ދުނިޔެ

ޣައްޒާގެ ހަނގުރާމަ ހުއްޓާލަން އެމެރިކާ ބާރުއަޅާނެ: ބްލިންކެން

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ޖޯ ބައިޑަންގެ ސަރުކާރާއި ދުނިޔޭގެ ބައެއް ލީޑަރުން ހުށަހަޅުއްވާފައި އޮތް އެއްބަސްވުން ދަމަހައްޓަވައި ދިފާއުކުރައްވާނެ ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބަންދު ކޮޓަރީގައި ކުރެވުނު މަޝްވަރާތަކުގައި ބްލިންކެން ވިދާޅުވީ ޣައްޒާ ހަނގުރާމަ ހުއްޓާލަން އެމެރިކާއިން އިޒުރޭލަށް ޕްރެޝަރު ކުރިއެއް ކަމަކު އިޒުރޭލުގެ ދިފާއުގައި އެމެރިކާ އޮންނާނެ ކަމަށެވެ.

އިޒުރޭލު ދިފާއުކުރުމަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ރިޔާސީ ވައުދެއް ކަމަށްވެސް ބްލިންކެން ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ އިޒުރޭލަށް ޓެރަރިސްޓް ހަމަލާއެއް ދިނުމަކީ އެމެރިކާ އެދޭ ގޮތެއް ނޫން ކަމަށެވެ. އޮކްޓޯބަރު ހަތެއްގައި ހިނގައިދިޔަ ފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށް އެމެރިކާ ބާރުއަޅާނެ ކަމަށްސް ވިދާޅުވި އެވެ.

ބްލިންކެން ވިދާޅުވީ ހަނގުރާމައަށް ފަހުވެސް މެދުއިރުމަތީގައި ސުލްހަ ދެމެހެއްޓުމަށް ރޭވުންތަކެއް ރާވަން ޖެހޭ ކަމަށެވެ. އެމެރިކާގެ ވިސްނުމަކީ އިޒުރޭލަށް އަދި ފަލަސްތީނަށްވެސް މިނިވަން މާހައުލެއް އޮތުން ކަމަށް ވިދާޅުވި އެވެ.

އެމެރިކާގެ އެދުމަކީ ހަނގުރާމަ ފުޅާވެގެން ނުދިއުން ކަމަށާއި ސަރަހައްދީ މަސްލަހަތު ހިމާޔަތްކުރުމުގައި، ގައުމުތަކާ އެކު އެމެރިކާއިން މަޝްވަރާކުރާނެ ކަމަށްވެސް ބްލިންކެން ވިދާޅުވި އެވެ.

އިޒުރޭލުގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓްއާ ވަކިން ބައްދަލުކުރައްވައި އެންޓަނީ ބްލިންކެން ވިދާޅުވީ ހަނގުރާމާ ވީހާވެސް އަވަހަކަށް ނިންމަން ޖެހޭ ކަމަށެވެ.

ސުލްހައިގެ ހުށަހެޅުންތައް އިޒުރޭލުން އަދި ހަމާސްވެސް ގަބޫލުކުރަން ޖެހޭ ކަމަށްވެސް ބްލިންކެން ވިދާޅުވި އެވެ.

ޣައްޒާ ހަނގުރާމަ ދިގުލައިގެން ދާން ދޫކޮށްލައިގެން ނުތިބެވޭނެ ކަމަށްވެސް ބްލިންކެން ވިދާޅުވި އެވެ. އިޒުރޭލަށް އަދި ހަމާސްއަށް ވެސް މިހާރު އޮތް އެންމެ ރަނގަޅު ގޮތަކީ ބައިޑަން ހުށަހަޅުއްވާފައި އޮތް ސުލްހައިގެ ވިސްނުންތަކަށް އެއްބަސްވުން ކަމަށްވެސް ވިދާޅުވި އެވެ.

ބައިޑަންގެ ސުލްހައިގެ ހުށަހެޅުމުގައި އޮތީ ތިން ފިޔަވައްސަކަށް ބަހާލާފަ އެވެ. ފުރަތަމަ ފިޔަވަހީގައި އޮތީ ހަމަލާތައް ހުއްޓާލުމެވެ. އެއަށްފަހު އަސީރުންނާއި އެހެނިހެން ކުށްވެރިން ބަދަލުކުރުމެވެ.

ޣައްޒާއަށް އަރާ ތިބި އިޒްރޭލު ސިފައިން ފަލަސްތީންގެ އަވަށްތައް ދޫކޮށް ފޭބުން އޮތީ ތިންނަވަ ފިޔަވަހީގަ އެވެ.