި ހަމަލާތައް މެދުކަނޑާލަން އިޒުރޭލުން ހުށަހެޅި ނަމަވެސް، ހަމާސްއިން އަސީރުން މިނިވަންކުރުމުގައި މަކަރުހަދާ ނަމަ ދެރަ ގޮތްތަކެއް ވެދާނެ ކަަމަށްވެސް ނަތަންޔާހޫ ވިދާޅުވި އެވެ.
ހަމާސްއިން އަސީރުކޮށްފައި ތިބި ޔަހޫދީން ދޫނުކޮށްފި ނަމަ ޣައްޒާއަށް ކާބޯތަކެތި ވެއްދުން ހުއްޓުވާނެ ކަމަށްވެސް ނަޔަންޔާހޫ ވިދާޅުވި އެވެ. އިޒުރޭލުން ބުނާ ގޮތުން ހަމާސްގެ އަތްދަށުގައި 59 އަސީރަކު އަދިވެސް އެބަ ތިއްބެވެ. ނަމަވެސް، މިއީ ދުނިޔޭގައި ތިބި އަދަދުކަން ކަށަވަރެއް ނުކުރެވެ އެވެ.
ހަމާސްއިން ހިފަހައްޓާފައި ތިބި ޔަހޫދީން ދޫކޮށް ނިމުމާއެކު ޔަހޫދީ ބާރުތަކުން ޣައްޒާއިން މުޅިން ފައިބަން ޖެހެ އެވެ. އަދި އެ ހިސާބުން ޣައްޒާ ހަނގުރާމަ ހުއްޓާލައި ފުލުސްޓޮޕް ޖަހަން ޖެހެ އެވެ.
މިއީ އިޒުރޭލް އާއި ހަމާސްއާ ދެމެދު ހެދި ސުލްހައިގެ އެއްބަސްވުމުގައި އޮތް ގޮތް ނަމަވެސް، އެއްބަސްވުމުގެ ގިނަ މާއްދާތަކަށް އިޒުރޭލުން އިހުތިރާމެއް ނުކުރެ އެވެ. އިޒުރޭލުން އަމަލުކުރަނީ ޔަހޫދީންނަށް މޮޅު ގޮތް އޮންނަ ގޮތަށް -- ޔަހޫދީންނަށް އެންމެ ރަނގަޅު ގޮތަށެވެ.
ހަމާސްއިން އަސީރުން ދޫކުރުން މަޑުޖައްސާލައިގެން އުޅެނީ މި ސަބަބާ ހެދި އެވެ.